ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ވިޔަފާރި ބަނދަރުގައި ހުރި ކެމިކަލް ގުދަނެއް ގޮވުމުގެ ހާދިސާ އާއި ގުޅިގެން ކަސްޓަމްސްގެ ވެރިޔާ ބަދްރީ ދަހަރް އާއި ބެއިރޫތު ޕޯޓުގެ ޖެނެރަލް މެނޭޖަރު ހަސަން ކޮރަޔަތެމް ހައްޔަރުކޮށްފި އެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އަމުރުގައި އެ މައްސަލައިގެ ތަހުގީގު ނިމެންދެން އެމީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި މައްސަލައިގަ ކަސްޓަމްސްގެ ކުރީގެ ވެރިޔާ ޝާފިކް މެރްހީވެސް ހައްޔަރު ކޮށްފައިވެ އެވެ. މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ޕޯޓުގައި މަސައްކަތް ކުރާ 16 މުވައްޒަފަކުވެސް ވަނީ ހައްޔަރުކޮށްފައި އެވެ.
ގުދަން ގޮވުމުގެ ހަދިސާ އާއި އެ މީހުންނާއި ގުޅުން އޮތް ކަމެއް ނުވަނަ ނޫންކަމެއް މިހާތަނަށް ލުބުނާން ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެތަނުގައި ގޮވާފައިވަނީ ބަޔަކު ގަސްދުގައި އަލިފާން ރޯކޮށްލުމުން ކަމެއްވެސް އަދި ހާމައެއް ނުކުރެ އެވެ.
މިހާދިސާގައި 140 އަށްވުރެ ގިނަ މީހުން މަރުވެ 5،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ. އަދި ބެއިރޫތުގެ ތިން ލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ.
އެ ގުދަނުގެ ގޮވުމުން އޭގެ އަސަރު 150 މޭލު ދުރަށް ކޮށްފައިވެ އެވެ. އެތައް އިމާރާތެއް ބިމާހަމަވެފައިވާއިރު ގޮވުމުގެ ބާރު ގަދަވުމުން ބިންގަނޑު ގުޑައި އެތައް އިމާރާތެއްގެ ބިއްލުރިތަކާއި ދޮރުތަކާއި ފަރުނީޗަރާއި އެނޫން ތަކެއްޗަށް ބޮޑެތި ގެއްލުންވެފައިވެ އެވެ.
މި ހާދިސާގައި އެ ގުދަނުގައި ހަ އަހަރު ވަންދެން ރައްކާކޮށްފައިހުރި ކެމިކަލްގެ ބާވަތެއް ކަމަށްވާ އެމޯނިއަމް ނައިޓްރޭޓުގެ 2،750 ޓަނު ގޮވާފައިވާކަމަށް ލުބުނާނު ސަރުކާރުން ބުނެފައިވެ އެވެ. އެމޯނިއަމް ނައިޓްރޭޓަކީ ގަސްކާނާ ހެދުމުގައި އާންމުކޮށް ބޭނުންކުރާ އިންޑަސްޓްރިއަލް ކެމިކަލެކެވެ.
ކެމިކަލް ގުދަން ގޮވި ހާދިސާ އާއި ގުޅިގެން ގިނަ ގައުމުތަކުގެ ބައިވެރިވުމާއި އެކު ތަހުގީގެއް ކުރިއަށް ގެންދަން ބޮޑެތި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ. އެކަމަކު ލުބުނާން ސަރުކާރުން ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދާނީ އެގައުމުން އަމިއްލައަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް