ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅު މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މައްސަލާގައި އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ނިންމައިފިއެވެ.
ނަސޭހަތް ދިނުމަށް ނިންމި ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲ އެވެ.
މި ތިން ފަނޑިޔާރުންނާއި ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން ދިޔައީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނަކުން ނުބުނެއެވެ. ނަމަވެސް މިއީ މި ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިން ދެވަނަ ފަހަރެވެ. މީގެކުރިން ނަސޭހަތް ދިނުމަށް ނިންމީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެއީ 2018ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ސޮއި ކުރުމަށްފަހު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ހަމަ އެ އަމުރު ބާތިލު ކުރުމަށް މި ތިން ފަނޑިޔާރުން ސޮއި ކުރި މައްސަލައާ ގުޅިގެންނެވެ.
މީގެކުރިން ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއްވެސް ބަލާފައެވެ. އެ މައްސަލަ ބެލުމަށްފަހު ފަނޑިޔާރު ދީދީ ވަކި ކުރުމަށް ޖޭއެސްސީން ނިންމިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް