ރައީސް ވަހީދު އިތުރު ހަ ދުވަހު ވެރިކަންކުރެއްވި މައްސަލަ ބަލަނީ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގެ ދައުރު ހަމަވިފަހުން އިތުރު ހަ ދުވަހު ވެރިކަން ކުރެއްވި މައްސަލަ ބަލަން ނިންމައި، ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކު މިއަދު އެޖެންޑާ ކޮށްފި އެވެ. ރައްޔިތު...

08 Oct 2019 | 06:29

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގެ ދައުރު ހަމަވިފަހުން އިތުރު ހަ ދުވަހު ވެރިކަން ކުރެއްވި މައްސަލަ ބަލަން ނިންމައި، ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކު މިއަދު އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި ވަނީ އަމިއްލަ ފަރާތަކުން ހުށަހެޅި ސިޓީ އަކާއި ގުޅިގެންނެވެ.

ޑރ. ވަހީދު ވެރިކަމާއި ހަވާލުވީ، 7 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން، އޭރު ނައިބު ރައީސަކަށް ހުންނެވީ އެމަނިކުފާނު ކަމަށް ވާތީއެވެ.

2013 ވަނަ އަހަރުގެ ނޮވެމްވަރު 11 އަށް އެމަނިކުފާނުގެ ދައުރު ހަމަވި ނަމަވެސް، އޭރު ބޭއްވި އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހުމުން ސުޕްރީމް ކޯޓުން އަމުރުކުރީ އާ ރައީސަކު އިންތިޚާބު ވެ، މަގާމުގެ ހުވާ ކުރެވެންދެން ޑރ. ވަހީދު ވެރިކަމުގައި ހުންނެވުމަށެވެ.

މަޖިލީހުން ވަހީދު އިތުރަށް ހަ ދުވަހު ވެރިކަމުގައި ހުންނެވި ކަމަށް ބުނާ މައްސަލަ ބަލަން ފަށާއިރު، މިއީ މިކަމާއި ގުޅޭ ގޮތުން މިހާތަނަށް ބަލާ ފުރަތަމަ މައްސަލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް