ބޮލީވުޑްގައި ކުރިއަރަމުން އައި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުޓް އަމިއްލައަށް މަރުވުމުގެ ފަހަތުގެ ހިމެނޭ މީހުން ކަމަށް ބުނެ ޝައްކުގެ އިނގިލި ދިއްކުރަމުންދާ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ފިލައިފި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި އެވެ.
ސުޝާންތުގެ ބައްޕަ ވަނީ ވައްކަމާއި ސުޝާންތުު އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވިކަމަށާއި، ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށްބުނެ ރިއާ އާއި ދެކޮޅަށް ބިހާރު ޕޮލިސްއަށް މައްސަލަ ހުށަހަޅާފައި އެވެ. މި މައްސަލައިގަ މިހާތަނަށް ރިއާގެ ބަޔާން ނަގާފައި ނުވާކަމަށްވެ އެވެ.
ރިއާއަށް ކުރެވެމުންދާ ތުހުމަތުތަކާއި ގުޅިގެން ރިއާ ފިލައިގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އޭނާގެ ގާނޫނީ ވަކީލު ސަތީޝް މަނަޝިންދޭ ބުނެފައިވަނީ ރިއާ ނުފިލާ ކަމަށާއި އޭނާއަށް ކުރެވޭ ތުހުމަތުތަކަށް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އޭނާ ބުނީ ސުޝާންތުގެ މަރުގެ މައްސަލައިގަ ރިއާއަށް ކުރާ ތުހުމަތުތަކަކީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
އަދި އެ މައްސަލަތަކުގައި މިހާތަނަށް ފުލުހުންނަށް އެއްބާރުލުން ދީފައިވާނެ ކަމަށެވެ.
އެގޮތުން މުމްބާއީ ފުލުހުން ކުރަމުންދާ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެގެންނާއި ފޯނުން ބަޔާން ދީފައިވާނެ ކަމަށެވެ. އެކަމަކު ސުޝާންތުގެ އާއިލާއިން ބިހާރު ފުލުހުންނަށް ހުށަހެޅި މައްސަލައިގަ ބަޔާން ދޭން މިހާތަނަށް ރިއާއަށް ނާންގާކަމަށް ބުނެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރިއާ ފިލާފައިވާވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދަންވަރުގެ ވަގުތެއްގައި އާއިލާގެ ބައެއް މީހުންނާއި އެއްކޮށެވެ. އޭނާ ފިލީ ސުޝާންތުގެ ބައްޕަ އޭނާ އާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅި ފަހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސުޝާންތު އަމިއްލައަށް މަރުވެފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އެ މައްސަލައިގަ ތުހުމަތުގެ އިނގިލި ދިއްކުރެވެމުން ދަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމި އުފައްދާ ފަރާތްތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް