ތަހުގީގަށް ޔާމީން އެއްބާރުލުން ނުދެއްވި، ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް ފުލުހުން އިލްތިމާސްކޮށްފި

ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކުގެ ތަހުގީގަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ...

08 Sep 2026 | 10:46
މިނިސްޓްރީތަކުގައި އަލިފާން ރޯވެފައި -- ފޮޓޯ: ޖަވިޔަނި

މިނިސްޓްރީތަކުގައި އަލިފާން ރޯވެފައި -- ފޮޓޯ: ޖަވިޔަނި

ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކުގެ ތަހުގީގަށް އެ މަނިކުފާނުގެ ފަރާތްޕުޅުން އެއްބާރުލުން ނުލިބުނު ކަމަށް ފުލުހުން ބުނެފިއެވެ.

ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އެ އިމާރާތުގައި ރޯކޮށްލީ ކާކުކަން ފުލުހުންނަށް އެނގޭނެ ކަމަށެވެ. އަދި އެކަން ކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ކިހާ ގާތް ފަރާތެއްކަންވެސް ފުލުހުންގެ ރެކޯޑުތަކުގައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަފުޅާ ގުޅިގެން ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ އެންގެވުމަށް ފުލުހުން ތަހުގީގެއް ފެށި އެވެ. އަދި ޔާމީނާއި ސުވާލު ކުރުމަށް ޗިޓު ހަވާލު ކުރުމަށް ފުލުހުން އިއްޔެ މަސައްކަތް ކުރި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ހާމަކުރެއްވި ވާހަކަފުޅަކީ ތަހުގީގަށް މުހިންމު މަޢުލޫމާތަކަށް ވާތީ އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަންކަން ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް އެދި ޗިޓެއް ހަވާލުކުރުމުގެ މަސައްކަތް އިއްޔެ ކުރި ކަމަށެވެ.

އެ ގޮތުން އިއްޔެ އިރުއޮއްސި 6:40 ހާއިރު ހ. ދޫވެއްސަށް ގޮސް ޔާމީނާ ބައްދަލުކޮށް ޗިޓު ހަވާލުކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ މަނިކުފާނު ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންނެވި ކަމަށް ފުލުހުން ބުންޏެވެ. ޗިޓާ ހަވާލުވެވަޑައިނުގެން ޔާމީން ލިޔުމުން ދެއްވި ޖަވާބުގައި ވަނީ އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ސާބިތުނުހިފޭ ވާހަކަ ފެތުރުމުގެ ބަދަލުގައި ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ. "ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ މަސައްކަތްކުރާ މުއައްސަސާތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތުނުހިފޭ މައުލޫމާތު އާންމުކުރެއްވުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހާ ފަރާތްތަކަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ" ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް އެނގުނު ގޮތުގައި އެ އިމާރާތްތަކުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.

ޔާމީންގެ ޤާނޫނީ ވަކީލު ހަމްޒާ ލަޠީފް ޕޮލިސް ކޮމިޝަނަރު އަޙުމަދު މުޙައްމަދަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ޢާންމުކޮށް ޝާއިޢުކޮށްފައިވާ މައުލޫމާތު ފިޔަވައި އިތުރު އެއްޗެއް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ފުލުހުން އަމިއްލައަށް ތަޙުޤީޤު ކުރަމުން އަންނަ މައްސަލައަކަށް ވާތީ ހާދިސާ ހިނގި ސަބަބުވެސް އެނގޭނީ ފުލުހުންނަށް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ ޔާމީން އެވާހަކަ ވިދާޅުވެފައި ވާނީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރައްވާފައިވާ މައްސަލައެއް ކަމަށް ވާތީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިވަޑައިގަންނަވާނީ ދިވެހި ފުލުހުންނަށް ކަމަށް ދޭހަވާ މާނައިގަ ކަމަށެވެ.

ތަޙުޤީޤަށް ބޭނުންތެރި މައުލޫމާތެއް ދެއްވެން ނެތް ޙާލަތެއްގައި ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުގެ ބޭނުމެއް ނެތް ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް