ކުރީގެ ރައީސް އަބްދުﷲ ޔާމީން --
ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް ޚާއްޞަ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ފުލުހުންނަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މި ސިޓީ ފޮނުއްވީ އެ ހާދިސާގެ ތަޙުޤީޤަށް މައުލޫމާތު ހޯދުމަށް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓެއް ހަވާލުކުރަން އިއްޔެ ފުލުހުން އެ މަނިކުފާނުގެ ގެކޮޅަށް ދިއުމާ ގުޅިގެންނެވެ. ޗިޓުގައި ބަޔާންކޮށްފައި ވަނީ ޔާމީނަކީ ގްރީން ބިލްޑިންގައި ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން "މައުލޫމާތު ދެވިދާނެ މީހެއް" ގެ ގޮތުގައި ކަމަށެވެ.
ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އެ އިމާރާތުގައި ރޯކޮށްލީ ކާކުކަން ފުލުހުންނަށް އެނގޭނެ ކަމަށެވެ. އަދި އެކަން ކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ކިހާ ގާތް ފަރާތެއްކަންވެސް ފުލުހުންގެ ރެކޯޑުތަކުގައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ޔާމީންގެ ޤާނޫނީ ވަކީލު ހަމްޒާ ލަޠީފް ޕޮލިސް ކޮމިޝަނަރު އަޙުމަދު މުޙައްމަދަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ޢާންމުކޮށް ޝާއިޢުކޮށްފައިވާ މައުލޫމާތު ފިޔަވައި އިތުރު އެއްޗެއް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ފުލުހުން އަމިއްލައަށް ތަޙުޤީޤު ކުރަމުން އަންނަ މައްސަލައަކަށް ވާތީ ހާދިސާ ހިނގި ސަބަބުވެސް އެނގޭނީ ފުލުހުންނަށް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެ ސިޓީގައި ބުނެފައިވަނީ ޔާމީން އެވާހަކަ ވިދާޅުވެފައި ވާނީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރައްވާފައިވާ މައްސަލައެއް ކަމަށް ވާތީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިވަޑައިގަންނަވާނީ ދިވެހި ފުލުހުންނަށް ކަމަށް ދޭހަވާ މާނައިގަ ކަމަށެވެ.
ތަޙުޤީޤަށް ބޭނުންތެރި މައުލޫމާތެއް ދެއްވެން ނެތް ޙާލަތެއްގައި ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުގެ ބޭނުމެއް ނެތް ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އަލިފާނުގެ ހާދިސާގެ ތަހުގީގަށް ޔާމީންގެ ފަރާތްޕުޅުޖް މައުލޫމާތު ހޯދުމުގެ މަސައްކަތް ފެށީ ހޯމް މިނިސްޓަރު ޢަލީ އިޙުސާންގެ އެންގެވުމަށެވެ.
އިހުސާން މީގެ ކުރިން ވިދާޅުވީ އަލިފާނުގެ ހާދިސާގެ ތަހުގީގުން އެނގުނު ގޮތުގައި އެކަން ހިނގީ ކަރަންޓު ޝޯޓަކުންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް