ޖޭއެސްސީގެ އާންމުންގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އަލުން އިއުލާން ކުރައްވައިފިއެވެ. ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއ...

08 Oct 2019 | 08:06

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އަލުން އިއުލާން ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖޭއެސްސީއަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މީހަކުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:

  • މުސްލިމެއް ކަމުގައިވާން ޖެހެ
  • ދިވެހި ރައްޔިތަކަށް ވާންޖެހެ
  • އުމުރުން25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެ
  • އިސްލާމްދީނުގެ އެއްވެސް ހައްދެއް ކަނޑައަޅާފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެނެއް ނުވާނެ
  • ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅަކަށް ވެގެނެއް ވެސް ނުވާނެ

މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުން ހަމަ މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލިއެވެ. އެއީ މިދިޔަ ޖުލައި މަހުގެ14 ވަނަ ދުވަހުއެވެ. އެއީ އާންމުގެތެރެއިން ކަނޑައަޅާފައިވާ ކޮމިޝަންގެ މެންބަރު، އަބްދުލް ހަންނާން އަހްމަދުގެ ދައުރު ހަމަވާތީއެވެ. ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށި އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެންމެ ފުރަތަމަ ޖޭއެސްސީގެ މެމްބަރު ކަމަށް އިއުލާންކޮށްފައިވަނީ، ކުރީގައި އަމަލު ކުރަން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދަށުން ކަމަށެވެ.

ނަމަވެސް މިހާރު އަލަށް އަމަލުކުރަމުންދާ މަޖިލިސް ގަވައިދުގައި މަގާމުތަކަށް އެގޮތައް އިއުލާން ކުރުމާ ގުޅޭ މަރުހާލާ ވަރަށް ތަފާތުވުމާއި ގިނަ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ޖުޑީޝަރީ ކޮމިޓީން އެދިފައި ވަނީ ޖޭއެސްސީގެ މެމްބަރު ކަމަށް އަލުން އިއުލާން ކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންވީމަ އަނެއްކާވެސް އަލުން މި ދެންވި މަގާމަށް [ޖޭއެސްސީގެ މެމްބަރު ކަމަށް] ކުރިމަތިލުމަށް އިއުލާން ކުރެވޭނެ. މަޖިލީހުން އެދެނީ ވީހާވެސް ގިނަ ބޭފުޅުންނެއް، އެއީ ކުރީގެ އިއުލާނަށް ޝައުގުވެރިކަމާއެކު ވަޑައިގެންނެވި ބޭފުޅުން [ކުރިތިލެއްވި ބޭފުޅުން] އެދިވަޑައިގަންނަވާނަމަ، އެ ބޭފުޅުންގެ ނަންފުޅުތައްވެސް ފޮނުއްވަވަން ވީ. އަދި އިތުރަށް އެހެން ބޭފުޅުން ޝައުގުވެރިވެވަޑައިގަންނަވާ ނަމަ އެބޭފުޅުންގެ ނަންފުޅުތައްވެސް ހުށަހަޅުއްވަންވީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނުގައިވާގޮތުން އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަންގައި ހުރެވޭނީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް