ޔާމީންގެ ޝަރީއަތަކީ ސުކްރިޕްޓެއް ލިޔެން ކުޅޭ ފިލްމެއް ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރޭ ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ޔާމީން ގާނޫނީ ގޮޅިއަކަށް ފައްތަން މަސައްކަތް ކުރާ މީހުންނާ ވެސް ގާނޫނު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި އެ ޝަރީއަތަކީ ސުކްރިޕްޓެއް ލިޔެން ކުޅޭ ފިލްމެއް ކަމުގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގެ ޝަރީއަތް އޮތީ ނިމުމަކާ ހަމައަށް އައިސްފައެވެ. އެގޮތުން ދެން އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން އިއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަ ދުވަހުއެވެ.
ޣައްސާން ވިދާޅުވީ ޔާމީންގެ ޝަރިއަތަކީ ވަކި ބައެއްގެ މަގުސަދު ހާސިލް ކުރުމަށްޓަކައި ރައީސް ޔާމީނަށް ލަނޑެއް ދިނުމަށްޓަކައި ކުރާ ކަމެއް ކަމުގައެވެ.
"ޝަރީއަތް ބަލަން އިން މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އިހުސާސު ކުރެވުނު މިއީ ފިލްމެއް ކުޅޭ ގޮތަށް ސްކްރިޕްޓް ލިޔެގެން ބަޔަކު ލައްވާ ރައީސް ޔާމީނަށް ލަނޑެއް ދިނުމަށްޓަކައި ވަކި ބައެއްގެ މަގުސަދުތަކެއް ހާސިލު ކުރުމަށްޓަކައި ކުރާ ކަމެކޭ." ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް ކުރިއަށްގެންދާ އަޑުއެހުން ތަކުން ވެސް އެ މަނިކުފާނު ކުށެއް ނުކުރާ ކަން ހާމަވާ ކަމަށެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް