ކުރީގެ އަދަދާ ގުޅޭ...
ކާއެއްޗެހި އައުމުން ދެމީހުންވެސް ލަސްލަހުން ކާން ފަށައިފިއެވެ.
"އައިމް ސޮރީ" ކެއުން މަޑުޖައްސައިލުމަށްފަހު ޝައިލާ ބުނެލިއެވެ. ނަޒާން އަނގަޔަށް ލާން ތައްޔާރުކުރި ސަމުސާ ތަށީތެރެއަށް ދުކޮށްލުމަށްފަހު ޝައިލާގެ މޫނަށް ބަލައިލިއެވެ.
"ސޮރީ ފޯ ވަޓް؟" ނަޒާން އަވަސް އަވަހަށް އަހައިލިއެވެ.
"ފޯ..." ޝައިލާ ލަދުން އިސްޖަހައިލިއެވެ. ނަޒާން ބުމަ އަރުވައިލުމަށްފަހު ޝައިލާ އަށް ބަލަމުން ދިޔައެވެ.
"ހޮޑު" އިސްޖަހައިގެން އިނދެ ޝައިލާ ބުނެލިއެވެ. ނަޒާން ކުޑަކޮށް ކޮށިއެރިއެވެ. އަވަހަށް ފެންފޮދެއް ބޯލުމަށްފަހު ހަމަޖެހިލިއެވެ.
"ނޯ އިޓްސް... އިޓްސް އޯކޭ" ތަށިން ސަމުސާ ނަގަމުން ނަޒާން ބުނެލިއެވެ. އެވަގުތު ޝައިލާ އިސްއުފުލާ ނަޒާންގެ މޫނަށް ބަލައިލިއެވެ.
"އެންޑް ތޭންކްސް" ޝައިލާގެ ބޮޑު ދެލޮލުން ނަޒާންގެ މޫނަށް ބަލަމުން ދިޔައެވެ. މިފަހަރު އަނގައިން ނުބުނި ނަމަވެސް ނަޒާންގެ ބުމަ އުފުލުނެވެ.
"މޫދު ކައިރިން ނެގީމަ" މަސްނޫއީ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޝައިލާ ބުނެލިއެވެ. ނަޒާންގެ ހިތުގައި މިވަގުތު އެތައް ސުވާލެއް އުފެދެމުންދިޔައެވެ. ސުވާލު ކުރަންވީތޯ ނުވަތަ ނޫންތޯ ހިތައް އަރަމުން ދިޔައެވެ.
"މާބޮޑަށް ޑީހައިޑްރޭޓް ވީމަ އެހެން ވީ..." ނަޒާން އަނގައިން ބުނުމުގެ ކުރިން ޝައިލާ ބުނެލިއެވެ. ނަޒާން ބޯޖަހައިލި ނަމަވެސް އެއީ ދޮގެކޭ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ.
"އަނެއްއަތުގެ ކެވެލިކޮޅު ކޮބާ؟" ވަރަށް ހިތްވަރުކޮށްލާފައި ނަޒާން އެންމެފަހުން އަހައިލިއެވެ. ކެވެލިކޮޅަށް ބަލައިލުމަށްފަހު ޝައިލާ ހީލިއެވެ.
"މީ ޝައިގެ މާމަ ޝައި އެންޑް ސުމް އަށް ގެނެސްދިން ކެވެލިކޮޅެއް... އައި ލޮސްޓް ވަން" ޝައިލާ ޖަވާބުދިނެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހަމަޖެހުމެވެ.
ކައި ނިންމައިގެން ދެމީހުން ބޭރަށް ނިކުތްއިރު ސުމާ ސައިކަލުގައި އައިސް މަޑުކުރަނީ އެވެ. ޝައިލާގެ މޫނަށް ބަލައިލުމަށްފަހު ނަޒާން ހިނިތުންވެލިއެވެ. އަދި އޭނާގެ ސައިކަލަށް އަރައި ދުއްވައިލިއެވެ. އެމަންޒަރު ބަލަން ޝައިލާ އަށް ހުރެވުނީ ކަޅިޖަހާ ނުލައެވެ.
"މަންޖޭ... ކީއްވެ ތިހެނީ؟ އިންނަން އެހީތަ؟"ޝައިލާގެ އަތުގައި ޖަހައިލަމުން ސުމާ އަހައިލިއެވެ. ބޯހޫރައިލުމަށްފަހު ސައިކަލު ފަހަތަށް އަރައި ހަމަޖެހިލިއެވެ.
"ތޭންކްސް ސުމް... އައި ފީލް ސޯ ގުޑް ޓުނައިޓް" ސުމާގެ ކޮނޑުގައި ބޯއަޅައިލަމުން ޝައިލާ ބުނެލިއެވެ.
"ޝައިގެ ތިހުރިހާ ވޭނެއް އެއްފަހަރުން ދިޔައީނު... ތިހުރިހާ ކަމެއްގެ ފަރުވާ މިހާރު އެނގިއްޖެ" ސައިކަލު ދުއްވަން އިނދެ ސުމާ ބުނެލިއެވެ. ޝައިލާ ހަމައެއޮތްގޮތަށް އޮތީއެވެ.
"އޭނަ ވެސް ބުނީ އޭނަގެ ފަރުވާ އަކީ ޝައި އޯ" ލޯ މަރައިލަމުން ޝައިލާ އެހެން ބުނެލިއިރު ތުންފަތުގައި ވަނީ މާނަފުން ހިނިތުންވުމެކެވެ. އެވަގުތު ސުމާ "އޯ" އަޅުވައިލި އަޑު އިވުނެވެ.
***
ކެފޭގެ ސޭލްސް ނިންމުމަށްފަހު ނުހާ ނިކުތީ އަވަހަށް ގެއަށް ދިއުމަށެވެ. ނިކުތްއިރު މަގުގެ އެއްފަރާތުގައި ފޯނަށް ބަލަހައްޓައިގެން އިން ނަޒާން ފެނުމުން އޭނާ ހީލިއެވެ. އަދި ބާރަށް ހިނގާލާފައި އައިސް ނަޒާންގެ ކޮނޑުގައި ޖަހައިލިއެވެ.
"ކޮންއިރެއް އިންނަތާ" އަބަދުވެސް ނަޒާން ކުރާ ޝަކުވާ ކޮށްލިއެވެ.
"މިރޭ ހާދަ ވަރަކަށް ސެންޓު ޖަހައިގެން ތީނީ؟" ނަޒާންގެ ޕީސީއެކްސް ފަހަތަށް އަރައި ހަމަޖެހިލަމުން ނުހާ ބުނެލިއެވެ. އެއަޑު އިވުމުން ނަޒާން ހަނދާންވީ މިރޭގެ އެއުފާވެރި ވަގުތުކޮޅެވެ.
"ހެލޯ... ކޮންކަމަކަށް ގެއްލިފަ؟" އަނެއްކާވެސް ނަޒާންގެ ކޮނޑުގައި ޖަހައިލަމުން ނުހާ ބުނެލިއެވެ. ނަޒާން ސައިކަލު ދުއްވައިލީ ވަރަށް މަޑުންނެވެ. މިރޭ އޭނާ ދުއްވަމުން ދިޔަ ސްޕީޑް އެއްގޮތަކަށްވެސް ނުހާއަކަށް ކަމަކު ނުދިޔައެވެ.
"މިރޭ ހާދަ މަޑުން ތި ދުއްވަނީ؟ ބަލީތަ؟" ނަޒާންގެ ކަންފަތް ކައިރީ ނުހާ ބުނެލިއެވެ.
"ނުހާ އަބަދު މަޑުން ދުއްވާށޭ ކިޔާތީ" ނަޒާންގެ އަޑު އައީ މަޑުންނެވެ.
އެއަޑުގައި މިރޭ ތަފާތުކަމެއް ހުރިކަން ނުހާ އަށް ފާހަގަކުރެވުނެވެ. އެއީ ނަޒާންގެ މިޒާޖެއް ނޫނެވެ. ކިތަންމެ ބަސްމަދު ނަމަވެސް ނަޒާން އަބަދުވެސް އުޅޭނީ ފަޔަށް ހިނި އަރައިގެން އުޅޭ ފަދަ ގޮތަކަށެވެ. ސައިކަލުވެސް ދުއްވާނީ ފޫޅަށް ވައި އަރައިގެން ގޮސް އެތެރޭގެ ގުނަވަންތައް ގުޑާ ވަރަށެވެ. މަޑުން ދުއްވާށޭ ނުހާއަށް ބުނެވުނު އަދަދެއް ވެސް ނޭންގެއެވެ. ނަމަވެސް މިރޭ ނަޒާން މަޑުން ދުއްވަން ފެށުމުން އޭނާ އިނީ އުނދަގޫވެފައެވެ. ބާރަށް ދުއްވާފައި ދާއިރު ނަޒާންގެ އުނަގަނޑުގައި ނުހާ އިންނަނީ ބާރަށް ހިފަހައްޓައިގެންނެވެ. ކުއްލި ކުއްލިއަށް ނަޒާންގެ ގައިގައި އެޖެހޭ ޖެހުމަކީ އޭނާއަށް އިންތިހާޔަށް ހަމަޖެހުން ލިބޭ ކަމެކެވެ. މިރޭ އޭނާ އެއިނީ ނަޒާންގެ ގައިގައި އަތްލަންވެސް ނުކެރިފައެވެ.
***
ޝައިލާ އަށް ބޭސް ދިނުމަށްފަހު ސަމާހް މަޑުކޮށްގެން ހުރީ ކައިރީ އިން ސުމާ އާއި ވާހަކަދައްކާށެވެ. އެމީހުން ދައްކަމުން ދިޔައީ އަންނަ މަހު ކުރަން ހަމަޖެހިފައިވާ ސަމާހްގެ ކައިވެނީގެ ވާހަކައެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ ޕާޓީ ބާއްވާނެ ތަނަކާއި ދޭތެރޭ އެވެ. ސަމާހް ބޭނުންވަނީ ދަރުބާރުގޭގައި ޕާޓީ ބާއްވާށެވެ. ނަމަވެސް ޖުމާ ބޭނުންވަނީ ބީޗް ޕާޓީއެއް ބާއްވާށެވެ. ސުމާ ވެސް އޭނާ އަށް ފެންނަ ގޮތްތައް ހިއްސާކުރަމުން ދިޔައެވެ.
އެމީހުން ވާހަކައިގައި ތިއްބައި ޝައިލާގެ ފޯނު ވައިބްރޭޓް ވިއެވެ.
"ނިދީތަ؟" މެސެޖް ފެނުމުން ޝައިލާގެ މޫނުމަތި ރަތް ވެގެން ދިޔައެވެ. އެވަގުތު މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެމަންޒަރު ކައިރީ ހުރި ސަމާހަށް ހަމަ ރީއްޗަށް ފެނިގެން ދިޔައެވެ.
"ނޫން" އެ މެސެޖަށް ޝައިލާ ރިޕްލައިކޮށްލީ ކުރުކޮށެވެ.
"އިރުކޮޅަކުން ގުޅާނަން އިނގޭ" ނަޒާން ދެން ފޮނުވި މެސެޖް ފެނުމުން ޝައިލާގެ ހިތް ތެޅެލިއެވެ. ދޮންބެ ހުއްޓައި މިހާ ލަސްކޮށްފައި ނަޒާން ގުޅައިފިނަމަ އެތައް ސުވާލެއް ކުރާނެއެވެ.
"އައިމް ސްލީޕީ" ދެމީހުންގެ މޫނަށް ބަލައިލަމުން ޝައިލާ ކުއްލިއަކަށް ބުނެލިއެވެ. ޝައިލާގެ އަޑު އައުމުން އެދެމީހުންގެ ވާހަކަ ވެސް ކުއްލިއަކަށް ހުއްޓުނެވެ. ޝަމާހް ޝައިލާގެ މުނަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. އެކަން ޝައިލާ އަށް ވެސް ފާހަގަވިއެވެ.
"ޝައި ކުޑަކޮށް ބޮލުގަ ރިއްސާތީ މިރޭ ކުރިން ނިދަން ބޭނުން" ވާހަކަ އޮޅުވައިލުމުގެ ގޮތުން ޝައިލާ ބުނެލިއެވެ. މައްސަލައެއް ނެތޭ ބުނުމަށްފަހު ސަމާހް ނިކުމެގެން ދިޔައެވެ. ސުމާ ވެސް ސަމާހްގެ ފަހަތުން ހިނގައިގަތެވެ.
ފޯނު ހިފައިގެން ކޮޓަރީގައި ދެކޮޅަށް ހިނގާތާ ބައިގަޑިއިރު ވެއްޖެއެވެ. އަދިވެސް ނަޒާނެއް ނުގުޅައެވެ. ލަސްވެގެން މެސެޖެއް ކޮށްލަން އުޅެފައި ވެސް ނުކުރީ ލަދުންނެވެ.
ގަޑިއިރެއް ވެއްޖެއެވެ. ނަޒާން ނުގުޅުމުން ޝައިލާ އެނދުގައި އޮށޯތީ ހިތުގައި ޝަކުވާގެ ފުންޏެއް ޖަމާކުރަމުންނެވެ. އެވާނީ ނަޒާނަށް ނިދުނީ ކަމަށެވެ. އަމިއްލަ ނަފްސަށް މިފަދައިން ވިސްނައިދިނުމަށްފަހު ކައިރީގައި ފޯނު ބޭއްވުމަށްފަހު ލޯ މަރައިލިއެވެ.
ފުން ނިދީގެ ތެރެއަށް ގެނބެމުންދިޔަ ޝައިލާ އަށް ލޯ ހުޅުވައިލެވުނީ އަތް ކައިރިން ފޯނު ވައިބްރޭޓް ވާ އަޑަށެވެ. ކުޑަކޮށް ލޯ ހުޅުވައިލުމަށްފަހު ޝައިލާ ފޯނުގެ ސްކްރީނަށް ނަޒަރު ހިންގައިލިއެވެ. ފޯނު ސްކްރީނުން ފެނުނު ނަމުން ނިދި ފިލައިދިޔަ ކަހަލައެވެ. އެނދުމައްޗަށް ކޮޅަށް ތެދުވެވުނީ އިޚްތިޔާރަކާއި ނުލައެވެ. ފުން ނޭވާތަކެއް ދޫކޮށްލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ. ނަޒާންގެ އަޑު ކަންފަތުގައި ޖެހުމުން ޝައިލާ އަށް ލިބުނީ އާދަޔާހިލާފު ހިތްހަމަޖެހުމެކެވެ.
"ކުޑަދޮރު ހުޅުވާލަބަލަ" ނަޒާން އެދުނެވެ.
"އެ ކީއްކުރަން؟ އިޓްސް ޓޫ ލޭޓް" ޝައިލާ އުޒުރެއް ދައްކައިލިއެވެ. ނަމަވެސް ނަޒާން ކިޔަންފެށުމުން ކުޑަދޮރާއި ދިމާލަށް ހިނގައިގަތެވެ.
ކޮޓަރީގައި ހުރި ބިއްލޫރި ކުޑަދޮރު ކަހައިލުމަށްފަހު ޝައިލާ މަގުމަޗަށް ނަޒަރު ހިންގައިލިއެވެ. ހަރަކާތް ހުއްޓުނީ ޖޭމުގަސް ދޮށުގައި ހުރި ސައިކަލުތައް ކައިރީ ނަޒާން ހުއްޓައި ފެނުމުންނެވެ. ޝައިލާ ފެނުމުން ނަޒާން ގޮސް އިށީނީ ސައިކަލެއް މަތީއެވެ.
"މިގަޑީގަ މިތާ ކީއްތިކުރަނީ؟" ހައިރާންކަންމަތީ ހުރެ ޝައިލާ އަހައިލިއެވެ.
"ހަމަ ދެކިލާހިތުން" ދުރުން ފެންނަމުން ދިޔަ ޝައިލާގެ މޫނަށް ބަލައިލަމުން ނަޒާން ބުނެލިއެވެ.
"ދަންތަ ކުޑަދޮރު ކައިރިއަށް؟" ނަޒާން އަހައިލިއެވެ. ޝައިލާގެ ހިތް ބިރުގަންނަން ފެށިއެވެ. ނަޒާން އޭނާ އާއި ކައިރިވާކަށް އޭނާގެ ހިތެއް ނުރުހުނެވެ.
"ނޫން... އިޓްސް ފައިން" އަވަހަށް ޝައިލާ ބުނެލިއެވެ. ދެން ދިޔައީ ހިމޭންކަމުގެ ސިކުންތުކޮޅެކެވެ.
ކުއްލިއަކަށް ވައި ގަދަވެއްޖެއެވެ. ވިއްސާރަ ވާން އުޅޭކަމުގެ އިޝާރާތްތަކެއް އުޑުމަތިން ދޭން ފެށިއެވެ.
"ވާރެވެހެން ކަންނޭންގެ އެއުޅެނީ... ދަނީ އިނގޭ... ސީ ޔޫ" ޝައިލާ އަށް ބަލަހައްޓައިގެން އިނދެ ނަޒާން ބުނެލިއެވެ.
ޝައިލާ ބަލާން ހުއްޓައި ނަޒާން ސައިކަލަށް އަރައިގެން ހިނގައްޖެއެވެ. ނަޒާން ލޮލުކޮޅަށް ގެއްލުމުން ކުޑަދޮރު ލައްޕައިލުމަށްފަހު، ފަރުދާވެސް ކަހާލައިފައި ހިނގައިގަތެވެ. އެނދުގައި އޮށޯތުމަށްފަހު ނިދޭތޯ ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވާގޮތް ވީ އެތައް ދަމެއް ވޭތުވެދިޔަ ފަހުންނެވެ.
***
ނަޒާނަށް އިރުއެރީ ފޯނު ކޯލަކުންނެވެ. ފޯނުގެ ސްކްރީނުން ފެންނަމުން ދިޔައީ ނުދަންނަ ނަންބަރެކެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު އަނެއްކާވެސް ލޯ މަރައިލިއެވެ. އަނެއްކާވެސް ފޯނު ރިންގްވާން ފަށައިފިއެވެ. މިފަހަރު ނަޒާން އެ ފޯނު ކަނޑައިލީއެވެ. ގަޑިން އަށެއް ޖަހާން ފަނަރަ މިނެޓަށް ވީ އެވެ. މިހާ ހެނދުނާ އޭނާ އަށް މިގުޅަނީ ކާކުބާއޭ ހިތައް އަރަމުން ދިޔައެވެ.
"ނަޒާން ވޭކް އަޕް... މަގޭ މޯނިންގ ޝިފްޓޭ މީ" ބަންޑުން އޮތް ނަޒާންގެ ބުރަކަށީގައި ބާލީހުން ތަޅައިގަންނަމުން ނުހާ ގޮވަން ފަށައިފިއެވެ.
"ނުހާ ޕްލީޒް" އެއޮތްގޮތަށް އޮވެ ނަޒާން ގޮވައިލިއެވެ.
"އޮވޭ މިދަނީ ނަހުޒާން އާ އެކީގަ ދާން" ނަޒާން ނުތެދުވުމުން ނުހާ ބުނެލިއެވެ. އަދި ފަހަތަށް އެނބުރި ނިކުމެގެން ދާ ކަމަށް ހެދިލިއެވެ. ދޮރު ކައިރިއަށް ގޮސް ނުހާ ފަސްއެނބުރި ބަލައިލިއިރު އަދިވެސް ނަޒާން އޮތީ އެއޮތްގޮތަށެވެ.
"ޒާން އަސްލުވެސް ނަހުޒާން އާ އެކީގަ މިދަނީ" އަނެއްކާވެސް ނަޒާނަށް އިވޭ ހިސާބަށް އައިސް ނުހާ ބުނެލިއެވެ.
"ދޭބަލަ ކާކު ހުއްޓުވަނީ؟" ނަޒާންގެ އަޑު އައީ މަޑުންނެވެ. އެ ޖުމްލަ އިވުމުން ނުހާ ހައިރާންވިއެވެ. ނުހާގެ އެއްވެސް ކަމެއް ކުރަން ނަހުޒާނަށް ޖެއްސުމަކީ ނަޒާނަށް ލިބޭ ވޭނެކެވެ. އެހާ ފަސޭހައިން ދާށޭ އެބުނީ ކީއްވެގެން ހެއްޔެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް