ޗެމްޕިއަންސް ލީގު: އިންޓަ މިލާން ބަލިކޮށް ގްރޫޕްގެ އެއްވަނަ ރެއާލް މެޑްރިޑުން ހޯދައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އިންޓަ މިލާން ބަލިކޮށް ގްރޫޕް ޑީގެ އެއްވަނަ ރެއާލް މެޑްރިޑުން ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އިންޓަ މިލާންގެ މައްޗަށް ...

08 Dec 2021 | 05:30

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އިންޓަ މިލާން ބަލިކޮށް ގްރޫޕް ޑީގެ އެއްވަނަ ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އިންޓަ މިލާންގެ މައްޗަށް ރެއާލް މެޑްރިޑް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

މި ދެ ޓީމު ރޭގެ މެޗަށް ނުކުތް އިރުވެސް، ދެ ޓީމަށް ވެސް ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ކަށަވަރުވެފައެވެ. އެހެން ކަމުން ރޭގެ މެޗަކީ މި ދެޓީމުގެ މެދުގައި ގުރޫޕްގެ އެއްވަނަ، ދެވަނަ ކަނޑައެޅިގެން ދިޔަ މެޗެކެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ރެއާލުން މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ރެއާލް އަށް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯގެ އެހީތެރިކަމާއި އެކުގައެވެ.

ކްރޫސް ގެ ލަނޑާއި އެކު ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ރެއާލުން ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައިވަނީމެޗުގެ 79 ވަނަ މިނެޓުގައެވެ. މި ލަނޑު ކަވަހާލްގެ އެހީތެރި ކަމާއި އެކު ކާމިޔާބު ކޮށްދިނީ މާކޯ އެސެންސިއޯއެވެ.

ރޭގެ މި މޮޅާއެކު ރެއާލުން ގްރޫޕް ޑީގެ އެއްވަނަ ކަށަވަރުކުރީ ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. އިންޓަ މިލާނަށް ގުރޫޕުގެ ދެވަނަ ލިބުނު އިރު، އެޓީމަށް ދެވަނަ ލިބެނީ ކުޅުނު ހަމެޗުން ލިބުނު 10 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް