ރައްކާތެރިކަން ހޯދުމަށްޓަކައި މިޔަންމާއިން ބަންގްލަދޭޝް އަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައި ވާ ރޮހިންގްޔާ މުސްލިމުންނަށާއި އަރަކާން ސްޓޭޓްގައި ހާލުގައިޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ހުޅުވާލި ފަންޑަށް ލިބިފައިވާ އެއްމިލިޔަން ދިވެހި ރުފިޔާ އެ ޖަމިއްޔާއިން ހަވާލުކޮށްފި އެވެ.
އެހީގެ ގޮތުގައި ކާބޯތަކެއްޗާއި އެ ނޫންވެސް އިންސާނީ ވަސީލަތްތައް ޤާއިމްކޮށްދިނުމަށްޓަކައި ފައިސާގެ އެހީ ހަވާލުކޮށްފައި ވަނީ އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ރިލީފް ވޯލްޑްވައިޑް އާއި އެވެ.
މިފައިސާ އިސްލާމިކް ރިލީފް ވޯލްޑްވައިޑް އާއި ހަވާލުކޮށްފައި ވަނީ ރޮހިންގްޔާ މުސްލިމުންގެ ހާލަތު ދެނެގަތުމަށްޓަކައި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގެ ފަރާތުން މިހާރު ބަން ގްލަ ދޭޝްގައި ހަރަކާތްތެރި ވަމުންދާ އެ ޖަމިއްޔާގެ ރައީސް އިބްރާހީމް ފައުޒީ އާއި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ނާޒިމް އެވެ.
އިސްލާމިކް ރިލީފް ވޯލްޑްވައިޑްގެ ފަރާތުން އެހީގެ ފައިސާއާއި ހަވާލުވެ ވަޑައިގެންނެވީ އެޖަމިއްޔާއިން ބަން ގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަވާ ހެޑް އޮފް ހިޔުމަނިޓޭރިއަން ޕްރޮގްރާމްގެ ވެރިޔާ ޣުލާމް މުޢުތަސިމް ބިالله އެވެ.
އިސްލާމިކް ރިލީފް ވޯލްޑްވައިޑަކީ 1122ވަނަ އަހަރު ސޯމާލިޔާއަށް ދިމާވި ބަނޑުހައިހޫނު ކަމުގެ ކާރިޘާގައި އެ ޤައުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއަށް އެހީތެރިވި ފަރާތެވެ. އެފަހަރު އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ސޯމާލިޔާގެ 38 ހާސް މީހުންނަށް ވަނީ އެއްމަސްދުވަހަށް ފުދޭވަރަށް ކާބޯތަކެތި ފޯރުކޮށްދީފައި ވެއެވެ.
ހާލުގައި ޖެހިފައިވާ ރޮހިންގްޔާ މުސްލިމުންނަށް އެހީތެރިވުމުގެ ހަރަކާތުގައި ބައެއް ކައުންސިލްތަކާއި، ކްލަބް ޖަމިއްޔާތަކާއި ދައުލަތުގެ މުވައްސަސާތަކާއި އަމިއްލަ ފަރުދުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަނުން ވަނީ ހާމަކޮށްފައެވެ.
އިސްލާމިކް ފައުންޑޭޝަނުން ބަން ގްލަދޭޝް އަށް މިހާރު ކުރަމުންދާ ދަތުރުގައި ފައިސާގެ އެހީގެ އިތުރުން ރެފިއުޖީ ކޭޕްތަކުގައި ތިބި ބައެއް މީހުންނަށް އަންނައުނު ފޯރުކޮށްދީފައި ވެއެވެ. އިސްލާމިކް ފައުންޑޭޝަންގެ މި ދަތުރުގެ ޚަބަރުތައް ކަވަރުކުރަމުން ދަނީ އެމްވިޓީވީގެ ފަރާތުންނެވެ.
ރޮހިންގްޔާ މުސްލިމުން ގެ ހާލަތު ދެނެގަތުމަށްޓަކައި އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ދޭއް އޮކްޓޫބަރުގައި ފެށި ދަތުރު ނިންމާލުމަށް ފަހު ނުވައެއް އޮކްޓޫބަރުގައި ދަތުރުގެ އެންމެހާ ބައިވެރިން މާލެ ވަޑައިގަންނަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް