ރޭ ކަނޑުމަތީގައި ހިނގި ހާދިސާ: ޕަސިންޖަރުން އެންމެ ކަންބޮޑުވީ ވާވަރަށް ލައިފް ޖެކެޓު ނެތުމުން !

38 މީހުންނާއެކު ނ. އަތޮޅުން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް މާލެ އަތޮޅު ކަގި މޯލްޑިވްސް ރިސޯޓްގެ ހުޅަނގު ފަރާތު ފަރަށް އެރުމާއި ގުޅިގެން ސިފައިން އެލާޓަށް އައެވެ. ސިފައިންގެ މާލެ އޭރިއާ ކޯސްޓްގާޑ...

08 Sep 2019 | 05:31

38 މީހުންނާއެކު ނ. އަތޮޅުން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް މާލެ އަތޮޅު ކަގި މޯލްޑިވްސް ރިސޯޓްގެ ހުޅަނގު ފަރާތު ފަރަށް އެރުމާއި ގުޅިގެން ސިފައިން އެލާޓަށް އައެވެ. ސިފައިންގެ މާލެ އޭރިއާ ކޯސްޓްގާޑް ސްކްރަޑުން، އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފެށިއެވެ.

ސިފައިން ބުނެފައިވާގޮތުގައި އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ ރޭ 21:46 ހާއިރުގައެވެ.

އެ ލޯންޗުން ދަތުރުކުރި 38 މީހުންގެ ތެރޭގައި 11 އަންހެނުންނާއި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސްގެ އެހީގައި އޭގައި ތިބި އެންމެން މާލެ ގެނސްފައިވަނީ ރޭ ދަންވަރު 02:10 ހާއިރުގައެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެހެން ނަމަވެސް ރޭގެ އެ ހާދިސާ ހިނގި އިރު އެ ލޯންޗުގައި ގިނަ އަދަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ތިބި އިރު އެމީހުން ހާސްވެ ރޮއެ ހެދިއެވެ. އަދި އޭގެ ތެރެއިން އެއް އަންހެނެއްގެ ހާލު ދެރަވިއެވެ. މާލެ ގެނެސް އެ އަންހެން މީހާ ހޮސްޕިޓަލަށްވެސް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން އޭގައި ތިބި މީހުން ހާސްވެ ކަންބޮޑުވި އެންމެ ބޮޑު އެއް ސަބަބަކީ އެ ލޯންޗުގައި ޕަސިންޖަރުންނަށް ވާވަރަށް ލައިފް ޖެކެޓު ނެތްކަމެވެ.

"ޕަސިންޖަރުންނަށް ވާވަރަށް ލައިފް ޖެކެޓެއް ނެތް، އެކަމަކު ފަހުން އޭގެ ވަތަކުންވެސް ކޮންމެވެސް ވަރަކަށް ބާ ލައިފް ޖެކެޓުތަކެއް ނެގި، އެ ނަގައިގެންވެސް ޕަސިންޖަރުންނަށް ހަމައެއް ނުވި" އެ ލޯންޗުން ދަތުރުކުރި ޕަސިންޖަރަކު ދުވަހަށް މައުލޫމާތު ދެމުން ބުންޏެވެ.

އޭނާ ބުނިގޮތުގައި ޕަސިންޖަރުންނަށް ހަމަ ވާވަރަށް ލޯންޗުގައި ލައިފްޖެކެޓު ނެތުމުންވެސް އެކަމާ ޕަސިންޖަރުން ވަރަށް ކަންބޮޑުވިއެވެ.

މިއީ ވަރަށް ދެރަ މައްސަލައެކެވެ. ދާދި އިހަށް ދުވަހަކު ހދ. ނޮޅިވަރަމްފަރުން އެ އަތޮޅު ހަނިމާދުއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި ހަތަރު މީހަކާއި ކުޑަ ކުއްޖަކު ނިޔާވިއެވެ. އެ ލޯންޗުގައިވެސް ލައިފް ޖެކެޓެއް ނެތެވެ.

ކަނޑުދަތުކުރު ކުރާއިރު ޕަސިންޖަރުންގެ ރައްކާތެރި ކަމަށް، ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ބީދައިން ރައްކާތެރި ކަމުގެ ފިޔަވަޅުތައް ފުރިހަމައަށް އަޅަންޖެހެއެވެ. ކަމެއް ދިމާވާނީ ބުނެފައެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް