އާންމު ދަތުރުތަކަށް ބްރިޖު ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް ދެ ސައިކަލު ޖެހި ފުރަތަމަ އެކްސިޑެންޓެއް ހިނގައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އެވެ. އާންމު ދަތުރުފަތުރަށް ބްރިޖު ހުޅުވާލީ އިއްޔެ ހަވީރު 4:00 ގައި އެވެ.
ބްރިޖު މަތީގައި ހިނގި މި އެކްސިޑެންޓުގެ އިތުރުން މާލޭގެ ބޮޑު ތަކުރުފާނުމަގުގައި ތާރު އަޅައި ބްރިޖާއި ގުޅުވާފައިވާ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގި އެވެ. އަދި ހުޅުލޭ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލަކާއި ކާރެއް ޖެހި އެވެ.
މި އެކްސިޑެންޓުތަކާއި ގުޅޭ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ. މި އެކްސިޑެންޓުތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ލިބުނު ކަމަކަށް އެނގިފައެއް ނުވެ އެވެ.
އިއްޔެ ރޭ ވަނީ ހުޅުމާލޭ ރިންގް ރޯޑުގައިވެސް އެކްސިޑެންޓެއް ހިނގާފަ އެވެ. އިއްޔެ ބްރިޖު އާންމު ދަތުރުފުތުރަށް ހުޅުވާލުމުން އެތައް ހާސް ބަޔަކު ވަނީ މާލެއިން ހުޅުމާލެއަށް ބްރިޖު ހުރަސްކޮށް ދަތުރުކޮށްފައި އެވެ.
ބްރިޖު ހުޅުވުމާއި އެކު އެކްސިޑެންޓުތައް ހިނގަން ފެށި އިރު ޓްރެފިކް ލައިޓުގެ އިތުރުން ޓްރެފިކް ފުލުހުންވެސް އެ ތަނުގައި ތިބެ އެވެ. ބްރިޖުމަތީގައި އުޅަނދު ފަހަރު ދުއްވަން ޖެހެނީ 40 ކިލޯ މީޓަރު ބާރު މިނުގައި. އެއަށް ވުރެ ބާރަށް އަދި މަޑުން ދުއްވުންވެސް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ މަނާކޮށްފައި އެވެ.
އެކްސިޑެންޓުތައް މަދު ކުރުމުގެ ގޮތުން އެ އޮތީރިޓީން ވަނީ ހެލްމެޓު އަޅައިގެން ބްރިޖުމަތީގައި ސައިކަލް ދުއްވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް