ރޮހިންގާ މުސްލިމުންގެ އެތައް ލައްކަ ބަޔަކު އެދަނީ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ބަނޑުހައިހޫނުކަމާއި ދައްޗާއި ހިތާމަ ތަހައްމަލު ކުރަމުންނެވެ. އަދިވެސް ގިނަ ބަޔަކު އެތިބީ ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތިފަ އެވެ. ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އިންތިހާއަށް އެބަ އޮތެވެ.
މި ހާލަތުގައި މީޑިއާގައި ދައުރުވާ ހަބަރުތަކަށް ބަލާލާއިރު މުޅީންވެސް ފެންނަނީ ބަންގްލަދޭޝް އިން ރޮހިންގާ މުސްލިމުންނަށް އެވެނި މިވެނި ކަމެއް ކޮށްދޭން ނިންމި ކަމުގެ ހަބަރުތަކެވެ. ފާއިތުވި 48 ގަޑިއިރުގެ ހަބަރުތަކަށް ބަލާލި އިރުވެސް ބޮޑަށް ފެންނަނީ މި މަންޒަރެވެ.
ދެ ހަބަރެއްގެ ސުރުހީއަށް ބަލައިލާނަމެވެ. އެއް ހަބަރެއްގައި ބުނެފައިވަނީ ރޮހިންގާ މުސްލިމުންނަށް ދާއިމީ ރެފިއުޖީ ކޭމްޕެއް އަޅަން ޝެއިޚް ހަސީނާގެ ސަރުކާރުން ނިންމި ވާހަކަ އާއި ރޮހިންގާ މުސްލިމުންނަށް ހުއްޓުމެއްނެތި އެހީތެރިކަން ފޯރުކޮށްދޭނޭކަމުގެ ޔަގީންކަން ޝެއިޚް ހަސީނާ ދެއްވި ކަމުގެ ވާހަކަ އެވެ. އަނެއް ހަބަރުގައި އޮތީ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އިނގިރޭސި ސަރުކާރުގެ އެހީތެރިކަމަށް ބަންގްލަދޭޝް އިން އެދުނު ވާހަކަ އެވެ. އަރަބި ގައުމުތަކުގެ ވާހަކަ ހިނދެމުން ހިނދެމުން ގޮސް މިހާރަކު އަޑެއް ބަޑެއް ނީވެ އެވެ.
ނޫނެކެވެ. މިދިޔަ މަހުގެ ތެރޭގައި ސައުދީން އެހީވި ވާހަކައާއި ތުރުކީން އެހީވި ވާހަކަ ހަބަރުތަކުގެ ފަލަ ސުރުހީން ފެނިގެންދިޔަ އެވެ. ނަމަވެސް އެ އަޑު މިވަނީ ކެނޑިގެން ގޮސްފަ އެވެ.
އަރަބި ގައުމުތައް ދާހިލީ ހަނގުރާމަތަކުގައި ބަނދެވިފައި – ހަތިޔާރު ބައް ކުރުމުގައި
މުސްލިމު އުއްމަތުގެ ބެލެނިވެރިޔާ ކަމުގައި ދައުވާ ކުރަނީ ސައުދީ އަރަބިއްޔާއިންނެވެ. ސައުދީގެ ހާލަކީ ކޮބައިތޯ ބަލާލާއިރު އިއްޔެގެ ހަބަރުތަކުގައި އޮތީ 15 ބިލިޔަން ޑޮލަރުގެ ޑިފެންސް ސިސްޓަމެއް ސައުދީ އަށް ވިއްކުމަށް އެމެރިކާގެ ސަރުކާރުން އެއްބަސްވިވާހަކަ އެވެ. ހަމަ އިއްޔެގެ ސުރުހީތަކުން ދެން ފެނުނީ ސައުދީ ރަސްގެފާނު މިވަގުތު ރަޝިޔާގައި ހުންނެވި އިރު އަސްކަރީ އެހީތެރިކަމުގެ އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމުގެ ހަބަރުތަކެވެ.
ތުރުކީ އަކީ ރޮހިންގާ މުސްލިމުންނަށް އެންމެ ފުރަތަމަ އެންމެ ބޮޑު އެހީއެއް ވި ގައުމެވެ. އެގައުމުގެ ފަސްޓްލޭޑީ ރޮހިންގާ ކޭމްޕްތަކަށް ޒިޔާރަތް ކުރިމެ އެވެ. އަދި އެތަކެއް އެހީތަކެއްވެސް މި ވެ އެވެ. ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން މިޔަންމާއަށް އިންޒާރުވެސް ދިން މެ އެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރަކީ އިރާގުގެ ކުރުދީން ވަކި ދައުލަތެއް ގާއިމްކުރާން ނެގި ފެންނަ ނުފެންނަ ވޯޓަކަށްފަހު އެކަމަކުން ނުނެއްޓިގެން އުޅޭ މަންޒަރެވެ. މުޅީންވެސް ގަދަބަސް ބުނެ އިންޒާރުތައް ރައްދު ކުރަމުންދަނީ ކުރުދީންނަށެވެ. ރޮހިންގާ މުސްލިމުންގެ މަތީން ތުރުކީވެސް ހަނދާން ނެތިއްޖެ ކަހަލަ އެވެ.
ޔަމަނުގައި ދާހިލީ ހަނގުރާމަ ހިނގަމުން އަންނަތާ ފަސް އަހަރު ވެފައިވާއިރު އެ ދާހިލީ ހަނގުރާމައިގާވެސް އަރަބި ގައުމުތަކުން މިވަނީ ބައިބައިވެ އެ ހަނގުރާމައިގެ ތެރޭގައި އަމަލީގޮތުން ބައިވެރިވަމުންނެވެ. އިރާގާއި ސީރިޔާގައި ކުރެވެމުންދާހާވެސް ކަމަކީ އައިއެސް ނައްތާލުމަށް ކުރަމުންދާ ހަނގުރާމައާއި ދާހިލީ ހަނގުރާމަތެކެވެ.
ރޮހިންގާ މުސްލިމުން ބަލިމަޑުކަމެއްގެ ނުރައްކަލުގެ ތެރޭގައި !
މިޔަންމާއިން ބަންގްލަދޭޝް އަށް ހިޖުރަކުރާ ރޮހިންގާ މުސްލިމުންގެ އަދަދު އަދިވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އޯގަސްޓް 25 ގެ ކުރީން ހިޖުރަކުރި ތިން ލައްކައާއި ފަހުން ހިޖުރަކުރި ފަސްލައްކައާއި އެކުޖުމްލަ އަށް ލައްކަ ރެފިއުޖީން މިވަގުތު ބަންގްލަދޭޝްގައި އެބަތިއްބެވެ. އެހީދޭ ޖަމާއަތްތަކުން މެދުނުކެނޑި ބުނަމުން އެދަނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފައިސާގެ އެހީތެރިކަން އިންތިޙާއަށް ބޭނުންވާ ކަމަށެވެ. އަދި މިހާރުވެސް ބޭރަށް ހިންގުން ފެތުރެން ފަށާފައިވާއިރު ބޮޑު ބަލިމަޑުމަކެއް ފެތުރިދާނެ ކަމުގެ ބިރު އިންތިހާއަށް އެބަ އޮތް ކަމަށް އެހީދޭ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ.
އެހާލެއްގައި ރޮހިންގާ މުސްލިމުންގެ އެތައް ލައްކަ ބަޔަކު ދިރިއުޅެމުން އަންނައިރު އަރަބި ދުނިޔެއަށް ކެހެރި ވަކެކޭވެސް ހީނުވެ އެވެ. އެމީހުންގެ ކަމަކަށް އޮތީ ދާހިލީ ހަނގުރާމަތައް ކުރުމާއި އަސްކަރީ ބޮޑެތި ޑީލްތައް ހެދުމެވެ. !
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް