ދެ ފުލުހުންނާމެދު އުމަރު ބުނި ވާހަކަ މުޅިއަކުން ދޮގަކަށް ނުވި، ކުރިން ފިޔަވަޅުވެސް އެޅި !

މިދިޔަ ހުކުރު ދުވަހުގެ ރޭ ފޭސްބުކުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ލިޔުއްވި ވާހަކަ މުޅިއަކުން ދޮގަކަށް ނުވިއެވެ. އެރޭ ފުރަތަމަ ޕޯސްޓްގައި އުމަރު ވިދާޅުވެފައިވަނީ ރިލްވާން މައްސަލައިގާ ތަހުގީގ...

08 Sep 2019 | 06:31

މިދިޔަ ހުކުރު ދުވަހުގެ ރޭ ފޭސްބުކުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ލިޔުއްވި ވާހަކަ މުޅިއަކުން ދޮގަކަށް ނުވިއެވެ.

އެރޭ ފުރަތަމަ ޕޯސްޓްގައި އުމަރު ވިދާޅުވެފައިވަނީ ރިލްވާން މައްސަލައިގާ ތަހުގީގަށް ހުރަސް އެޅި ދެ ފުލުހަކު ހައްޔަރު ކުރުމަށް އޭޖީ އަންގަވާފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހިމް ރިފްއަތަކީ ކުރީގެ ސަރުކާރުން މައްސަލަ ބަލާ ވަޒީފާއިން ވަކިކޮށްފައިވާ ދެ ފުލުހުން ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެންގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބަލާ މި ދެ ފުލުހުން އަލުން ވަޒީފާއަށް ނެރެފައިވަނީ މި ސަރުކާރުން" އުމަރު ތުހުމަތު ކުރެއްވިއެވެ.

އުމަރުގެ އެ ވާހަކައާއި މެދު ނޫސްވެރިއަކު ފުލުހުންކުރެން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވެފައިވަނީ އެ ދެ ފުލުހުން އެއްވެސް އިރެއްގައި ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށެވެ.

އެ ޖަވާބުގެ ހަބަރު މީޑިއާގައި ޝާއިޢު ކުރުމާއެކު އުމަރު ނަސީރު ދެން ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ދެ ފުލުހުން ވަކިކޮށްފައިނުވާކަމަށް ފުލުހުންގެ ފަރާތުން ވިދާޅުވެފައިވާތީ، އިތުރު ސުވާލެއް ފުލުހުންނާ ކޮށްލަން އެދޭ ކަމަށެވެ.

"މި ދެ ފުލުހުންނަށް ކުރީ ސަރުކާރުން ދީފައިވާ އެއްވެސް އަދަބަކަށް މި ސަރުކާރު އައުމަށްފަހު އެއްވެސް ލުޔެއް ދެއްވިންތޯ؟" އުމަރު ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބެއް ހޯދަން އެދި ނޫސްވެރިއަކު އެހުމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު އެރޭ ވިދާޅުވީ ރިލްވާންގެ މައްސަލައާއި ގުޅުންހުރި މިފަދަ ސުވާލުތަކަށް ޖަވާބު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.

އެހެން ނަމަވެސް ފުލުހުން މިއަދު މިވަނީ މި ސުވާލަށް ޖަވާބު  ދީފައެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެ ދެ ފުލުހުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ބަލަމުންދާތީ ވަޒީފާއާއިމެދު ގޮތެއް ނިމެންދެން 13 ޖުލައި 2017ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ރަސްމީ މަސައްކަތުން ދުރުކޮށްފައިވާކަމަށެވެ.

"އަދި ނޮވެމްބަރު 7 2018" ވަނަ ދުވަހު އެ ދެ ފުލުހުން ވަނީ އަނބުރާ ވަޒީފާއަށް ނެރެފައި" އިޒްމިއާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ދެފުލުހުންގެ ޑިސިޕްލިނަރީ މައްސަލަ މިހާރުވެސް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ދަނީ ބަލަމުން ކަމަށެވެ.

އުމަރު ނަސީރު ދެއްކެވި ވާހަކާގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވުނު ނަމަވެސް ނޮވެމްބަރު 7 2018 ގައި ރައީސް ސޯލިހް އޭރު އަދި ރައީސް ކަމުގެ ހުވާ ކުރައްވައި، ސަރުކާރު އެކުލަވާލާފައެއް ނުވެއެވެ. އޭރު އޮތީ ޓްރާންޒިޝަން ޕީރިއަޑްގައެވެ. ރައީސް ސޯލިހް މަގާމުގެ ހުވާ ކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހުގައެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 23 ސެޕްޓެމްބަރު 2018 ގައެވެ.

ރިލްވާންގެ މައްސަލައިގާ މަރު ކޮމިޝަނުން ނިންމި ތަހުގީގަށް ރިއާޔަތްކޮށް މި ދެ ފުލުހުން ހައްޔަރު ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އެންގިއެވެ. އެހެން ނަމަވެސް މަރު ކޮމިޝަނާ ހަވާލާދީ ފުލުހުން ބުނެފައިވަނީ މި ދެ ފުލުހުން ހައްޔަރު ކުރެވޭނެ ތަނެއް ނެތްކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް