އަޅުގަނޑުމެނެގެ ތެރެއިން ކޮންމެ މީހެއްވެސް ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ވާނީ އަސްލުނޫން އެއްޗެއްގެ ޝިކާރައަކަށް ވެފައެވެ. އެއީ ލޯބީގެ ގޮތުން ވިޔަސް މެއެވެ. ލޯބީގައި އަސްލާއި ފޭކު ވަކިކުރަން އުނދަގޫވިޔަސް ހިފާގެންގުޅޭ ތަކެތިގެ އަސްލާއި އަސްލުނޫން ވަކިކުރުމަކި އެހާ އުނދަގޫކަމެއް ނޫނެވެ. ވިޔަފާރިކުރުމަށް ލޯބިކުރާނަމަ އަސްލާއި އަސްލުނޫން އެއްޗެހި ވަކިކުރަން އެނގުމަކީ ވަރަށް މުހިއްމުކަމެވެ. މިގޮތުން ސަމާލުކަން ދޭންޖެހޭ ބައެއްކަންކަން ފާހަގަކޮށްލާނަމެވެ.
ސްޕެލިންގ:
އަސްލާއި އަސްލުނޫން ވަކިކުރަން އެންމެ ފަސޭހަ ގޮތަކީ އޭގައި ހުންނަ ލޭބަލްގައި ލިޔެފައި ހުންނަ ލިޔުންތަކުގައި "ސްޕެލިންގ މިސްޓޭކް" ހުރުމެވެ. އެންމެ ފުރަތަމަ ބަލާނި ބްރޭންޑްގެ ނަމުގައި އެއްވެސް އަކުރެއް މަދުތޯއެވެ. އަދި އެއަށްފަހު އޭގައި އެކުލެވިގެންވާ އެއްޗެހި އަދި ބޭނުންކުރާނެ ގޮތް ކިޔާދީފައިވާ ލިޔުމުގައި އެއްވެސް ބަހެއްގައި އަކުރެއް މަދުވެ ގިނަވެ ވެފައިވޭތޯއެވެ. އެއްޗެހީގެ ކޮލިޓީ ހިފެހެއްޓުމައްޓަކައި އުފައްދާ ފަރާތަކުން ސަމާލުކަންދޭ ކަމެއް ގޮތުގައި ވެފައިވަނީ އޭގައި ލިޔެފައިވަ ލިޔުންތައް އެންމެ ފުރިހަމައަށް ކަސްޓަމަރުންނަށް ގެނަސް ދިނުމެވެ. ޗެކުކުރުމާއި ރީ-ޗެކުކުރުމުގެ މަރުޙަލާތަކުގައި މިފަދަ ކުށްތައް ރަނގަޅުކުރާނެއެވެ. އާންމުންގެ ތެރެއަށް އެ އެއްޗެއް ނެރޭނީ އެއަށްފަހުގައެވެ.
ގުޅޭނެ ނަންބަރު ނުވަތަ އީމެއިލް އެޑްރެސް:
އަސްލުނޫން އެއްޗެހި އުފައްދާ ފަރާތްތަކުން އާންމުގޮތެއްގައި އުފެއްދި ފަރާތާއި ގުޅޭނެ ނަންބަރ، އީމެއިލް އެޑްރެސް، ކުންފުނީގެ އެޑްރެސް ނުވަތަ މިނޫންވެސް މިފަދަ މަޢުލޫމާތު ނުހިމަނާނެއެވެ. އެއީ އެއެއްޗަކާއި މެދު ކަސްޓަމަރު ހިތްހަމަނުޖެހިއްޖެނަމަ ޝަކުވާކުވާކުރާނެ މަގު ބަންދުކުރުމަށްޓަކައެވެ. އަދި މިފަދަ މަޢުލޫމާތު ހިމަނާފައިވާނަމަ އެންމެ ބުއްދިވެރި ގޮތަކީ ޔަޤީންކުރުމަށްޓަކައި އެބައެއްގެ އޮރިޖިނަލް ވެބްސައިޓުގައި ދީފައިވާ މަޢުލޫމާތުތަކާއި ދިމާވޭތޯ ބެލުމެވެ.
ބަންދުކޮށްފައިވާ ގޮތް:
ރަނގަޅު ބްރޭނޑްތަކުގެ އުފެއްދުންތައް ބަންދުކުރުމުގައި ވީހާވެސް މޮޅުކޮލިޓީގައި ބަންދުކުރުމަށް ކުންފުނިތަކުން ސަމާލުކަން ދެއެވެ. އަދި މިކަމަށް ބޮޑު ހޭދައެއްވެސް ކުރެއެވެ. އޮރިޖިނަލް އެއްޗެއްނަމަ އެ އެއްޗެއް ބަންދުކޮށްފައި އޮތް ފޮށިގަނޑަށް ބަރާބަރަށް ފިޓުވާނެއެވެ. އަދި ބަންދުކުރުމަށް ބޭނުންކޮށްފައިވާ ފޮށިގަނޑު، ކަރުދާސް އަދި ޕްލާސްޓިކްފަދަ އެއްޗެއްސަކީ މޮޅު ކޮލިޓީގެ އެއްޗެއްސައްވާނެއެވެ.
ފޮންޓާއި ލޯގޯ:
ސްޕެލިންގގެ މައްސަލައާއި އެއްގޮތަށް އަސްލުނޫން ލޯގޯ، ބްރޭނޑްގެ ނަން އަދި ޓްރެޑްމާރކްސް ލޯގޯއަށް ވިސްނައިލާނަމަވެސް އަސްލާއި އަސްލުނޫން އުފެއްދުންތައް ވަކިކުރެވޭނެއެވެ. ބްރޭންޑް ނަން އަސްލާއި ތަފާތު ފޮންޓަކުން ލިޔެފައި ނުވަތަ އަކުރުތަކުގެ ކުޑަބޮޑުމިން އަސްލާއި ތަފާތުވެފައި ހުރުމަކީ ފާހަކަ ކުރެވޭނެ ކަންކަމެވެ. އަސްލު ލޯގޮގައި ނެތް އެއްޗެއް ލޯގޯއަށް އިތުރުކޮށް ނުވަތަ ލޯގޯއި ބައެއް އުނިކޮށް ހަދާފަވެސް ހުރެދާނެއެވެ. އަދި ހަމަ އެހެންމެ އަސްލު އުފެއްދުމުގައި ހުންނަ ބްރޭންޑް ނަން ނުވަތަ ލޯގޯއާ ތަފާތު ކުލައަކުން ހުރެދާނެއެވެ. ބައެއް ފަހަރު އަސްލު އުފެއްދުމުގައި ހުންނަ ނަމާއި ލޯގޯގައޮ އޮފްކަމެއް ހުންނައިރު އަސްލުނޫން އެއްޗެހީގައި އޮފްކަމެއް ނުހުރެއެވެ.
އުފެއްދުމާއިއެކު ލިބޭ އިތުރު އެއްޗެހި:
މީގެތެރޭގައި، "އިންސްޓްރަކްޝަން މެނުއަލް"އާއި ވޮރެންޓީކާޑު ފަދަ އެއްޗެހި ހިމެނެއެވެ. ޚާއްސަކޮށް ކަރަންޓު ވަޞީލަތްތަކުގައި މިދޭތިވެސް އާންމުގޮތެއްގައި ހިމެނޭނެއެވެ. އަދި ބައެއް ކަރަންޓު ވަޞީލަތްތައް ގަންނައިރު ބެޓެރި، އިސްކުރު، ޕްލަގު، ތްރީޕިން ފަދަ އެއްޗެހިވެސް އޮރިޖިނަލް އުފެއްދުމާއެކު ލިބެއެވެ.
އަގު:
އާންމުކޮށް އަސްލު އުފެއްދުން ލިބެން ހުންނަ އަގަށްވުރެ މާބޮޑުތަން އަގުހެޔޮކޮށް ނުވަތަ ޤަބޫލުނުކުރެވޭހާވެސް ބޮޑު ޑިސްކައުންޓަކާއި އެކު އެއްޗެއް ވިއްކާނަމަ އެންމެ ގާތީ އެއެއްޗެއް އެއީ އަސްލުނޫން އެއްޗެއްކަމަށްވުމެވެ. ކޮންމެ އެއްޗެއްގައިވެސް އެއެއްޗެއް އުފައްދާ ފަރާތުން "މިނިމަމް ޕްރައިޒް ރޭންޖް" ކަނޑައަޅާފައި ހުންނާނެއެވެ. މިއަގު އާންމުގޮތެއްގައި އެއުފެއްދުމެއްގައި ލިޔެފައި، ނުވަތަ އެބައެއްގެ އޮރިޖިނަލް ސައިޓުން އެނގެން ހުންނާނެއެވެ. "ބޮޑު ޑިސްކައުންޓު"ގައި މިއަގަށްވުރެ މާބޮޑުތަން ހެޔޮފައި ހުރިނަމަ ޔަގީނުންވެސް އެއީ އަސްލުނޫން އުފެއްދުމެކެވެ.
އަދި މިނޫނަސްވެސް ތަފާތު އެތައްގޮތަކަށް އަސްލާއި އަސްލުނޫން އުފެއްދުންތައް ވަކިކުރެވޭނެއެވެ. ނަމަވެސް ގިނަފަހަރު އެއީ ފަސޭހަކަންކަމެއް ނޫނެވެ. ފުރަތަމަ ދުވަސްކޮޅު މިފަދަ ކަންކަމަށް ބެލުމަކީ ވަރަށް ވަގުތުދާކަމެއް ނަމަވެސް ގިނަގިނައިން މިފަދަކަންކަމަށް ބަލަން ފެށުމުން އަސްލުނޫން އެއްޗެއް ފެންނައިރަށް ދެނެގަނެވޭލެއް ފަސޭހަވާނެއެވެ. އަސްލާއި އަސްލުނޫން ދެނެގަތުމަށް ތިޔަކިޔުންތެރިން ބޭނުންކުރާ އުކުޅުތަކަކީ ކޮބައިހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް