ވ.ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން 2012 އިން ފެށިގެން ކޮންމެ އަހަރަކުވެސް އަޟްޙާ ޢީދުގައި ބާއްވާ ކޭޒެޑްޖޭ ކަޕް މިއަހަރުވެސް ބާއްވާގޮތަށް ހަމަޖައްސައި، މުބާރާތުގެ މީޑިއާ ޕާރޓްނަރ އަކަށް 'ދުވަސް' އޮންލައިން ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކާ ސާފް ވިއުގައި ބޭއްވުނު ހަފްލާއެއްގައި ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާގެ ޗެއަރޕާސަން އަޙްމަދު ރަޝީދެވެ. އަދި 'ދުވަސް' އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ ނޫހުގެ އެޑިޓަރ އަޒްމީ ޢަލީއެވެ.
މިއަހަރުގެ ކޭޒެޑްޖޭ ކަޕް ފެށުމަށް ހަމަޖެހިފައިވަނީ 9 އޯގަސްޓް 2019 ވާ ހުކުރުދުވަހު ހަވީރުއެވެ. މިފަހަރުގެ މުބާރާތުގައިވެސް ކެޔޮދޫގެ 6 ޓީމަކުން ބައިވެރިވެފައިވެއެވެ. ބައިވެރިވެފައިވާ ޓީމްތަކަކީ: ގުރޫޕް އޭ: އެފްސީ މެގަ ކަޅު، އެސް.ސީ ހޮސްކޮވޯ، އެންޖީ ސްޕޯރޓްސް؛ ގުރޫޕް ބީ: ކްލަބް ބްރޯކާސް، އެންޖިއަންސް، ގޭދޮށު ޓީމް މިއެވެ.
އޯގަސްޓް 9 އިން 13 އަށް ކެޔޮދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދާ މިމުބާރާތަކީ ވ.އަތޮޅުގައި ބާއްވާ މިފަދަ އެންމެ ފޯރިގަދަ މުބާރާތެވެ. ރާއްޖޭގެ ކުޅިވަރުގެ ގިނަ ތަރިންތަކެއް އުފައްދާފައިވާ ކެޔޮދޫއަކީ ފުޓްބޯޅައިގެ ފޯރި ގަދަ ރަށެއްކަމުން މިފަހަރުގެ މުބާރާތުގެ ފޯރިވެސް ވަރަށް ގަދަވާނެކަމަށް ބެލެވެއެވެ. މިމުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 15 ޖުލައި 2019 ވަނަ ދުވަހު އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ގެ ފައިސާގެ އިނާމް ހުށަހެޅިފައިވެއެވެ. މިއަހަރުގެ މުބާރާތް ގިނަ ފަރާތްތަކުންވަނީ ސްޕޮންސަރ ކޮށްފައެވެ. މިގޮތުން މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ؛ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ)، ހުޅުމާލެ ސޯމިލްސް، އޭބީސީ ކޮންސްޓްރަކްޝަން، ވައިޓް މާކަނާ ލޮޖް (ކެޔޮދޫ)، ޖުޕިޓަރ ސަންރައިސް ލޮޖް (ކެޔޮދޫ)، އެލް.އޭ ރިޒޯޓްސް، ދިލްޝާދު މާރޓް (ކެޔޮދޫ)، ތިން ފައްދަނޑި ކެފޭ (ކެޔޮދޫ) އެވެ. މި އެންމެހައި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް މެޗް 13 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު މުބާރާތް ފެށުމުން ކޮންމެ ދުވަހަކުވެސް 'ދުވަސް' މެދުވެރިކޮށް ކިޔުންތެރިންނަށް ގެނެސްދެވޭނެއެވެ. ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖަށްވެސް މުބާރާތުގެ ފޮޓޯއާއި މައުލޫމާތު އަޕްލޯޑްކުރަމުންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް