''ދެން ކީއްވެ ޒާރާ އަހަރެންނާ ކައިވެނި ކުރަން އެއްބަސްވީ.....'' ޒާރާއަށް ފުރަގަސްދެމުން އިމްރާން ސުވާލުކުރިއެވެ. ޒާރާގެ މޫނަށް ބަލަންހުރެ އެ ސުވާލު ކުރުމަށް އިމްރާން ނުކުޅެދިފައިވާ ކަހަލައެވެ.
''އެއްވެސް މީހަކު ބޭނުންނުވާ ކަމެއް އެމީހަކުލައްވާ ގަދަކަމުން ކުރުވުމަކީ އަހަރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫން....... '' އިމްރާން އެބުނި އެއްޗެއް ޒާރާއަކަށް ނުވިސްނުނެވެ.
ކޮޓަރިތެރޭގައި ރަސްކަން ކުރަމުންދަނީ ފުން ހަމަހިމޭން ކަމެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ހީވަނީ ކޮންމެ މީހަކުވެސް ފުން ވިސްނުމެއްގެ ތެރެއަށް ގެނބިފައިވާހެނެވެ. އެގޮތަށް އެކަހަލަ ގޮނޑިއެއްގައި ދެފައި އެލުވައިގެން އިނުމަކީ ޒާރާ އަށް މިވަގުތު ކުރަން ފަސޭހަކަމެއް ނޫނެވެ. ވެފައިވާ ވަރުބައްޔާ، ހިތަށް އަރާފައިބަމުންދާ އެއްޗިހި ނުހަނު ގިނައެވެ. ސިކުނޑީގެ ތެރޭގައިވާ ހަލަބޮލިކަމުގެ ސަބަބުން ބޯހާސްވަނީއެވެ. އިމްރާނާ ދިމާއަށް ސިއްރުސިއްރުން އެތައް ފަހަރަކު ޒާރާ ބަލައިފިއެވެ. ހިތުތެރޭގައިވާ ހުރިހާ އެއްޗެއް ބޭރުކޮށްލަން ޒާރާ ބޭނުމެވެ. ސިނކުޑިއަށް ލުޔެއް ލިބޭނީ އޭރުންކަމުގައި ޒާރާއަށް ގަބޫލު ކުރެވޭތީއެވެ. އެހެންނަމަވެސް ވާހަކަ ދައްކާނެ ހިތްވަރެއް ޒާރާއަކަށް ނުލިބުނެވެ. ޒާރާއަށް ގަބޫލުކުރެވޭގޮތުގައި މިތަނުގައި ޒާރާ ބައިންދައިގެން އިމްރާން އެދެނީ އަދަބެކެވެ. ޒާރާ ދެރަވެ ހިތުގައި ޖެހުނެވެ. ހިތުތެރޭގައިވާ ރުޅިއާއި ޖެހިފައިވާ މަޖުބޫރީ ހާލަތު ހިތަށްވެރިވެ އިންތިހާއަށް ދެރަވެއްޖެއެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ. މަޑުމަޑުން ގިސްލެވެން ފަށައިފިއެވެ. ނިކަމެތިކަމުގެ އިހްސާސްތަކުން ބަނދެވި ރޮވެން ފަށައިފިއެވެ.
ޒާރާގެ ގިސްލުމުގެ އަޑު އިމްރާނުގެ ކަންފަތުގައި ޖެހުނު ވަގުތު ފުންމައިގެން ތެދުވެވުނެވެ. ޒާރާގެ ގާތަށް އައިސް ގުދުވެލާފައި އެ ރީތި މޫނަށް ބަލާލިއެވެ. ޒާރާ ހީކުރީ އިމްރާން ހުންނާނީ ވަރަށް ހިތްހަމަނުޖެހިފައި ކަމުގައެވެ. ޑްރެސިންޓޭބަލް މަތީގައި ހުރި ޓިޝޫފޮށިން ޓިޝޫއެއް ނަގައިގެން އިމްރާން އުޅުނީ ޒާރާގެ ކޯތާފަތްމަތިން ފައިބަމުންދާ ކަރުނަތައް ފޮހެދޭށެވެ. އެވަގުތު ޒާރާގެ އަތުގެ އިޝާރާތުން އެކަން މަނާކުރިއެވެ. އިމްރާނުގެ އަތުން ޓިޝޫއަތުލުމަށްފަހު ދެލޮލާ މޫނު ފޮހެލިއެވެ.
''ފެންވަރައިގެން ވަރުބަލި ފިލުވާލާ ..... ޒާރާ ތިހިރީ ވަރަށް ވަރުބަލި ވެފައެއްނު..... އަލަމާރީގައި ހުންނާނެ ޒާރާގެ އަންނައުނު...... ނިދާހެދުންވެސް ހުންނާނެ..... ދެން މިރޭ އަރާމުކޮށްލާ..... މިރޭ މިގޭގައި މަޑުކުރުން އެއީ ޒާރާގެ ކިބައިން އަހަރެން އެދޭ ވަރަށް ބޮޑު އެދުމެއް........ މާދަމާ ވިސްނާފަ ގޮތެއް ނިންމާނީ..... ޒާރާއަށް ރަނގަޅު، ޒާރާ އެދޭ ކޮންމެގޮތެއް އަހަރެން ހަދާދޭނަން....... އެއީ ޒާރާ އަހަރެންނާ ވަކިވުން ކަމުގައި ވިޔަސް......'' އިމްރާން އެންމެފަހުން އެބުނި ޖުމްލައަޑުއިވުމުން ޒާރާ ހައިރާންވިއެވެ. އަތުގައި އޮތް ޓިޝޫއިން ލޮލުގައިވާ ކަރުނަތައް ހިއްކާލުމަށްފަހު އިމްރާންގެ މޫނަށް ޒާރާ ބަލާލިއެވެ. ދެންމެ އިމްރާން އެބުނި ޖުމްލައަކީ ހަމަ އިމްރާން ބުނިއެއްޗެއް ބާވައެވެ. ނޫނީ ޒާރާއަށް ހީވިގޮތް ބާވައެވެ.
''ޒާރާ ނިދާލާ އެނދުގަ..... އަހަރެން މިތާ ސޯފާގައި އޮވެދާނަން .... '' ކޮޓަރީގައި ހުރި ބޮޑު ސޯފާއަށް އިޝާރާތް ކޮށްލަމުން އިމްރާން ބުނެލިއެވެ. ޒާރާ ހަމަ އިންތާނގައި އިނީ އެވެ. އިމްރާން ކޮޓަރިތެރޭގައި ހުއްޓާ ޒާރާ ފެންވަރަން ވަންނަން ޖެހިލުން ވަނީއެވެ. ބުރުގާ ނަގަންޖެހޭތީވެސް ޒާރާ އިނީ ކަންބޮޑުވެފައެވެ. އެއްޗިހި ބަދަލުކުރަން ހަދާނީ ކިހިނެއްބާވައެވެ. ޒާރާ ފެންވަރާ ތައްޔާރުވެލަންދެން ބޭރުގައި މަޑުކޮށްލަން ބުނެފާނަމޭ ކިތައްމެ ފަހަރަކު އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ޒާރާ އިޚްތިޔާރު ކުރީ ހަމަހިމޭންކަމެވެ.
''އަހަރެން އެބަ އަންނަން ބޭރަށް ނިކުމެލާފަ.........ޒާރާ ވަދޭ ފެންވަރަން......'' އިމްރާނަށް ޒާރާގެ ހިތުގައިވާ އެއްޗެއް އެނގުނީ ކިހިނެއްބާވައޭ ޒާރާގެ ހިތަށް އެރިއެވެ. އިމްރާން ލައިގެންހުރި ޖެކެޓާއި ކޯޓު ބޭލުމަށްފަހު ކޮނޑުގައި އަޅުވާލިއެވެ. ގަމީސް ބޭލުމަށްޓަކައި ގޮށްތައް ނައްޓަން ފެށުމާއެކު ޒާރާ އަނެއްފަރާތަށް އެނބުރުނެވެ. އިރުކޮޅަކުން ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވުނެވެ. ޒާރާ ވަށައިގެން ހޯދާލިއެވެ. އިމްރާނެއް ނެތެވެ. ލައިގެންހުރި ގަމީސް ނިކަން ރީތިކޮށް ކޮޑުގައި އަޅުވާފައި އޮތެވެ. އިމްރާންގެ އެ އާދަ ޒާރާއަށް ކަމުދިޔައެވެ. އާއްމުކޮށް ފިރިހެނުންނަކީ އެހާތަރުތީބު ބައެއް ނޫންކަން ގަބޫލު ކުރެވިފައި އޮތީމައެވެ.
ޒާރާ އަލަމާރިއާ ދިމާއަށް ބަލާލިއެވެ. ފަސްދޮރުފަތުގެ ބޮޑު އަލަމާރިއެކެވެ. ފޮގް ބިއްލޫރިން ދޮރުފަތްތައް ހުރިއިރު އެތެރެ ކޮންމެވެސް ވަރަކަށް ފެނެއެވެ. ޒާރާ އަލަމާރިއާ ކައިރިއަށް ޖެހިލިއެވެ. އޭނާގެ ހެދުންތައް ހުންނާނެވާހަކަ އިމްރާން އޮތީ ބުނެފައެވެ. އިމްރާން ބުނީ ތެދެއްތޯ ބަލާލަން ޒާރާ ބޭނުންވިއެވެ. ދޮރުފަތް ހުޅުވާލުމާއެކު އަލަމާރިތެރެ ދިއްލުނެވެ. ޒާރާއަށް ފެނުނީ އޭނާގެ އަމިއްލަ ހެދުންތަކުގެ އިތުރުން އާހެދުމާ ކުރުތާވެސް ހުއްޓެވެ. ކޮޑުގައި ހެދުންތައް އަޅުވާފައިހުރީ ވަކި ތަރުރީބަކުންނެވެ. އެންމެ ހައިރާންވީ ކަމަކީ ޒާރާގެ ނައިޓީއާއި އަދި އެތެރެއިންލާ ސާމާނުތައްވެސް އަލަމާރި ވަތްގަނޑުތަކުގައި ތަރުތީބުން ހުއްޓާ ފެނުމުންނެވެ. ހެދުންތައް ގެނައި ގޮތަކާމެދު ވިސްނަން ހުންނާކަށް ޒާރާ ބޭނުމެއްނުވިއެވެ. އިމްރާން ކޮޓަރިއަށް ވަނުމުގެ ކުރިން ފެންވަރާލަން އޭނާ ބޭނުން ވެއެވެ. އެހެންކަމުން އަލަމާރިން ހެދުމާ ތުވާލި ނެގުމަށްފަހު ފެންވަރާ އެއްޗިހި ބަދަލުކުރުމަށް އޭނާ އަވަސްވެގަތެވެ.
ފެންވަރާލުމުން ހަށިގަނޑަށް ތާޒާކަން ލިބުނުނަމަވެސް ވަރުބަލިކަން މާ ބޮޑަށް އިހްސާސް ކުރެވެންފެށިއެވެ. އަތްދިގު ޓީޝާޓަކާ ހަރުވާލެއް ލުމަށްފަހު އިސްތަށިގަނޑު ހިއްކާލިއެވެ. ޒާރާއަށް ހިތްހަމަޖެހުމެއް ލިބުނީ ފާހާނާއިން ނިކުތްއިރުވެސް އިމްރާން ކޮޓަރިތެރޭގައި ނެތުމުންނެވެ. ރީތި ފަން އިސްތަށިގަނޑުގައި ހެއާކްރީމް ހާކާލުމަށްފަހު ފުނާއަޅާލިއެވެ. ބޮލުގައި ރިއްސާލެއް ގަދަކަމުން އޮށޯވެލަން ހިތްއެދެމުން ދިޔައެވެ. މަޑުމަޑުން އެނދުކައިރިއަށް ޖެހިލިއެވެ. އެނދުގައި އަޅާފައިވާ އަރާމު ގޮދަޑީގައި އޮށޯވެހަމަޖެހިލިއެވެ. ބުރުގާއަޅައިގެން ނިދުން އެއްކިބާގައި އޮއްވާ ބުރުގާ އަޅައިގެން އޮށޯވެ އޮތުމަކީވެސް އޭނާއަށް ނުހަނު އުނދަގޫކަމަކަމެކެވެ. ބުރުގާ ނަގާއެއްފަރާތެއްގައި ބޭއްވިއެވެ. އަދި އެނދުގައި އަޅާފައިވާ މަޑުމަޑު ރަޖާގަނޑުން މޫނުއެކަނި ފެންނާނޭހެން ބޮލާއެއްކޮށް ހަށިގަނޑު ފޮރުވާލިއެވެ. އޮށޮވެލުމުން ލިބުނު އަރާމުގައި ދެލޯމަރާލެވުނެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމުގެ ސަބަބުން، އިސާހިތަކު އެ ރީތި ލޮލަށް ނިދީގެ އަސަރުވެރިވެގެންފިއެވެ. އަދި އަރާމު ނިދީގެ ތެރެއަށް ޒާރާ ގެނބިގެން ދިޔައެވެ.
އިމްރާން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ޒާރާ ނިދާފައިއޮތް އެނދާދިމާލަށް މަޑުމަޑުން ހިނގައިތެވެ. އޮރެންޖު ކުލައިގެ އަލީގެތެރެއިން ޒާރާގެ މޫނު ނުހަނު ސާފުކޮށް ފެނެއެވެ. ބޮލާއެކު އަޅާފައިވާ ރަޖާގަނޑު ކުޑަކޮށް ތިރިއަށް ސޮހިފައިވާއިރު އެ ރީތި އިސްތަށިގަނޑު އޮތީ ހާމައަށް ފެންނާށެވެ. ދިގު އެސްފިޔަތަކުގެ ހިޔަނި ޒާރާގެ ދޮން ކޯތާފަތަށް އެޅިފައިވާއިރު އެ ރީތި މޫނުގެ ރީތިކަން އިތުރުކޮށްދެއެވެ. މަޑުފިޔާތޮށިކުލައިގެ ލޯބިލޯބި ދެތުންފަތެވެ. މޮޅު ކުރެހުންތެރިއެއްގެ ކުރެހުމެއްވެސް އެހާ ފުރިހަމަވެފައި ރީތި ނުވާނެކަމުގައި ގަބޫލުކުރަންޖެހެއެވެ. އިމްރާނަށް ޒާރާގެ މޫނަށް ބަލަންހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ.
''ޒާރާ.... ތީ އަހަރެންގެ ލޯބިވާ އަނބިމީހާ..... ޒާރާދެކެ އަހަރެން ހިތާފުރާނައިން ލޯބިވަން.... އަހަރެން ޒާރާދެކެ މިވާ ލޯތްބަށް ދުވަހަކުވެސް ފަނޑުކަމެއް ނާންނާނެ..... އަހަރެންނަށް ޒާރާ ލިބުނަސް ޒާރާގެ ލޯބި ލިބޭނެބާ..... އިންތިޒާރު ކުރާނަން..... ގުޑްނައިޓް....'' ދުލުން އެބަސްތައް ބޭރު ނުވިކަމުގައި ވިޔަސް އޭއީ އޭނާގެ ހިތުގެއަޑެވެ. އެމީހަކު އެންމެލޯބިވާމީހާ ހަޔާތުގެ ބައިވެރިއަކަށްވުމަށްފަހު އެ ބައިވެރިޔާއާ އެކުގައި އެހެނަސް ދުރުގައި ހުރެވޭނެހެއްޔެވެ. ޒާރާ އާ އެންމެ އިންޗިއެއްވެސް ދުރަށް ޖެހިލުމަކަށް އިމްރާންގެ ޒަމީރު އެއްބަހެއް ނުވިއެވެ. ޒާރާއަށްވެފައިވާ ވައުދުމަތިން އިމްރާން ހަނދާންނެތުނު ކަހަލައެވެ. މަޑުމަޑުން އިމްރާން ޒާރާގެ މުނާދިމާލަށް ގުދުވެލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް