ކުރީގެ އަދަދާ ގުޅޭ...
ބަތްތަށި ބެހެއްޓުމަށްފަހު އެތަނުން ދާން ޝައިލާ ހިނގައިގަތެވެ. އަމިއްލަ ކޮޓަރި ކުރިމަތިންގޮސް ޝައިލާ މަޑުކޮށްލީ އޭނާގެ މައިންބަފައިންގެ ކޮޓަރި ދޮރުމަތީއެވެ. މަޑުމަޑުން ތަޅުގައި ހިފައި އަނބުރައިލިއެވެ. ދޮރު ހުޅުވައިލުމަށްފަހު ޝައިލާ މަޑުމަޑުން އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. އެކޮޓަރީގައި މިއަދު އެއްވެސް ދިރުމެއް ނެތެވެ. މަރުގެ ހިމޭންކަން ވެރިވެފައިވާ އެކޮޓަރިއަށް ޝައިލާ ނަޒަރު ހިންގަމުން ގޮސް، ސައިޑް ޓޭބަލް މަތީހުރި ފޮޓޯ ލޯގަނޑު ނަގައި ބަލައިލިއެވެ. އެ ފޮޓޯގައި ވަނީ އޭނާގެ ކުޑަކުޑަ އާއިލާއެވެ. އެއީ ޝައިލާ ދިހަވަނަ އުފަންދުވަހު ނެގި ފޮޓޯ އެކެވެ. ބައްޕަގެ އުނގުގައި ޝައިލާ ހެވިފައި އިންއިރު، ސަމާހް ހުރީ ފަހަތުން މަންމަގެ ކަރުގައި ބައްދާލައިގެންނެވެ. އުފާވެރި އާއިލާއެކެވެ. ލޯބިން ފުރިގެންވި ދުވަސްތަކެކެވެ. ޝައިލާ އެ ފޮޓޯ ލޯގަނޑަށް ބަލަން ހުއްޓައި ފަހަތުން މީހަކު އައިސް ކޮނޑުގައި ހިފައިލިއެވެ. ޝައިލާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ފަސްއެނބުރި ބަލައިލިއެވެ. ސަމާހް ހުއްޓިލައިގެން ހުރީ ޝައިލާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. އިހުސާސްތައް ކޮޅުންލާން ފެށުމުން އެނބުރި ސަމާހް ގައިގައި ބައްދައިލިއެވެ.
"ޝައި ރޮންޏާ ދޮންބެއަށް ވެސް ރޮވޭނީ... ޝައި އަކީ ކިހާ ސްޓްރޯންގް ކުއްޖެއް ކުރީގަ... ދޮންބެއަށް ވުރެ ބިރުވެސް ކުޑަވާނެ... މިދުވަސް އަންނާނެ ކޮންމެ މީހަކަށް ވެސް" ޝައިލާގެ ބޮލުގައި ފިރުމައިލަމުން ސަމާހް ބުނެލިއެވެ. ހަގީގަތުގައި ސަމާހް ވެސް ހުރީ ފެންކަޅިވެފައެވެ.
"އެ ސްޓްރޯންގް ޝައިއެއް ނޫން މީ މިހާރު... ކީއްވެ ޝައި ވެސް އެމީހުންނާ އެކު ނުގެންދިޔައީ... ޝައި ވެސް އެ ކާރުގަ އިނދެފަޔޭ ފޭބީ... މަންމަ ކައިރީ އަންނާށޭ ބުނީމަވެސް ނުފޭބީ.. ފޭބިނަމަ މަންމަ ވެސް ސަލާމަތްވީސް..." ސަމާހްގެ ގަމީސް އަތައް ބޮނޑިކޮށްލަމުން ޝައިލާ ގިސްލަގިސްލާފައި ވާހަކަ ދެއްކިއެވެ.
"ޝްޝްޝް... ދެން އެވާހަކަ ނުދައްކާނެ... މި ކޮޓަރި ދެން ބަހައްޓާނީ ތަޅުލާފަ... ޝައި ޕްލީޒް ތިހެން ނޫޅެބަލަ" ސަމާހް ބެލީ ޝައިލާ ހަމައަކަށް އެޅުވޭތޯއެވެ.
މަންޒަރު ބަލަން ދޮރުމަތީ ހުރި ޝާއިރާ ވެސް ހުރީ ފެންކަޅިވެފައެވެ. ބަލަން ނުހުރެވިގެން ޝާއިރާ ގޮސް ވަނީ ކޮޓަރިއަށެވެ. ސުމާ ސުވާލުކުރުމުން ޝާއިރާ އެއަށްވުރެ ބާރަށް ރޯންފެށިއެވެ.
"ޝަހޫ އާ ޔާސިރުބެ ނެތީމަ ހާދަ ދެރަވެއޭ... ޝައިލާ ފަކީރު ހާދަ ހިތާމައެކޭ އެ ކުރަނީ... އެއްކަމަކުން އަރައި ނުގަނެވިގެން އުޅެނިކޮށް އަނެއްކާ އެހާ ބޮޑު ހިތާމައެއް... އެފަކީރު ހާދަ ކެތްގަދައޭ އަސްލު" ސުމާގެ އަތުގައި ހިފައިލަމުން ޝާއިރާ ބުނެލިއެވެ.
"ޝައިލާ އަސްލު ވަރަށް ހިތްވަރުގަދަ... އިރާދަކުރެއްވިޔާ ރަގަޅުވާނެ... އަހަރެމެން އެންމެން ވެގެން މަސައްކަތްކުރާނީ..." ޝާއިރާގެ ގައިގައި ބައްދައިލަމުން ސުމާ ބުނެލިއެވެ.
***
"އަހަންނަށް އެހެން ނުހަދާ... އާހ.. ޕްލީޒް ދޫކޮށްލާ.." ނިދިޖެހިފައި އޮތް ނަޒާނަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އޭރު ނަޒާން އޮތީ ދާހިއްލާ ފޯވެފައެވެ. އެ ވޭނީ ހަޅޭކުގެ އަޑު ދުވަސްތަކަކަށްފަހު އިވުމުން އޭނާ އިނީ ކުއްލި ޝޮކެއް ލިބިފައެވެ. އެރެއަށްފަހު އެ އަޑު ކޮންމެ ރެއަކު ކަހަލައިން އިވެމުން ގޮސް، އެކަން ހުއްޓުނުތާ ދެއަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަނެއްކާ އެ އަޑު ކަންފަތުގައި ޖެހުމުން ނަޒާންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.
"ޒާން" އެނދުމަތީ ދެލޯ ބޮޑުކޮށްގެން އިން ނަޒާން ސިއްސައިގެން ދިޔައީ މަންމަ ގޮވައިލުމުންނެވެ.
"ކިހިނެއްވެފަ ތިއިނީ؟" ނާޒިމާ އަހައިލިއެވެ. ހަމަޖެހޭ ގޮތް ދައްކައިލަމުން ނަޒާން ދިޔައީ ފާހާނާއަށެވެ. ދަރިފުޅު އިން ގޮތް ފެނުމުން ނާޒިމާގެ ހިތް ސުވާލުން ފުރުނެވެ.
ނަޒާންގެ މުޅި ހަށިގަނޑުގައި ފެންތިކިތައް ބީހެމުން ދިޔައެވެ. ބޮލުން ފެށިގެން ފަޔާއި ހިސާބަށް ދުވަމުން ދިޔަ ފެން ތިކިތައް ފިނި ނަމަވެސް، ނަޒާނަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. އެފިނި ފެނުގެ ސަބަބުން އެ ހިތުގައި އަނދަމުން ދިޔަ އަލިފާންގަނޑަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. ހިތުގެ ކަނެއްގައި ނިދާފައިވި އެ ބިރުވެރި އިހުސާސްތައް އަލުން ހޭލި ކަހަލައެވެ.
ނަޒާން ވިސްނަމުން ދިޔައެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި އެކަހަލަ އެއްވެސް ހުވަފެނެއް ނުފެނި ހުރެފައި މިއަދު ފެނުނީ ކީއްވެގެން ހެއްޔެވެ؟ އެރޭގެ އެ ހާދިސާ ހަނދާން ނައްތައިލިތާ ކޮން ދުވަހެއް ހެއްޔެވެ؟ އެ އުޅުން ދޫކޮށްލިތާވެސް ކޮން ދުވަހެއް ހެއްޔެވެ؟ ދެން އަނެއްކާ މިހާރު ލޯ ކުރިމަތީ އެ ހާދިސާ ކުއްލިއަކަށް ސިފަވާންވީ ސަބަބެއް ނޭންގުނެވެ. ފިނިވެގެން ގޮސް ދަތްދޮޅި ތެޅެން ފެށުމުން ނަޒާން އިސްކުރު ބަންދުކޮށްލިއެވެ.
***
"ކޮންތާކަށް މިދަނީ؟" ސުމާގެ ސައިކަލު ފަހަތުގައި އިށީންނަމުން ޝައިލާ އަހައިލިއެވެ.
"ދުއްވާލަން... މާލެތެރެ ބަލައިލަން" ސުމާ ބުނެލިއެވެ.
ސުމާގެ ފަހަތުގައި އިން ޝައިލާގެ ނަޒަރު ވަނީ އެއް ދިމާލަކަށް ހުއްޓިފައެވެ. ފަހަނައަޅާ ދިޔަ އިމާރާތްތައް މިއަދު މުޅިން އޭނާ އާއި ބިރައްޓެހި ވެއްޖެއެވެ. މި މާލޭގައި ޝައިލާ ނުދަންނަ ތަނެއް މަދުވާނެއެވެ. ނުހިނގާ މަގެއްވެސް މަދުވާނެއެވެ. ޝައިލާ އަކީ ކުރީގައި އުދުހެމުން ދިޔަ ކުއްޖެކެވެ. ޑިގްރީއާއި ހިސާބަށް ކިޔަވައިގެން ހުރި މޮޅު ކުއްޖެކެވެ. ޝައިލާ އަކީ ހުވަފެނުން ފުރިފައިވާ ކުއްޖެކެވެ. ޕީއެޗްޑީ އާއި ހިސާބަށް ކިޔަވާނެ ކަމަށް އަބަދުވެސް ބުނެއެވެ. ނަމަވެސް ހުރިހާ ކަމެއް އެ ހުރި ހިސާބުގައި މަޑުޖެހުނީ އެރެއަށްފަހުއެވެ.
ޝައިލާ ލޯ މަރައިލިއެވެ. ޖެހެމުން ދިޔަ ފިނި ވައިގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އިންދައި ކުއްލިއަކަށް ސުމާ ސައިކަލު މަޑުކޮށްލިއެވެ.
"ޝައި ކިހާއިރެއް ގޮވާތާ... ވާހަކަ ދައްކަބަލަ" ފަހަތަށް މޫނު އަނބުރައިލަމުން ސުމާ ބުނެލިއެވެ.
"އޭ އެހެރި ކެފޭއަށް ވަދެލަން ހިނގާ ފިނި އެއްޗެއް ބޯލަން" ކަނާތްފަޅީގައި ހުރި ކެފޭ ދައްކައިލަމުން ސުމާ ބުނެލިއެވެ. އެއްވެސް ބަހެއް ނުކިޔައި ޝައިލާ ސައިކަލުން ފައިބައިގެން މަގު ހުރަސްކުރަން ހިނގައިގަތެވެ.
"ވޮޗް އައުޓް ޝައި" ޝައިލާގެ އަތުގައި ހިފައި ހުއްޓުވަމުން ސުމާ ބުނެލިއެވެ. އޭރު މަގުން ދުއްވާފައި ދިޔަ ވޭނެއް ވޫސްލާފައި އެމީހުންގެ ކުރި ކަނޑައިލިއެވެ. ޝައިލާ ހުރީ ފާޑަކަށް ގަބުވެފައެވެ. އޭނާގެ ސިކުނޑި މިވަގުތު ވަނީ އެކިކަހަލަ ހިޔާލުތަކުން ފުރިފައެވެ. ޝައިލާގެ އަތުގައި ހިފައިގެން ސުމާ މަގުހުރަސް ކުރިއެވެ.
***
ސޯފާގައި ފޯނާ ކުޅެން އިން ސަމާހް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް ލޯ މަތީގައި އަތް އެޅުމުންނެވެ. އެއަތުގައި މަޑުމަޑުން އޭނާ އަތް ހިންގައިލިއެވެ. އިނގިލީގައި އިން އަނގޮޓީގައި އަތް ޖެހުމުން އެއީ ކާކުކަން އިނގުނެވެ.
"ޖުމާ" ސަމާހް އެ ނަން ކިޔައިލިއެވެ.
"ސަޕްރައިޒް" ސަމާހްގެ ލޮލުން އަތް ނަގަމުން ޖުމާ ބުނެލިއެވެ. ޖުމާ ފެނުމުން ސަމާހް ވަރަށް އުފާވިއެވެ. އެކަން އޭނާގެ މޫނުމަތީގައިވި ހިނިތުންވުމުން ހާމަވެގެންދިޔައެވެ.
"ނެތީތަ ގޭގަ އިތުރު މީހަކު؟" ސަމާހް ކައިރީގައި އިށީންނަމުން ޖުމާ އަހައިލިއެވެ.
"ޝައި ވެއްޖެ ސުމާ އާއެކީ ބޭރަށް ގޮސް... ޝައިއްތަ ނެތް... ޖުމާ ކޮންއިރަކު އައީ؟" ޖުމާގެ އަތުގައި ހިފައިލަމުން ސަމާހް އަހައިލިއެވެ.
"ހެނދުނު... ސަޕްރައިޒެއް ދޭންވެގެން ނުބުނީ... ޝައި އޯކޭތަ؟" ޖުމާ އަހައިލިއެވެ. ސަމާހް ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އެކޮޅުގަ ހުރިއިރު އޯކޭ... މިކޮޅަށް އައީމަ ފާޑަކަށް އުޅެނީ..." ދުރުބަލައިލަމުން ސަމާހް ބުނެލިއެވެ.
"އަހަރެން ފެނުނީމަ ބޮޑަށް ސަކަރާތްވެދާނެ ދޯ... ޝީ ހޭޓްސް މީ" ސަމާހްގެ މޫނަށް ފުންކޮށް ބަލައިލަމުން ޖުމާ ބުނެލިއެވެ. ސަމާހް އިސްޖަހައިލިއެވެ.
"ރުޅިއަޔަސް... އެކަމަކު ޝައި ދެރަވާ އެއްވެސް ކަމެއް ކުރަން މިހާރު ބޭނުމެއް ނޫން... އެހާ ގިނަ ދުވަސްފަހުން ޖުމާ ފެނުނީމަ ދެކޭ ގޮތްވެސް ބަދަލުވެދާނެ..." އިސްޖަހައިގެން އިނދެ ސަމާހް ވާހަކަ ދެއްކިއެވެ.
"އެގޮތް ބަދަލުނުވެއްޖެނަމަ ސަމާހް އަހަރެން ދޫކޮށްލާނީތަ؟" ޖުމާގެ ދޮން މޫނު އެކީ މިލައިފިއެވެ. މިހުރިހާ ދުވަހު އެކީގައި އުޅުނީ މިދުވަސް ދެކޭކަށް ނޫނެވެ.
"އެއީ ކުރީގެ ގަޓުހުންނަ ޝައި އެއްނޫން މިހާރު... ޝައި ދެރަވާ އަދި ބޭނުންނުވާ އެއްވެސް ކަމެއް އަހަރެން ނުކުރާނަން... ކުރިންނަމަ އޭނައާ ޒުވާބުކޮށްފަވެސް އަހަރެން މިކަން ކުރީމުސް... ސޮރީ" ޖުމާގެ އަތުން ދޫކޮށްލަމުން ސަމާހް ބުނެލިއެވެ. ޖުމާގެ ލޮލުގައި ޖަމާވެފައިހުރި ކަރުނަތައް ފައިބަން ފެށީ ނުވެސް ވިސްނާ އިންދައެވެ. ހަގީގަތުގައި އެވާހަކަތައް ދެއްކިއިރު ސަމާހް ވެސް އިނީ ވަރަށް ހިތްވަރުކޮށްގެންނެވެ.
"އަހަރެން ޖަވާބަކަށް އިންތިޒާރު ކުރާނަން" ސޯފާއިން ތެދުވެ ދާން ހިނގައިގަންނަމުން ޖުމާ ބުނެލިއެވެ. ޖުމާ ދިޔަ ދިމާލަށް ބަލަން އިން ސަމާހް ލޯ މަރައި ބާރުކޮށްލިއެވެ. ހިނދުކޮޅެއް ކުރިން މޫނުމަތީ ނަށަމުން ދިޔަ ހިނިތުންވުން ފަނޑުވީ ކޮންއިރަކު ކަމެއްވެސް ނޭންގުނެވެ. ހުރިހާކަމެއް މިހާ އަވަހަށް ބަދަލުވާންވީ ކީއްވެގެން ހެއްޔެވެ. ހުރިހާ ހިތާމައެއް އޭނާ އާއި އޭނާގެ ލޯބިވާ ކޮއްކޮއަށް ކުރިމަތިވާންވީ ކީއްވެގެން ހެއްޔެވެ. އަދި އެވެސް ހުރިހާ ކަމެއް އެއްފަހަރާއެވެ.
***
"ޝައި އައިސްކްރީމްކޮޅު މެލްޓް ވަނީ މިހާރު" ޝައިލާގެ އައިސްކްރީމް ތައްޓަށް އިޝާރާތްކޮށްލަމުން ސުމާ ބުނެލިއެވެ. ސުމާ އެހެން ބުނުމުން ޝައިލާ އައިސްކްރީމް ކޮޅެއް ބޯލިއެވެ.
"އައި ޑޯންޓް ލައިކް މި ފްލޭވަރ" ފޫހި ރާގަކަށް ޝައިލާ ބުނެލިއެވެ. ސުމާ އަނގަ ފުޅާކޮށްލުމަށްފަހު ޝައިލާގެ މޫނަށް ބަލައިލިއެވެ.
"ރިއަލީ؟ ޗޮކްލެޓް އެއީ ޝައިގެ ފޭވް... އެހެން ފްލޭވަރއެއް ނުވެސް ބޯނެ" އެއިންގޮތަށް އިނދެ ސުމާ މިހެން ބުނެލީ ތަންކޮޅެއް ބާރަށެވެ.
"ކަމެއް ބަދަލުވެދާނެ ދޯ ހަމަ... މިހާރުމީ ކުރިއެއް ނޫނެއްނު... ހުރިހާ ކަމެއް ބަދަލުވެފަ" ދުރު ބަލައިލަމުން ޝައިލާ ބުނެލިއެވެ.
"ޝައި ޕްލީޒް... ތިހެން ނޫޅެބަލަ... ކިހާ މަސައްކަތެއް ކޮށްގެން ޝައިއަށް ނޯމަލް ލައިފެއް އަހަރެމެން އަލުން ހޯދައިދިނީ... ކިތައް ޑޮކްޓަރުންނަށް ދައްކައިގެން... ވިސްނަބަލަ އަހަރެމެން ޝައި ސަލާމަތް ކުރީ ޑިޕްރެޝަން އިން... ފަސް އަހަރު އަހަރެމެން އެންމެން މި ކުރި މަސައްކަތް ކާމިޔާބުވީ ހާދަ ހިތްވަރަކުންނޭ... ޝައި މިކޮޅަށް މިގެނައީ ވެސް ހުރިހާ ކަމެއް ނޯމަލް ވީމަ... ޝައި އަމިއްލައަށް ވެސް ޓްރައި ކޮށްބަލަ ޕްލީޒް" ޝައިލާގެ އަތުގައި ހިފައިލަމުން ސުމާ ބުނެލިއެވެ. އެހުރިހާ ވާހަކައެއް އަޑުއަހަން ޝައިލާ އިނީ ދުރަށް ބަލަހައްޓައިގެންނެވެ.
ދުރު ބަލަން އިން ޝައިލާގެ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި މޭޒުގައި ތިބި ދެ ފިރިހެނުންނެވެ. ބޯ ދިގުކޮށްގެން ތިބި ދެމީހުންގެ އަތާއި ކަރު ވަނީ އެކިކަހަލަ ފަށާއި ރަބަރު ބޭންޑުން ފުރާލާފައެވެ. އެހިސާބުން ޝައިލާގެ ނޭވާ ކުރުވާހެން ހީވިއެވެ. ސުމާ ވެސް އެ ދިމަ ބަލައިލިއެވެ.
"ޝައި ދަންނަ ބައެއްތަ؟" ސުމާ އަހައިލިއެވެ.
"ނޫން... އެއީ ރަގަޅު ބައެއް ނޫން ހިނގާ ދާން" މިހެން ބުނުމަށްފަހު މަޑުވެސް ކޮށްނުލައި ޝައިލާ ދާން ހިނގައިގަތެވެ.
"މަޑުކޮށްބަލަ ބިލު ދައްކާފަ ދާން" ޝައިލާގެ ފަހަތުން ދުއްވައިގަތް ސުމާ ގޮވައިލިއެވެ.
ކައުންޓަރު ކައިރީ ޝައިލާ ހުރީ ދެފައި ތަޅުވައިލަ ތަޅުވައިލައެވެ. އޭނާ ހުރީ އަވަހަށް އެތަނުން ނުދެވިފައެވެ. ސުމާ ހުރީ ކޭޝް ކާޑު މެޝިނުގައި މައްސަލައެއް އުޅޭތީ ބިލަށް ފައިސާ ނުދެއްކިފައެވެ.
"ހިނގާ ދާން" ޝައިލާގެ ފަހަތުން، ވަރަށް ކައިރިން މީހަކު ބުނެލި އަޑު އިވުނެވެ. އެއީ މާ ބަރު ނޫން، ރީތި ފިރިހެން އަޑެކެވެ. އެއަޑަށް ކައުންޓަރުގައި ހުރި އަންހެން ކުއްޖާ ހީލުމަށްފަހު މަޑުކޮށްލުމަށް އެދުނެވެ. ސުމާގެ ކާޑުން ފައިސާ ކެނޑުމުން ދާން ހިނގާށޭ ކިޔައި ހިނގައިގަތެވެ. އަވަހަށް އެތަނުން ދާން ބޭނުންވެފައި ހުރި ޝައިލާ ފަހަތައް އެނބުރި ދާން ހިނގައިގަތް ވަގުތު ލައިގަތީ ފަހަތުގައި ހުރި ޒުވަނާގެ ގައިގައެވެ. ޝައިލާގެ މޫނު ގޮސް ޖެހުނީ އެޒުވާނާގެ މޭ މަތީގައެވެ. އެ ހަށިން ދުވި މީރު ވަހުން ސިކުންތުކޮޅަކަށް ނަމަވެސް ހިތް ފުރުނު ކަހަލައެވެ. ނޭފަތައް ވީ ތަދުން ޝައިލާ ވަގުތުން ދުރަށް ޖެހިލިއެވެ. އެވަގުތު ފައި އަރިއަޅާލައިގެން ޝައިލާ ވެއްޓެން ދިޔައެވެ.
ބިރުން ހަޅޭއްލަވައިގަންނަން އަނގަ ހުޅުވި ނަމަވެސް، ޝައިލާގެ އަޑު ބެދުނީ މީހަކު އުނުގަނޑުގައި ހިފެހެއްޓުމުންނެވެ. ލޯމަރައި ބާރުކޮށްގެން އޮތް ޝައިލާ ބަލައިލިއިރު މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައި އޮތީ ނުވެސް ދަންނަ މީހެކެވެ. ކުޑަކޮށް ގުދުވެލައިގެން، ފަހަތުން ޝައިލާގެ އުނުގަނޑުގައި އަތް ވަށާލައިގެން އެމީހާ އޮތީ ވަރަށް ވެސް ހުށިޔާރުކަމާއި އެކީއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް