ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕު ސްޓޭޖުގެ އެންމެ ފަހު މެޗުގައި އަންގާރަ ދުވަހުގެ ރޭ ކުލަބް ބްރޫޖްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބްރޫޖްގެ މައްޗަށް ޕީއެސްޖީން ކުރި ހޯދީ 1-4 ގެ ނަތީޖާއިންނެވެ.
ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކި މި މެޗު ފެށިގެން ފުރަތަމަ 10 މިނެޓުގެ ތެރޭ ކީލިއެން އެމްބާޕޭ ވަނީ ޕީއެސްޖީއަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެގޮތުން ޕީއެސްޖީން ލީޑުނެގި ލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި އެމްޕާޕޭ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު އެމްބާޕޭ ޖެހީ މެޗުގެ ހަތްވަނަ މިނެޓުގައި އެހެލް ޑިމާރިއާގެ އެހީތެރި ކަމާއި އެކުގައެވެ.
ޕީއެސްޖީގެ ތިންވަނަ ލަނޑު ލިއޮނެލް މެސީ ކާމިޔާބު ކޮށްދިންއިރު، މެސީ މި ލަނޑު ޖެހާފައިވަނީ މެޗުގެ 38 ވަނަ މިނެޓުގައި އެމްބާޕޭގެ އެހީތެރިކަމާއި އެކުގައެވެ.
ތިން ލަނޑުގެ ލީޑަކާއި އެކުގައި މެޗުގެ ފުރަތަމަ ހާފު ޕީއެސްޖީން ނިންމާލިއިރު، އެޓީމުގެ ހަތަރު ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މެސީއެވެ.
ކުލަބް ބުރޫޖްއިން މި މެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ރިޓްސްއެވެ.
މި ގުރޫޕު އޭގައި ހިމެނޭ އާރްބީ ލީޕްޒިގް އަދި މެންވެސްޓާ ސިޓީ ރޭ ބައްދަލުކުރި މެޗުން މެންޗެސްޓާ ސިތީ ވަނީ ބަލިވެފައެވެ. އެޓީމު ވަލިވީ ލީޕްޒިގް އަތުން 0-2 ގެ ނަތީޖާއިންނެވެ.
ރޭގެ މި ނަތީޖާތަކާއި އެކު ގުރޫޕް ސްޓޭޖުގެ ކުޅުން ނިމުމަކަށް އައި އިރު، މި ގުރޫޕުގެ އެއްވަނާގައި 12 ޕޮއިންޓާއި އެކު އޮތީ ސިޓީއެވެ. ޕީއެސްޖީ އޮތީ 11 ޕޮއިންޓާއި އެކު ދެވަނާގައެވެ. ތިންވަނަ ލިބެނީ ލީޕްޒިގް އަށެވެ. މި ގުރޫޕުގެ އެންމެ ފުލުގައި އޮތީ ހަތަރު ޕޮއިންޓާއި އެކު ބުރޫޖްއެވެ.
މި ގުރޫޕުން ގަދަ 16 ވަނަ ބުރު ކަށަވަރު ކުރި ދެޓީމަކީ ސިޓީއާއި ޕީއެސްޖީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް