ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޕޯޓޯ ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް އެތުލެޓިކޯ މެޑްރިޑުން ކަށަވަރުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން އެތްލެޓިކޯ މޮޅުވީ ޕޯޓޯ އަތުން 1-3 ގެ ނަތީޖާއަކުންނެވެ.
ޕޯޓޯގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ އެތުލެޓިކޯގެ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒް އަށް އަނިޔާވެ ދަނޑުން ބާލަން ޖެހުނުއިރު، މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.
ދެވަނަ ހާފަށް ކުޅެން ނިކުމެ މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެތްލެޓިކޯއިން މެޗުގެ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ. މި ލަނޑަށް ފަހުވެސް އެތްލެޓިކޯއިން ރަނގަޅަށް ކުޅެމުން ދަނިކޮށް މި މެޗުގައި ހިނގި ހަމަ ނުޖެހުމެއްގެ ތެރޭގައި އެޓީމުގެ ޔަނިކް ކަރާސްކޯއަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލިއެވެ. މި ހަމަނުހެމުގެ ތެރެއިން ޕޯޓޯގެ ވެންޑެލް އާއި އެ ޓީމުގެ ބަދަލު ކީޕަރު އޮގަސްޓިން މާޗެސިންއަށްވެސް ރަތް ކާޑު ދެއްކިއެވެ. މާޗެސިންއަށް ރަތް ކާޑު ދެއްކީ ބެންޗުގައި އިންދައެވެ.
އެތްލެޓިކޯގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެންހެލް ކޮރޭއާ ކާމިޔާބުކުރި އިރު، މެޗުގެ އިތުރު ވަގުތުގައި ރޮޑްރީގޯ ޑެ ޕޯލް ވަނީ އެތުލެޓިކޯގެ ތިންވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މި މެޗުގައި ޕޯޓޯގެ ހަމަ އެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން އިތުރުވަގުތުގެ ފަހު މިނެޓުގައި ކާމިޔާބު ކުރީ ސާޖިއޯ އޮލިވޭރާ އެވެ.
މި ގުރޫޕުގައި ހިމެނޭ ލިވަޕޫލާއި އޭސީ މިލާން ރޭ ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލިވަޕޫލުންނެވެ. ރޭގެ މެޗުން ލިވަޕޫލް މޮޅުވިއިރު، އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ. އެޓީމަށް ވަނީ ހަ މެޗުން 18 ޕޮއިންޓް ލިބިފައެވެ. ދެ ވަނަ ލިބެނީ ހަ މެޗުން ހަތް ޕޮއިންޓް ލިބުނު އެތުލެޓިކޯއަށެވެ. އެތްލެޓިކޯ ގަދަ 16 ވަނަ ބުރަށް ދަތުރުކުރީ ދެވަނަ ޓީމުގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް