އެލައިޑް އިންބައުންޑްގެ ނަމުގައި، ފަތުރުވެރިންނަށް އަމާޒުކޮށްގެން ކޯވިޑް އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކޮށްފި

ފަތުރުވެރިންނަށް އަމާޒުކޮށްގެން ކޯވިޑް އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފް ކޮށްފި އެވެ. މި ޕެކޭޖު ތަޢާރަފް ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާ އެލައިޑް އިންޝުއަރެންސް ގުޅިގެންނެވެ. މި ރަސްމިއްޔާތުގައި ވާ...

08 Oct 2020 | 12:34

ފަތުރުވެރިންނަށް އަމާޒުކޮށްގެން ކޯވިޑް އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފް ކޮށްފި އެވެ.

މި ޕެކޭޖު ތަޢާރަފް ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާ އެލައިޑް އިންޝުއަރެންސް ގުޅިގެންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމު ވިދާޅުވީ ބޯޑަރު ހުޅުވުމާއެކު އެންމެ ބޮޑު ގޮން ޖެހުމަކަށް ދިމާވީ ފަތުރުވެރިންނަށް އިންޝުއަރެންސް ހޯދައި ދިނުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރި ކަަމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަފާޒު ވިދާޅުވީ މި ޕެކޭޖުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިން ކޯވިޑަށް ޕޮޒިޓިވް ވުމަށްފަހު، ދާ ޚަރަދު ކަވަރު ކުރާނެ ކަމަށެވެ.

"މި ޕެކޭޖުގަ އައިސޮލޭޝަން ފެސިލިޓީއަށް ހިނގާ ޚަރަދު، އިމަޖެންސީ ހާލަތްތަކުގައި މެޑިކަލް ފެސިލިޓީއަށް ގެންދިއުމަށް ކަނޑުމަގުން ހިނގާ ޚަރަދު، އިމަޖެންސީ ހާލަތްތަކުގައި ބޭސްފަރުވާއަށް ހިނގާ ޚަރަދުއަދި މަރުވެއްޖެނަމަ، ވަޅުލުމަށް ހިނގާ ޚަރަދު ހިމެނޭ" ޝަފާޒު ވިދާޅުވި އެވެ.

ފަތުރުވެރިން ރާއްޖެ އައުމުގެ 1 ދުވަސް ކުރިން މި ޕެކޭޖު ނަގަންޖެހޭ އިރު، މި ޕެކޭޖު އެހެން މީހެއްގެ ނަން މައްޗަށް ބަދަލެއް ނުކުރެވޭނެ އެވެ. އަދި މިއީ ނަންރިފަންޑަބަލް ޕެކޭޖެކެވެ.

އެލައިޑް އިންބައުންޑް އަދި އެލައިޑް އިންބައުންޑް ޕްލަސް ޕެކޭޖު ހަތް ދުވަހަށް ނުވަތަ ހަތް ދުވަހަށްވުރެ ދިގު މުއްދަތަކަށް މި ދެ ޕެކޭޖު ވެސް ނެގޭނެ ކަމަށް އެލައިޑުން ބުންޏެވެ.

ޕެކޭޖުތައް:

  • އެލައިޑް އިންބައުންޑް: ހަތް ދުވަހަށް 25 ޑޮލަރު، ހަތް ދުވަހަށްވުރެ އިތުރުވާނަމަ 35 ޑޮލަރު
  • އެލައިޑް އިންބައުންޑް ޕްލަސް: ހަތް ދުވަހަށް 35 ޑޮލަރު، ހަތް ދުވަހަށްވުރެ އިތުރުވާނަމަ 45 ޑޮލަރު

ދެ ޕެކޭޖުގައި މައިގަނޑު ތަފާތަކީ ދެ ޕެކޭޖުން ޓްރާންސްޕޯޓް، ބޭސްފަރުވާ އަދި ފެސިލިޓީއަށް ހިނގާ ޚަރަދު ކަވަރުކޮށްދޭ ލިމިޓެެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގައި ރައްކާތެރިކަމާއި ސެކިއުރިޓީ އޮތްކަން ހާމަކޮށްދިނުމުގެ މަގުސަދުގައި ތަޢާރަފްކުރި މި އިންޝުއަރެންސް ޕޮލިސީގެ ސަބަބުން ފަތުރުވެރިކަމުގައި ޚިދުމަތްދޭ ތަންތަނަށް މީގެ ކުރިން ކުރިމަތިވި، ބޮޑެތި ދަތިތަކަކަށް ހައްލެއް ލިބުނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް