ކޯވިޑް-19 އާއި ގުޅިގެން އަޅަން އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާތީ އިއްޔެ 15 ތަނެއް ބަންދުކޮށްފި އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗްޕީއޭގެ މިންގަނޑަށް ފެތޭތޯ ބަލަން ކުރިޔަށް ގެންދާ އިންސްޕެކްޝަންގައި އިއްޔެ 111 ތަނަކަށް އޮފިޝަލުން ޒިޔާރަތް ކޮށްފައިވެ އެވެ. އޭގެ ތެރެއިން 15 ތަނެއްގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ގަވައިދުގައި ބުނާގޮތަށް އަޅާފައި ނުވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އޭގެ ތެރޭގައި ގިނައީ ކެފޭ/ ރެސްޓޯރެންޓުތަކާއި ފިހާރަތަކެވެ. އިއްޔެ ބަންދުކުރި ތަންތަނުގެ ތެރޭގައި ހަ ކެފޭ/ ރެސްޓޯރެންޓާއި ހަ ފިހާރަ ހިމެނެ އެވެ.
އިއްޔެ ދެން ބަންދުކޮށްފައިވަނީ ތިން ސެލޫން/ ބޯކޮށާ ތަނެވެ. އެޗްޕީއޭގެ މި އިންސްޕެކްޝަންގައި ޖިމްތަކާއި ތަރުކާރީ މާކެޓް ތަކަށްވެސް ދެއެވެ.
މި އިންސްޕެކްޝަންގައި ފާހަގަވާ ގަވައިދާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރަ ޖެހެ އެވެ. އަލުން އެ ތަންތަން ހުޅުވުމުގެ ހުއްދަ ދެނީ އެޗްޕީއޭގެ މިންގަނޑަށް ކަންކަން ހަމަޖައްސައި އެކަން އެންގުމުން އެޗްޕީއޭއިން އަލުން އެތަންތަނަށް ގޮސް ބަލާ ފާސްކުރުމަށް ފަހު އެވެ.
މިހާތަނަށް 200 އަށްވުރެ ގިނަ ތަންތަން ބަންދުކޮށްފައިވާއިރު ގިނަ ތަންތަނަށް ވަނީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ކަންކަން ފުރިހަމަ ކުރުމުން އަލުން ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް