އައިފިލް ޓަވާ --
ފްރާންސްގެ ޕެރިހުގައި ހުންނަ އައިފެލް ޓަވަރަށް ހިންދޫ ދީނީ ޖަމާޢަތެއްގެ ބަޔަކު ޒިޔާރަތްކުރި ވަގުތު އަންހެން މުވައްޒަފުން މަސައްކަތު ތަންތަނުން ދުރުކުރި މައްސަލައިގައި އެ ތަނުގެ މުވައްޒަފުން ހަޅުތާލުކޮށް ޓަވަރު ބަންދުކޮށްފިއެވެ.
މުވައްޒަފުން ޓަވަރު ބަންދު ކުރީ އެއް ދުވަހަށް ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.
ބޮޗަސަންވާސީ އަކްޝަރް ޕުރުޝޮއްތަމް ސްވާމީނާރާޔަން ސަންސްތާ (ބީއޭޕީއެސް) ނަމަކަށް ކިޔާ މި ޖަމާޢަތުގެ ވަފުދުން އަންހެނުންނާ މުޢާމަލާތް މަދުކޮށްދިނުމަށް އެދުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. މުވައްޒަފުންގެ ޔޫނިއަނުގެ މަންދޫބު ޑިއެން ޑެވޮއިން ރޮއިޓާޒް ނޫހަށް ބުނީ އެ ވަފުދުގެ ޒިޔާރަތުގައި އަންހެން މުވައްޒަފުން އެ މީހުންގެ މަޤާމުތަކުން ނެރެ އެ ތަންތަނަށް ފިރިހެނުން ބެހެއްޓި ކަމަށެވެ.
ވަފުދު ޓަވަރުގައި ތިބި ވަގުތު ވަކި ސަރަހައްދުތައް ހުރަސްނުކުރުމަށް ހުރިހާ އަންހެން މުވައްޒަފުންނަށް އެންގި ކަމަށް ވެސް އޭނާ ބުންޏެވެ. މި ކަމާ ގުޅިގެން އެ އަންހެނުންނަށް "ނިކަމެތިކަމުގެ އިހުސާސް" ކުރެވުނު ކަމަށް ޑެވޮއިން ފާހަގަކޮށްފައިވެއެވެ.
ޓަވަރު ހިންގާ ކުންފުނީގެ ރައީސް އެރިއެލް ވެއިލް އޭއެފްޕީ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ވަފުދުން ހުށަހެޅި ޝަރުތުތައް ޤަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އެ ޓަވަރަށް މީހުން ވެއްދުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރުމަށް ވައުދުވެފައިވާނެ ކަމަށް ބުންޏެވެ.
ބީއޭޕީއެސް ޖަމާޢަތުން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޒިޔާރަތް ކުރިއާލައި ޓަވަރުގެ ޓީމުތަކާ ގުޅިގެން ރޭވި ކަމަށާއި އެއްވެސް މީހަކަށް ޓަވަރަށް ވަނުން ހުއްޓުވި ކަމެއް އެ ޖަމާޢަތަށް އެނގިފައި ނުވާ ކަމަށެވެ. އެހެންވެ ބަޔަކަށް އިހާނެތި ގޮތަކަށް ކަމެއް ހިނގާފައިވާ ނަމަ މައާފަށް އެދޭ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގައި ޕެރިހުގެ މޭޔަރު އިމެނުއެލް ގްރެގޮއާ ބުނީ ޒިޔާރަތް ހިނގައިދިޔަ ގޮތް ތަޙުޤީޤުކުރާނެ ކަމަށެވެ. އޭނާ ބުނީ އައިފެލް ޓަވަރުގެ މުވައްޒަފުން ފާޅުކުރި ރުޅިވެރިކަން ބަލައިގަންނަ ކަމަށާއި އެ މީހުންގެ ހިތްހަމަނުޖެހުމަކީ ޤާނޫނީ ހައިސިއްޔަތު އޮތް ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް