އަހުމަދު ޝަހީރު --
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންގެ މަގާމަށް އަހުމަދު ޝަހީރު އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި ޝަހީރު އެ މަގާމަށް ހަމަޖެއްސީ އިއްޔެއެވެ.
އެޗްޑީސީގެ ޗެއާމަންގެ ގޮތުގައި ޝަހީރު މަސައްކަތް ކުރީ މެއި 2025 އިން ފެށިގެން މިދިޔަ ހަފުތާއާ ހަމައަށެވެ. އެ މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ޝަހީރު އެންމެ ފުރަތަމަ ހަމަޖެއްސީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށެވެ. ނަމަވެސް އޮގަސްޓު 2024 ގައި ފެނަކައިން ވެސް އޭނާ ވަކިކުރިއެވެ. ޝަހީރަކީ އެސްޓީއޯގައި ގިނަ ދުވަހު ޚިދުމަތް ކުރި ބޭފުޅެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަނުކުރުމުގެ ކުރިން ޝަހީރު ހުރީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައެވެ.
ޝަހީރުގެ ކުރިން އެމްޓީޑީސީގެ ޗެއާމަނަކަށް ހުރީ ފެބްރުއަރީ 2017 އިން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރި އަބްދުﷲ ފާއިޒެވެ. ފާއިޒް ވަނީ މިދިޔަ ހަފުތާގައި މިފްކޯގެ ޗެއާމަނަކަށް ބަދަލުކޮށްފައެވެ.
އެމްޓީޑީސީއަކީ ޓޫރިޒަމް ދާާއިރާގައި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން އުފައްދާފައި އޮންނަ ކުންފުންޏެވެ. އެއީ އަބަދުވެސް ދައުލަތަށް ބޮޑު ގެއްލުމެއް ލިބެމުންދާ ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް