ދުބާއީ އިން ފުރައިގެން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކާލިކޯޓު އެއާޕޯޓަށް ޖައްސަން ދިޔަ އެއާ އިންޑިއާގެ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 18 އަށް އަރައިފިއެވެ.
މަރުވި މީހުންގެ ތެރޭގައި ދެ ޕައިލަޓުން ހިމެނެއެވެ. ރޭ އިރާކޮޅު ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ އެއާ އިންޑިއާގެ ބޮއިންގ 737 މަރުކާގެ ފްލައިޓް ނަމްބަރު IX-1344 އެވެ.
މި ފްލައިޓް ދުބާއީ އިން ކަލިކޯޓަށް ދަތުރުފެށީ 184 ޕަސިންޖަރުންނާއިއެކުގައެވެ. މި ފްލައިޓަކީ ކޯވިޑާ ގުޅިގެން އެކި ގައުމުތަކުގައި ތާށިވެފައިތިބި އިންޑިއާ ރައްޔިތުން އެ ގައުމަށް އަނބުރާ ގެންދިއުމަށް ކުރިއަށްގެންދާ "ވަންދޭ ބާރަތު މިޝަން" ގެ ދަށުން ކުރިއަށްގެންދިޔަ ފްލައިޓެކެވެ.
ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެއްގައި ޖައްސަން ގާތްވެފައިވަނިކޮށް ރަންވޭ މައްޗަށް ވެއްޓުނު މި ފްލައިޓް ވެއްޓުމާކު ފްލައިޓް ކުރީކޮޅުން ދެބުރި ވިއެވެ.
އެއާ އިންޑިއާއިން އެންމެ ފަހުން މިކަމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މަރުވެފައިވަނީ ދެ ޕައިލެޓުންނާއި 15 ޕަސިންޖަރުން ކަމަށެވެ. ނަމަވެސް މިއަދު އިތުރު މީހަކުވެސް މިހާރު މަރުވެފައިވާކަން މިވަނީ ކަށަވަރު ކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް