މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާ އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އައްޑޫސިޓީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
އަދި މި ދެމީހުންގެ ތެރެއިން 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަރަދޫފޭދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ 01:15 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެނެވެ.
މި އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ފޭދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ 23:05 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 46 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
މި ދެ މައްސަލަވެސް ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް