ތިންގަޑިއިރަށް ދެމިގެންދިޔަ ދިގު އޮޕަރޭޝަނަސްފަހު ތިއޭޓަރުގެ ދޮރު ހުޅުވުނެވެ. ނަރުސްކުއްޖަކު ނިކުމެގެންއައީ ހާމިދު ހުރި ދިމާލަށެވެ. އެ ކުއްޖާގެ އަތުގައި ހުދު ސާލެއް އޮޅާލާފައި އެއޮތީ ހާމިދުގެ ދަރިފުޅުކަން ޔަގީނެވެ. ހާމިދަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އެ ތުއްތު ދަރިފުޅު ހާމިދުގެ އަތަށް ފޯރުކޮށްލަމުން އެއީ އަންހެންކުއްޖެއްކަމުގައި ނަރުސްކުއްޖާ ބުންޏެވެ. އެ ތުއްތު ތުއްތު މޫނަށް ބަލާލެވުމާއެކު ލޯ ފުރިގެން ބަންޑުންވިއެވެ. ހާމިދު ބައްޕައަކަށް ވީއެވެ. ކުރަމުންއައި އުންމީދުތައް ފުރިހަމަވީއެވެ. ދަރިފުޅު މެޔާލާ ބޮޑިކޮށްލިއެވެ. ލޯތްބާ ކުލުނުން ހަމިދުގެ ހިތްފުރި އުތުރުގަތެވެ. ލޯބިލޯބިކޮށް ނިދާލާފައިއޮތް ދަރިފުޅުގެ ފިޔާތޮށިކުލައިގެ ކޯތާފަތުގައި ތުންފަތް ޖައްސާލީ ﷲ އަށް ޙަމްދު ކުރަމުންނެވެ.
''ނާޒިމާ....'' ހާމިދަށް ނާޒިމާގެ ނަން ކިޔާލެވުމާއެކު ކަންބޮޑުވުން އެކުލެވޭ ނަޒަރަކުން ނަރުސްކުއްޖާއާދިމާލަށް ބަލާލެވުނެވެ.
''ނާޒިމާ ކިހިނެތް؟...... ބައްދަލު ކުރެވޭނެތަ؟..... ނާޒިމާ ދެކިލަން ބޭނުން.....'' ކޮށި އިނގިރޭސިބަހުން ވާހަކަދެއްކިނަމަވެސް ނަރުސްކުއްޖާއަށް ހާމިދު ކީ ހުރިހާއެއްޗެއް އެނގުނެވެ. އެކުއްޖާގެ ހަމަހިމޭންކަމުން ހާމިދަށް ކޮންމެވެސް ގޯހެއް އުޅޭކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.
''ޝީ އިޒް ނޯ މޯ...'' ނަރުސްކުއްޖާ އިސްޖަހާލަމުން ދިން ޖަވާބުން ހާމިދަށް ތެޅިގަނެވުނެވެ. އެއީ ހާމިދު އަޑުއަހަން ބޭނުންވި ޖުމްލައެއް ނޫނެވެ. ދުވަހަކުވެސް އުންމީދު ކުރިގޮތެއް ނޫނެވެ. ހުވަފެނަކުންވެސް ފެންނަން ބޭނުންވި ގޮތެއް ނޫނެވެ. ނާޒިމާ ހާމިދު ދޫކޮށް ދިޔައީހެއްޔެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެއީ ޑޮކްޓަރުންގެ ކުށްހީއެކެވެ. ނަޒިމާ ހެޔޮހާލުގައި ހާމިދާ ބައްދަލުކުރާނެއެވެ. ދަރިފުޅާއެކު އުފާވެރި ދިރިއުޅުމެއް އަދި އުޅެވޭނެއެވެ.
ހާމިދުގެ ގައިން ވަރު ދޫވެގެން ތިރިވާންފެށިއެވެ. ނަރުސްކުއްޖާ ހުޝިޔާރުކަމާއެކު ދަރިފުޅު ހާމިދު އަތުން އަތުލިއެވެ. ބޮލުގައި ދެއަތް އަޅައިގެން ހާމިދު ތިރިވީ ބިންމައްޗަށެވެ. ގިސްލާ ރޮއިގަނެވުނެވެ. އަޑުން އަޑުނަގާރޯން އޭނާ ބޭނުންވިއެވެ. ވީވެސް އެހެންނެވެ. ބާރަށް ރޯންފެށުނެވެ. ބޮލަށް އެނބުރުންއަރާ މުޅިދުނިޔެ އަނދިރިވެގެން ދިޔައެވެ.
ގަބޫލުކުރަން ކިތަންމެ ބޭނުން ނުވިޔަސް، ހަގީގަތް ބަދަލެއް ނުވާނެއެވެ. ހާމިދަށް ޖެހުނީ ހިތާދެކޮޅަށްވެސް ހަގީގަތާ ކުރިމަތިލާށެވެ. ދަރިފުޅަށްޓަކާ ހިތްވަރު ކުރާށެވެ. އޭނާ ކެތްތެރިވިއެވެ. ހިތްވަރުކުރިއެވެ. ނާޒިމާގެ ޖަނާޒާގެ ކަންތައް ނިމެންދެން ދަރިފުޅު ބޭއްވީ ހޮސްޕިޓަލުގައެވެ. ހުރިހާކަމެއް ނިމި ދަރިފުޅު ލޮލަށް ފެންނަ ހިސާބަށް ދެވުނީ ދެދުވަސްފަހުންނެވެ. ދަރިފުޅު މެޔާލާ ބޮނޑިކޮށްލެވުމާއެކު ގިސްލާ ރޯންފެށުނެވެ.
ދަރިފުޅުގެ ހުރިހާ ލިޔެކިޔުންތައް ހަމަކޮށް ނިންމުމަށްފަހު ދަންކަންޖެހޭފައިސާދެއްކިއެވެ. އޭގެ އިތުރުންވެސް ދަރިފުޅު ބެލެހެއްޓި ނަރުހުންނަށް ފައިސާދިނެވެ. ނަރުހުން ހާމިދާދޭތެރޭ ކަންތައްކުރީ ވަރަށް އޯގާތެރިކޮށެވެ. ދަރިފުޅަށް ބުއްފުޅިދޭނެ މިންވަރާ އަދަދު ތައްވެސް އެމީހުން އޮޅުންފިލުވައިދިނެވެ. އަދި އެނޫންވެސް ދަރިފުޅާގުޅޭ ގިނަކަންތައްތައް އެކުދިން އޮޅުންފިލުވާދިނެވެ. އެމީހުނަށް ޝުކުރު އަދާކުރުމަށްފަހު ދަރިފުޅު މޭގައި ޖައްސާލައިގެން ދަބަސްކޮނޑުގައި އަޅުވާލައިގެން ހިނގައިގަތެވެ. އާވާރާއެއްފަދައިން ހިނގަމުންގޮސް ހޮސްޕިޓަލުން އޭނާ ނިކުތެވެ. ދާނެތަނެއް ހަދާނެގޮތެއްހާމިދަކަށް ނޭނގުނެވެ. ހޮސްޕިޓަލުގެ އެންޓްރެންސް ގެ ދެފަރާތުގައި ހިޔާދޭ ބޮޑެތި ގަސްތައް ހެދިފައި ހުއްޓެވެ. ގަސްދަށުގައި އިށީނުމަށްޓަކައި ބެންޗްތައް ބަހައްޓާފައި ހުއްޓެވެ. ހާމިދު މަޑުމަޑުން އެ ގަސްތަކާދިމާއަށް ހިނގައިގަތެވެ. ޗާބީދީފައިވާ ބުދެއްފަދައިންނެވެ. ލޮލުން ކަރުނަ ހިކޭ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. ހިތްވަނީ ކުދިކުދިވެފައެވެ. އެހެންނަމަވެސް ނާޒިމާ އޭނާއާ ހަވާލުކޮށްފައިދިޔަ، އެދެމީހުންގެ ލޯބީގެ ނިޝާން ކަމުގައިވާ ހާމިދުގެ ދަރިފުޅަށްޓަކައި އޭނާ ހިތްވަރު ކުރަން ބޭނުމެވެ.
އޭނާގެ މޫނުމަތީގައި ވަނީ ހިތާމައާއި ހިތްދަތިކަމެވެ. ލޯފުރިފައިވަނީ ކަރުނައިންނެވެ. ކަރުތެރެވަނީ ހިކިފައެވެ. ދެތުންފަތް ކުރަކިވެފައެވެ. ކާއެއްޗެއް އަރުން އެތެރެނުކުރެވޭތީ ގައިގާ ހަކަތައެއް ނެތެވެ. އިންސާނަކަށް ގޮތެއް ހުހެއް ނުވާނެޔޭ ބުނާތީ އިވެއެވެ. އެކަމަކު ހާމިދަށް މިވަނީ ގޮތް ހުސްވެފައެވެ. ހަތަރު އުދަރެސް ފެނުޖެހިފައެވެ. އެތަނުން ގޮނޑިއެއްގައި ހާމިދު އިށީދެލިއެވެ.
ފިޔާތޮށި ކުލައިގެ މަޑުމަޑު ސާލެއްގެ ތެރޭގައި ނިދާލާފައިވާ އޭނާގެ ދެލޯފަދަ ދަރިފުޅު އަރާމުކޮށް ނިދާލާފައި އޮތެވެ. ދުނިޔޭގައި ހިނގަމުންދާ އެއްވެސް ކަމެއްގެ ހިލަމެއްވެސް އެ މައުސޫމް ދަރިފުޅަކަށް ނުވެއެވެ. އެދަރިފުޅުގެ މޫނަށް ހާމިދު ބަލާލިއެވެ. ދަރިފުޅަށް ބަލިވެ އިނީއްސުރެ ނާޒިމާ ދައްކަމުންދިޔައީ ދަރިފުޅު އުފަންވުމަށްފަހުގައި އުޅޭނެ އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ. ދަރިފުޅާއެކު ހޭދަކުރެވޭނެ މަޖާ ވަގުތުތަކުގެ ވާހަކައެވެ. ދަރިފުޅު ވައްތަރުވާނީ ކާކާތޯ ކުރެވުނު ބަހުސްތަކެވެ. އެފަދަ ކޮންމެ ވަގުތެއްގައި ނާޒިމާގެ މޫނުމަތިން ފެންނަ އުފާވެރިކަމެވެ. އެ ދަރިފުޅު ވާނީ ނާޒިމާފަދަ ރީތި ކުއްޖަކަށް ކަމަށް ބުނާ ކޮންމެ ފަހަރަކު އެ ރީތި މޫނު ލަދުން ރަތްވެއެވެ. އެހެންނަމަވެސް ދަރިފުޅު ލޮލުން ދެކިލުމުގެ ނަސީބުވެސް ނާޒިމާއަކަށް ނުލިބުނެވެ. ދަރިފުޅު ހީލާއަޑު އަހާލަން ކެތްމަދުވެފައިވާހާލު ދުވަސްތައް ގުނަމުންދިޔަ ނާޒިމާއަށް އެ ފުރުސަތެއް ނުލިބުނެވެ. ނާޒިމާގެ ދެލޮލުން ދަރިފުޅުގެ މައުސޫމް ހަރަކާތްތައް ދެކިލުމަށް ކުރި އުންމީދުތައް ވަޅުލެވިއްޖެއެވެ.
''ދިވެއްސެއްތަ......'' ނާޒިމާގެ ހަނދާންތަކުގެ ތެރެއަށް ގެނބި އޮޔާދަމުންދިޔަ ހާމިދަށް ސިހުން ލިބުނީ ގާތުގައި ހުރި އަންހެނަކު އެއްޗެކޭ ބުނުމުންނެވެ.
''ދިވެއްސެއްތަ.....'' އަންހެންމީހާ ސުވާލު ތަކުރާރު ކޮށްލިއެވެ.
ހާމިދަށް ބަލާލެވުނީ އެ އަންހެންމީހާއަށެވެ. ބުރުގާއަޅާފައި ހުރި އަންހެނެކެވެ. ލައިގެންހުރީ ކަކުލާ ހަމައަށް އޮތް ހަރުވާޅު ހެދުމެކެވެ. ހަމުގެކުލަ އާދައިގެ ވަރަކަށް ދޮނެވެ. ބަލާބެލުމަށް ހާމިދާ ދާދި އެއް އުމުރެއްގެ މީހެއްހެން ހީވެއެވެ. އެ އަންހެންމީހާއަކީ ހާމިދަށް މީގެކުރިން ފެނިފައިވާ މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާ ލައިގެންހުރި ހެދުމާ، އޭނާ ވާހަކަދެއްކި ގޮތުން ދިވެއްސެއް ކަމުގައި ގަބޫލުކުރެވުނެވެ.
''މީ ދަރިފުޅުތަ..... މާޝާﷲ ވަރަށް ލޯބި.....'' އަންހެންމީހާ އެއްވެސް ޖެހިލުމެއްނެތި ހާމިދުގެ އުނގުގައި ނިދާލާފައިއޮތް ދަރިފުޅުގެ ކޮލުގައި ފިރުމާލިއެވެ. ހާމިދަށް އޭނާގެ އެ ހަރަކާތް ކަމަކު ނިދިޔައެވެ. އަވަސް އަވަހަށް އެތަނުން ތެދުވިއެވެ. ގެންގުޅުނު ދަބަސް އޭރުވެސް އޮތީ ހާމިދުގެ ކޮނޑުގައި އަޅުވާލާފައެވެ. އެވަގުތު ދަރިފުޅު ހޭލިއެވެ. ރޯންފެށިއެވެ. ނިކަން ބާރަށް ރޯންފެށިއެވެ. ދަރިފުޅު ހުއްޓުވަން ކުރާނެކަމެއް، ހަދާނެގޮތެއް ހާމިދަކަށް ނޭގުނެވެ. ދަރިފުޅުގެ ހަށިގަޑު މަޑުކަމުން ގެންގުޅެން އެހާ އުދަގޫވިއެވެ. ބާރަށް އަތްލާކަށް ނުކެރެއެވެ. ދަރިފުޅަށް ތަދުވެދާނެތީއެވެ. ދަރިފުޅު ގަދަޔަށް ރޮމުންދިޔައެވެ. ހާމިދު ގޮތް ހުސްވިއެވެ. މީހާ ހާސްވެ ދާހިއްލާ ފޯވިއެވެ. ދަރިފުޅު ރޮމުންރޮމުންގޮސް އަޑު ކެނޑޭހެން ހީވާން ފެށުމުން ހާމިދު ހީކުރީ ދަރިފުޅު މަރުވަނީ ކަމަށެވެ.
ހާމިދަށް ބަލާލެވުނީ ގާތުގައިހުރި ބީރައްޓެހި އަންހެންމީހާއަށެވެ. ހާމިދުގެ އެ ބަލާލުން އަންހެންމީހާ ދެނެގަތީ ހުޝިޔާރުކަމާއެކުގައެވެ. ދެއަތް ދިއްކޮށްލާ ދަރިފުޅުދޭން އެ އަންހެންމީހާ އެދުނެވެ. ހާމިދު ޖެހިލުންވިއެވެ. މަކަރުވެރިކަމުން ދަރިފުޅު ފޭރިގެންފާނެޔޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. އެ ދަރިފުޅު ގެއްލޭކަށް ހާމިދު ފުރުސަތެއް ނުދޭނެއެވެ. ކޮންމެފަދަ ގުރުބާނީއެއް ވާންޖެހުނަސް ދަރިފުޅުގެ ހައްގު ހާމިދު އަދާކުރާނެއެވެ. އެ ދަރިފުޅަކީ ނާޒިމާ އާ ހާމިދުގެ ލޯބީގެ ނިޝާނެވެ. ހާމިދުގެ ހިތުގެ ދިރުމެވެ. ލޮލުގެ ފިނިކަމެވެ.
ދަރިފުޅު އެ އަންހޭމީހާގެ އަތަށް ދިނުމަށްފަހު ހާމިދު ހުރީ ނިކަން ހުޝިޔާވެގެންނެވެ. އަންހެންމީހާ ދަރިފުޅު މޭގައި ޖައްސާލައިގެން ކުޑަކޮށް ތަޅުވާލިއެވެ. އިސާހިތަކު ދަރިފުޅުގެ ރުއިން މަޑުވެއްޖެއެވެ. އަދި މުޅިން ހުއްޓާލައިފިއެވެ. ހާމިދުގެ ހިތަށް ލިބުނީ ބުނަންވެސް ނޭނގޭފަދަ ހަމަޖެހުމެކެވެ. ހަށިފުރާ ނޭވައެއް ލެވުނެވެ.
''މިކުއްޖާ ބަނޑުހައިވެގެންހެން ހީވަނީ އެރޮނީ..... ކޮބާ މިކުއްޖާ މަންމަ.....'' އެ އަންހެންމީހާ ހާމިދާ ދިމާއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. ހާމިދުގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ހިތަށް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. އެހެންނަމަވެސް އެއީ ދިވެއްސެއްކަން ޔަގީންވުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުމެއެވެ.
''ދަރިފުޅުގެ މަންމަ ނިޔާވެއްޖެ.....'' ހާމިދު ދިނީ ކުރުޖަވާބެކެވެ.
''އެހެންތަ..... ހާދަހާ ދެރައޭ...... ކޮންއިރަކު ނިޔާވީ....'' އަންހެންމީހާ ބޭނުންވީ އިތުރަށް އޮޅުންފިލުވާށެވެ. ހާމިދަށް އެސުވާލުތައް ކުރުމުން ކުރާނެ އަސަރަކާދޭތެރޭ އޭނާ ވިސްނާހެނެއް ހިޔެއް ނުވެއެވެ.
''ދަރިފުޅު ވިހެއުމުގެތެރޭ ނިޔާވީ.... މީގެ ތިންދުވަސްކުރިން......'' ހާމިދު އިސްޖަހާލިއެވެ.
''ޑަކްޓަރުން ފަރުވާކުޑަކުރީދޯ..... މިހާރު ނޫޅޭ ރަނގަޅު ޑޮކްޓަރެއް......ކީއްކުރާނީދޯ.....ވަރަށް ދެރަ ތި ދިމާވިގޮތް.....'' ބީރައްޓެހި އަންހެންމީހާ ކުޑަމީހާ ހުއްޓުވަން މަސައްކަތްކުރަމުން ވާހަކަދެއްކިއެވެ. އޭރުވެސް އިރުއިރުކޮޅާ ދަރިފުޅު ރޮއިލައެވެ.
''ބުއްފުޅިދެވޭތޯ ބަލަންވީނު..... މިކުއްޖާފުޅު ބަނޑަށް މި ރޮވެނީ.....'' ދެންވެސް ވާހަކަދެއްކީ އަންހެންމީހާއެވެ. ހާމިދު އަވަސްވެގަތީ ދަރިފުޅަށް ބުއްފުޅިދިނުމަށެވެ. ދަބަސްހުޅުވާލާ ދަބަހުން ބުއްފުޅި ލާ ބޭގް ނެގިއެވެ. އޭގައި ހޫނުކޮށް ތިންގަޑިއެއްހާއިރު ތާޒާކަމާއެކު ބުއްފުޅި ބެހެއްޓެއެވެ. ނަރުހުންގެ އެހީތެރިކަމާއެކު ތައްޔާރުކުރި ކިރުފުޅި އޭގައި އޮތެވެ. އަވަސްއަވަހާ ކުޑަ ފުޅިއަކަށް ކިރުފޮދެއް އަޅާލުމަށްފަހު މަތިޖަހާލާ އަންހެންމީހާގެ އަތަށް ފޯރުކޮށްލިއެވެ. ދަރިފުޅުގެ އަނގައިގާ ބުއްފުޅީގެ ތުން ޖެހުމާއެކު ބޯންފެށިގޮތުން އެ ތުއްތުކުއްޖާ ބަނޑުހައިވެފައި އޮތްވަރު ހާމަވިއެވެ.
''އަހަންނަކަށް ނޭނގެ ތީ ކާކުކަމެއް...... ވަރަށްބޮޑަށް ޝުކުރިއްޔާ ތި ކޮށްދިން ހެޔޮކަންތައްތަކަށް....'' ހާމިދުގެ އުނގުގައި ދަރިފުޅު ބާއްވާލުމުން އެ އެންހެންމީހާއަށް ހާމިދު ޝުކުރުއަދާކުރިއެވެ.
''އަހަރެން މީ ގދ ރަތަފަންދޫ މީހެއް..... ރައްޓެހި ބަޔަކާއެކު ޑޮކްޓަރަށް ދައްކާލަން އައިސްގެން މިއުޅެނީ.... މާދަމާ ފުރަންއުޅޭތީ ޓެސްޓް ނަތީޖާ ދައްކާލަން މިއައީ .......އަދިވެސް މިއުޅެނީ ނަން ނުބުނެވިދޯ..... އަހަންނަށް ކިޔަނީ ނާޒިމާ..... މަރިޔަމް ނާޒިމާ....'' އެ އަންހެންމީހާގެ އަގައިން އެންމެފަހުން ބޭރުވި ޖުމްލަ އިވިފައި ހާމިދަށް ސިހުން ލިބުނެވެ. ދެލޯބޮޑުކޮށްލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ހާމިދުގެ މޫނަށްބަލަން ހުރި ނާޒިމާއަށް އެކަން ސިއްރެއް ނުވިއެވެ.
''ކިހިނެއްވީ..... ހާދަ އެހެންގޮތަކަށް ތިޔަބަލަނީ....'' ހާމިދަށް އޭރުވެސް އިނދެވުނީ ނާޒިމާގެ މޫނަށް ބަލާށެވެ. އަވަސްއަވަހާ ނަޒަރު ބަދަލުކޮށްލިއެވެ. ނަޒިމާގެ ހަނދާންތައް އާވާންފެށިއެވެ. މިއީ ކޮންފަދަ ބޮޑު އިއްތިފާގެއް ހެއްޔޭ ހާމިދުގެ ހިތަށް އެރިއެވެ. އޭނާގެ ލޯބިވާ ނާޒިމާ ވަކިވެގެންދިޔަތަނުން އެހެން ނާޒިމާއަކާ ތަޤްދީރު ބައްދަލު ކުރުވައިފިއެވެ. ދެން ބަލާލެވުނީ ހާމިދުގެ އުނގުގައި ޚިޔާލެއް ފިކުރެއްނެތި ނިދާލާފައި އޮތް ލޯބިލޯބި ދަރިފުޅަށެވެ.
''މި ދަރިފުޅުގެ މަންމަ އަށްވެސް ކިޔަނީ ނާޒިމާ..... އަހަރެމެން ދެބަފައިންގެ ނަސީބު ދެރަކަމުން ނާޒިމާ އަހަރެމެނާ ވަކިވެއްޖެ....... އަބަބުގެ އަބަދަށް...... ވަކިވެއްޖެ....... މި ބޮޑު އަމާނާތް އަހަންނާ ހަވާލު ކުރުމަށްފަހު އަހަރެން ދޫކޮށް ނާޒިމާ ހިނގައްޖެ ...... މިއީ އަހަރެމެންގެ އަލަތު ދަރިފުޅު...... އެތައްފޮނި އުންމީދުތަކެއް ގުޅިފައިވަނީ މިދަރިފުޅާ.... އެހެނަސް އަހަރެމެން ދެމަފިރިން ތަދުބީރު ކުރަމުންއައި ހުރިހާ ކަމެއް ތަޤްދީރުގެ އަތުން ބަދަލުކުރުވައިފި......'' ހާމިދުގެ އަޑު ކުރެހިއްޖެއެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ.
''އަހަރެން އެހީވެދީފާނަން ...... ތިކޮޅުން ބޭނުމިއްޔާ...... މިބުނީ ދަރިފުޅު ބަލައިދީފާނަމޭ..... ކުރިން ދެކައިވެނި ކޮށް ދަރިއަކު ލިބުމުގެ އުފަލެއް ނުލިބި ކައިވެނި ރޫޅިފައިހުރި ނިކަމެތި އަންހެނެއް އަހަރެންމީ..... އަޅާލާނެ އެއްވެސް މީހަކުނެތް.....'' ނާޒިމާ ހާމިދު ދެނެގަންނާކަށް މާކަ ގިނައިރެއް ނުނެގިއެވެ. ހާމިދަކީ އެކުގައި އުޅެން ފަސޭހަވާނެ މީހެއްކަން ނާޒިމާ ދެނެގަތީ ނުހަނު އަވަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް