ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި އެ ކޮމިޝަންގެ ނާއިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކި ކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މި މައްސަލައަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މިދިޔަ ޖުލައި މަހުގެ ތެރޭގައި ނިންމާފައިވާ މައްސަލައެކެވެ. ނަމަވެސް މަޖިލިސް ގަވާއިދު ބަދަލުވުމާއި ތަފާތު އެކި އެހެނިހެން މައްސަލަތަކާއި ހެދި މި މައްސަލައަށް ވޯޓަކަށް އަދި ނާހައެވެ. އަދި މަޖިލިސް ގަވާއިދު ބަދަލުވުމުން މި މައްސަލަ އަނބުރާ ކޮމެޓީއަށް ވެސް ފޮނުވިއެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މި މައްސަލަ ކޮމެޓީން ދެވަނަ ބުރަށް ތަޅުމަށް ފޮނުވާލިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ބްރޯޑްކިމްގެ މެންބަރުން ހާޒިރުވެސް ވަނީ ކޮށްފައެވެ. އަދި އެބޭފުޅުންނާއި ވަނީ އިންޓަވިއު ވެސް ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ބައެއް ކަންކަމުގައި މެންބަރުން އަމަލު ކުރެއްވި ގޮތުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އަދި އެ ބައްދަލުވުމަށްފަހު ކޮމެޓީން ނިންމީ އޭރު އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު ސޮފްވާނާއި ނާއިބު ރައީސް ޒައިނާ މަގާމުން ވަކި ކުރުމަށެވެ. ސޮފްވާން އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ. އެއާއެކު ކޮމިޝަންގެ މެންބަރެއް ކަމަށްވާ ހަސަން ނަބާހު ވެސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ.
ޝަހީބު ވަކި ކުރަން ނިންމީ ފަހުން އެކުލަވާލި ސަބް ކޮމެޓީއަކުންނެވެ.
މިހާރު ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި 36 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ މެންބަރުންގެ ނަންތައް މަޖިލީހަށް ވެސް ފޮނުއްވާފައެވެ. މަޖިލީހުން ވަނީ އެ ނަންތަކަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް