ލާމުގައި ބަސް ދަތުރުތައް ފެށުމަށް ބޭނުންވާ ބަސްތައް ލާމަށް ގެންގޮސްފި

މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ލ. އަތޮޅުގައި ބަހުގެ ހިދުމަތް ދޭން އިކޮނޮމިކް މިނިސްޓްރީން އެމްޕީއެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ލ ގައި ބަސްދަތުރުތައް ފެށުމަށް ބޭނުންވާ ބަސްތައް ލ އަތ...

08 Oct 2017 | 06:00

މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ލ. އަތޮޅުގައި ބަހުގެ ހިދުމަތް ދޭން އިކޮނޮމިކް މިނިސްޓްރީން އެމްޕީއެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ލ ގައި ބަސްދަތުރުތައް ފެށުމަށް ބޭނުންވާ ބަސްތައް ލ އަތޮޅަށް ގެންގޮސްފި އެވެ.

އެގޮތުން ބަސްދަތުރުތައް ކުރުމަށް ބޭނުންވާ ހަތަރު ބަސް ލ އަތޮޅަށް ގެންގޮސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމްޕީއެލްއިން ތައްޔާރުވަމުން އަންނަނީ މި މަހުގެ 10ގައި ބަސް ދަތުރުތައް ފެށުމަށެވެ. އެގޮތުން އެކަން ފެށުމަށް ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަޖައްސައި، ވަޒީފާއަށް މީހުން ނެގުމުގެ މަސައްކަތްވެސް އެމްޕީއެލްއިން އަންނަނީ ކުރަމުންވެ.

ބަސް ދަތުރުގެ ހިދުމަތް ދިނުމަށް ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބަހުގެ ހިދުމަތް ފަށާނެކަމަށެވެ. އަދި ކުޅުދުއްފުށްތާއި މާލޭގައިވެސް އެ ހިދުމަތް ދޭން ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އައްޑު އާއި ފުވައްމުލަކުގައިވެސް ބަހުގެ ހިދުމަތް ދެމުން އަންނަ އިރު މާލެއާއި ލ އަތޮޅާއި ކުޅުދުއްފުށީގައިވެސް ޒަމާނީ ފެންވަރަށް މިހިދުމަތް ދެމުންގެންދާނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް