ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް އަހުމަދު މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއް ސުއޫދު، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފިއެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފަނޑިޔާރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މި ދެ ބޭފުޅުން މިއަދު އައްޔަންކުރައްވާފައިވާއިރު މި ދެބޭފުޅުންނަށްވެސް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ރުހުން ދީފައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް އައްޔަންކުރަން ފާސްވެފައިވަނީ 68 ވޯޓާއެކުގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އައްޔަންކުރަން ފާސްކޮށްފައިވަނީ މަޖިލީހުގެ 64 މެމްބަރުންގެ ވޯޓުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއް ސުއޫދު މިއަދު އައްޔަންކުރައްވާފައިވާއިރު މިއަދާއި ޖެހެންދެން ހުސްނުއްސުއޫދު ހުންނެވީ ރގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހް އުފެއްދެވި ކޮމިޝަނުގެ ރައީސަކަށެވެ. އެ މަގާމުން ސުއޫދު މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް