މަސްވެރިންގެ ޝަކުވާ: މަހަށް ފައިސާދީފަ މަސްވެރިންގެ ދުވަސް ފާހަގަކުރޭ!

ކޮންމެ އަހަރަކުވެސް ފާހަގަކުރާ މަސްވެރިންގެ ދުވަސް، ޑިސެމްބަރު ދިހައެއް މި އޮތީ ބޯމަތީގައެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާ އާއި މަސްކުންފުނިތައް ގުޅިގެން އެކްސްޕޯ ބާއްވަނީއެވެ. ދިވެހި ރާއްޖޭގެ 39 ވަނަ މ...

07 Dec 2019 | 21:12

ކޮންމެ އަހަރަކުވެސް ފާހަގަކުރާ މަސްވެރިންގެ ދުވަސް، ޑިސެމްބަރު ދިހައެއް މި އޮތީ ބޯމަތީގައެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާ އާއި މަސްކުންފުނިތައް ގުޅިގެން އެކްސްޕޯ ބާއްވަނީއެވެ. ދިވެހި ރާއްޖޭގެ 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ހުރަވީ ސްކޫލްގައި މިހާރު ކުރިއަށްދާ ފިޝަރީޒް އެކްސްޕޯ އަށް ރައީސުލްޖުމްހޫރިއްޔާވެސް ވެސް ވަނީ ވަޑައިގެންފައެވެ. ދިވެހި ސަރުކާރުން މަސްވެރިކަމަށް ދެވޭ އަހައްމިއްޔަތުކަމެއްގެ ބޮޑުކަމުން ބާއޭ ހިތައް އަރައެވެ. އެހެނަސް އަސްލު މަސްވެރިންގެ ހާލާއި މެދު ދިވެހި ސަރުކާރުންވެސް އަދި މަސްވެރިކަމާއި ގުޅޭ ކުންފުނިތަކުންވެސް ވިސްނާލާތޯ ސުވާލު އުފެދެއެވެ.

ބާނާ މަހަށް ފައިސާ ލިބުން ދަތި

މަސްވެރިންގެ ޝަކުވާ ވަރަށް ސާފެވެ. މަސް ކިރުމަށްފަހު މަހަށް ފައިސާ ނުލިބެއެވެ. ދެކުނުން މަސްވެރިކަން އެއްމެ ރަނގަޅަށް ކުރާ އެއް ރަށް ކަމަށްވާ ގއ. ގެމަނަފުށިން 'ދުވަސް' ނޫހާއި ވާހަކަ ދެއްކި އޮޑިވެރިއެއް ބުނީ މަސްކިރުމަށް ފަހު ދެ ހަފްތާ ތިން ހަފްތާވާއިރުވެސް ބިލްތަކަށް ފައިސާ ނުލިބޭ ކަމަށެވެ.

" ބިލްތަކަށް ފައިސާ ނުލިބި ދެ ހަފްތާ ތިން ހަފްތާ އެބަދޭ. ފައިސާ ނުލިބޭތީ މަސްވެރިން އުޅެން ޖެހެނީ ވަރަށް ދަތި ހާލުގައި" އޭނާ ބުންޏެވެ. އެހެންނަމަވެސް މަސްވެރިކަން ދަށް ދުވަސްވަރު ބައެއް ފަހަރު ބިލްތަކަށް ގަވައިދުން ފައިސާ ލިބޭކަން އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން އެ ފަރާތުން ފާހަގަކުރި އަނެއް މައްސަލައަކީ ބިލްތަކަށް ފައިސާ ޖަމާނުކޮށް މަސްވެރިން ކައިރީ އެ ފައިސާ ޖަމާކޮށްފީމޭ ބުނާ މައްސަލައެވެ. " ފައިސާ ޖަމާނުކޮށް މަސްވެރިން ކައިރީ ފައިސާ ޖަމާކޮށްފީމޭ ބުނީމަ، މަސްވެރިންނާއި އޮޑިވެރިންނާއި ދޭތެރޭ މައްސަލަ ޖެހޭނީ. މީ ވަރަށް ދެރަ ކަމެއް." އޭނާ ބުންޏެވެ.

ގެމަނަފުށިން ވާހަކަދެއްކި މަސްވެރިއަކު ބުނީ ގއ. ކޫއްޑޫއިން މަސްވެރިންނަށް އެކަށީގެންވާ ހިދުމަތެއް ނުލިބޭކަމަށެވެ. އެގޮތުން އައިސް ލިބުމުގައި އަދިވެސް ދަތިތަކެއް އެބަހުރިކަމަށް އޭނާ ބުންޏެވެ.

ކ. ގާފަރުން ވާހަކަ ދެއްކި އޮޑިވެރިޔަކު ބުނީ މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްބާނައިގެން އައިސް މަސްކިރުވުމަށް ދެތިން ދުވަހު ކިއުގައި އޮންނަންޖެހުމެވެ. މީ މަސްވެރިންނަށް ގެއްލޭ ވަރަށް މުހިއްމު ވަގުތާއި އާމްދަނީ ކަމަށް އޭނާ ބުންޏެވެ.

" ކިރިޔާވެސް މަސްވެރިކަން ރަނގަޅު ވެއްޖެއްޔާ ފެލިވަރު މި އޮންނަނީ ފުލްވެފަ. މަސްނުކިރިގެން ކިއުގަ މި އޮންނަންޖެހެނީ. މިވަރުވެސް މި ވަނީ އަމިއްލަ ކުންފުނިތަކުން މަސް ގަންނާތީ" އޭނާ ބުންޏެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި މަސްވެރިކަންކުރާ މަސްވެރިންގެ ޝަކުވާ އަކީ ހަމަ އެއް ޝަކުވާއެކެވެ. މުޅި ހަފްތާގައި ރެއާއި ދުވާލު ބުރަ މަސައްކަތްކޮށްގެން ބާނާ މަސްކޮޅަށް ފައިސާ ނުލިބުމެވެ.

އަހަރެއް ވީ އިރު ރައީސްގެ ވައުދެއް ނުފުދި

މިދޔަ އަހަރުގެ މަސްވެރިން ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ގެމަނަފުށީގައި އިތުރު އައިސްޕްލާންޓެއް ގާއިމުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެހެނަސް އެ ވައުދަށް އެއް އަހަރުވީއިރު އަދިވެސް އަމަލީ ސިފައެއް ނާދެއެވެ.

ސިޔާސީ މީހުންނަށް މަސްވެރިން ފެންނަނީ ވޯޓަށް ވީމަ

ކޮންމެ ރިޔާސީ އިންތިޚާބެއްގައި މަސްވެރިންނަށް އެތައް ފޮނި ވައުދުތަކެއް ވެއެވެ. ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާގެ ވާހަކަ އެވެ. މަހަށް ބޮޑު އަގު ދޭނެ ވާހަކައެވެ. ގޭދޮށު މަސް ފެކްޓަރީގެ ވާހަކައެވެ. ޕްލްޓްފޯމްތަކުގެ ވާހަކައެވެ. އެހެނަސް ހަގީގަތަކީ އިންތިޚާބު ނިމުމުން މަސްވެރިން މަތިން ހަނދާން ނައްތާލައެވެ. ސިޔާސީ ވެރިންނެވެ. މަސްވެރިންނަކީ ވެސް ދިވެހި ލޮބުވެތި ރައްޔިތުންނެވެ. ގައުމުގެ އިގްތިސާދުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. އެމީހުންނަށް ހައްގުވާ މިންވަރުދޭށެވެ.

މަންޒަރު ރީތިކުރުމަށް ފާޑު ފާޑު އެކްސްޕޯއަށް ޚަރަދުކުރުމަށްވުރެ މަސްވެރިންނަށް ދަރާއޮތް ދަރަނި ދެއްކުން މާ އައުލާކަން ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް