ބަދަލުގެ ގޮތުގައި ދައުލަތުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ!

ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ....

08 Oct 2019 | 08:32

ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީރު ވަނީ އެކަން އެގޮތަށް ހިނގައިގެން ދިޔައީ ކުރީގެ ސަރުކާރުގެ ކޮންޓްރެކްޓުތައް ހިންގާފައިވާ ހުރި ދޯދިޔާ ކަމުންކަން ފާހަގަކުރައްވާފައެވެ.

މިހާތަނަށް ދައްކާފައިވާ ފައިސާތަކާއި ދެއްކި ކުންފުނިތައް: 

  • ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒްއަށް 18.1 މިލިއަން ޑޮލަރު (280 މިލިއަން ރުފިޔާ)
  • ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރުމުން ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ)
  • އެމްއާރުޑީސީ އުވާލުމާ ގުޅިގެން 26.1 މިލިއަން
  • ސަރުކާރުގެ އެ ވައުދާ އެއްގޮތަށް ސުނާމީ ލޯނުތައް މައާފު ކުރުމަށް ގާތްގަނޑަކަށް15.2 މިލިއަން ރުފިޔާ
  • ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުމުން ބަދަލެއްގެ ގޮތުގައި ކުއްޖާގެ އާއިލާއަށް ދޭން ހުކުމްކުރި 7.1 މިލިއަން ރުފިޔާ

މިހާ ގިނަ އަދަދެއްގެ ފައިސާ ދައުލަތުން ބަދަލު ދީފައިވާއިރު މިހާރުވެސް މެލޭޝީޔާގެ ކުންފުންޏެއް ވަނީ އެތައް މިލިއަން ޑޮލަރެއް ހޯދުމަށް ދިވެހި ސަރުކާރާއި ދެކޮޅަށް ދައުވާ ކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މީގެކުރިން ވިދާޅުވެފައި ވަނީ ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ބޮޑަށް ހިނގާ އެއް ވައްކަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް