ހޫތީންގެ އެއްވުމެއް --
ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކާއި ހަކަތައިގެ ވަސީލަތްތަކަށް ދިން ހަމަލާތަކެއްގައި އަންހެނުންނާއި ކުޑަކުދީން ހިމެނޭ ގޮތަށް މަދުވެގެން 73 މީހަކު ޒަޚަމްވެފައިވާ ކަމަށް ސަޢޫދީން މިއަދު ބުނެފިއެވެ.
ޔަމަނުގައި ހަނގުރާމަ ވަރުގަދަވެ ސަޢޫދީން ތާއީދުކުރާ ބައިނަލްއަޤުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނު ސަރުކާރުން ޙޫޘީންގެ އަތުން ބިންތައް އަތުލުމަށް ރައްދު ޙަރަކާތެއް ފަށާފައިވާ ދަނޑިވަޅެއްގައި ސަޢޫދީގެ ކޯލިޝަނުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް މާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަބްހާ ޚަމީސް މުޝައިޠް ޖީޒާން އަދި ނަޖުރާނުގެ ޢާންމު ރައްޔިތުން ދިރިއުޅޭ ތަންތަނާއި އިޤުތިޞާދީ ތަންތަނަށް ޙޫޘީންގެ ހަމަލާ އަމާޒުވެފައިވާ ކަމަށެވެ.
ހަމަލާތައް ދިނީ ކޮން ވަގުތެއްގައި ކަމެއް އޭނާ ސާފުކޮށެއް ނުދެއްވައެވެ. އަލް މާލިކީ މި ހަމަލާތައް ސިފަކުރެއްވީ "ނުރައްކާތެރި އެސްކެލޭޝަނެއް"ގެ ގޮތުގައެވެ. ސަޢޫދީގެ ސިޔާދަތާ ދެކޮޅު "ފާޅުކަން ބޮޑު އިމާލޭޝަނެއް" ކަމަށް ވެސް ވިދާޅުވެ ހަމަލާތައް ހުއްޓުވުމަށާއި ނުރައްކަލުގެ މަސްދަރުތައް ނައްތައިލުމަށް "ހުރިހާ ޢަމަލީ ފިޔަވަޅެއް" އަޅާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
ވަކި ބަޔާނެއް ނެރެ ސަޢޫދީ ހަކަތައާ ބެހޭ ވުޒާރާއިން ބުނީ އެ ޤައުމުގެ ދެކުނު ސަރަޙައްދުތަކުގައި ހުރި ހަކަތައިގެ ވަސީލަތްތަކަށް މިއަދު ފަތިހު ހަމަލާ އެރި ކަމަށެވެ. އެ ހަމަލާތަކުގެ ސަބަބުން ރައްޔިތުންނާއި ރެސިޑެންޓުންގެ ތެރެއިން ބައެއް ފަރާތްތައް ޒަޚަމްވެ ތަފާތު ތަންތަނުގައި ރޯވެ ބައެއް އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓައިލަން ޖެހުނު ކަމަށް އެ ބަޔާނުގައިވެއެވެ.
ޙޫޘީން ފަހުން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ތިން ދުވަހު ސަޢޫދީން ޔަމަނަށް 120 އަށްވުރެ ގިނަ ހަމަލާ ދީފައިވާތީ އެ ހަމަލާތަކުގެ ރައްދެއްގެ ގޮތުން ޙޫޘީން ޙަމަލާ ދިނީ ކަމަށެވެ. ޙޫޘީ ސިފައިންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނީ "ޔަމަނު ސިފައިން ބެލެސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ބޮޑު ދުރު ރާސްތާ ޢަސްކަރީ އޮޕަރޭޝަނެއް ހިންގި" ކަމަށެވެ. މީގެ ކުރިން ޙޫޘީން ތުހުމަތުކުރީ އުތުރުގެ އަލް ޖައުފް ގަވަނަރޭޓުގެ އަލް ޙަޒްމްގައި ހުރި ޖަލަކަށް ސަޢޫދީން ވައިގެ ހަމަލާ ދީ މަދުވެގެން ހަތް މީހަކު މަރައިލި ކަމަށެވެ. "ޔަމަނާ ދެކޮޅު ސަޢޫދީ އުދުވާނަށް އެކަމުގެ ރައްދު ދެވޭނެ" ކަމަށް ވެސް ޙޫޘީން ބުންޏެވެ. މި ތުހުމަތާ ގުޅޭ ގޮތުން ރިޔާޛުން ބަހެއް ނުބުނެއެވެ.
2014 ވަނަ އަހަރު ޙޫޘީން ވެރިރަށް ޞަންޢާ ހިފުމާ ގުޅިގެން ޖެހިގެން އައި އަހަރު ސަޢޫދީ ކޯލިޝަން ޢަސްކަރީ ގޮތުން ތަދައްޚުލްވި ފަހުން ޔަމަނު އޮތީ ހަނގުރާމައެއްގެ ތެރޭގައެވެ. 2022 ވަނަ އަހަރު އދ. މެދުވެރިވެ ހަދައިދިން ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކާ ގުޅިގެން ހަމަލާތައް ހުއްޓުނު ނަމަވެސް ފެބްރުއަރީ މަހު އެމެރިކާ އާއި އިސްތިޢުމާރީ އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ޔަމަނުގައި ވެސް ހަމަނުޖެހުން އަލުން ފެށުނެވެ.
ޖުލައި މަހު ޞަންޢާ ވައިގެ ބަނދަރަށް ދިން ހަމަލާއަކަށް ފަހު ޙޫޘީން ސަޢޫދީގެ އަބްހާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރާ ދިމާއަށް މިސައިލާއި ޑްރޯން ފޮނުވައި ސަޢޫދީއާ ދެކޮޅަށް ކަނޑުގެ ޙިޞާރެއް އިޢުލާނުކޮށް ރެޑް ސީގައި ސަޢޫދީއާ ގުޅުން ހުރި ބޯޓުފަހަރަށް ވެސް ހަމަލާ ދޭން ފެށިއެވެ.
ބުރާސްފަތި ދުވަހު ޙޫޘީން ބޮޑު ހަމަލާއެއް ދީ ބާބުލް މަންދަބް ކަނޑުއޮޅީގެ ރެޑް ސީ ފަރާތުން ބަނދަރު ސިޓީ އަލް މަޚާ (މޯކާ) އާ ހަމައަށް ދެކުނު ޙުދައިދާ އާއި ހުޅަނގު ތަޢިޒް ތެރެއިން ކުރިއެރުމަށް މަސައްކަތް ކޮށްފައިވެއެވެ. ކުރިން ތަޢިޒް ހުޅަނގާއި ޙުދައިދާ ދެކުނުގައި ކެންދެ ހެދި ހަނގުރާމަ މިހާރު ވަނީ އަލް ޟާލިޢާ މައުރިބް އަލް ޖައުފް އަދި އަލް ބައިޟާ ޕްރޮވިންސްތަކަށް ފެތުރިފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބުނީ އޮގަސްޓް 24 ވަނަ ދުވަހުން ފެށިގެން 1,078 މީހަކު މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށާއި ބުރާސްފަތި ދުވަހުން ފެށިގެން 21,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް