ޓީޗަރުންގެ މުސާރަ ބޮޑުކުރަން އާ އޮނިގަނޑެއް

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑަށް ބަދަލު ތަކެއް ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އައިޝަތު މިހެން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫ...

08 Aug 2019 | 09:29

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑަށް ބަދަލު ތަކެއް ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝަތު މިހެން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު ވިދާޅުވީ، ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސް މިހާރަށްވުރެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

ޓީޗަރުންގެ ކަންބޮޑުވުންތައް އިހުސާސްވާކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އެ ބަދަލުތައް މިނިސްޓްރީން އިއުލާން ކުރާނެ ކަމަށެވެ. އަދި ޓީޗަރުންގެ އިތުރުގަޑީގެ އުސޫލުތަކަށް ވެސް ބަދަލުތަކެއް ގެންނާނެ ކަމަށާއި، އިތުރު އިނާޔަތްތައް ޓީޗަރުންނަށް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ގިނަ ސުކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރެވިގެންދާނެ ކަމަށެވެ. އަދި ވަށާޖެހޭ ތައުލީމީ ނިޒާމެއް ބައްޓަން ކުރުމަށްޓަކައި މިހާރުވެސް ރާއްޖޭގެ 22 ސުކޫލެއްގައި ޕައިލޮޓް ޕްރޮގްރާމެއް ކުރިއަށްގެންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޓީޗަރުންގެ ވަޒީފާއަށް ޝައުގުވެރިވާ ކުދިންގެ ނިސްބަތް އަހަރުން އަހަރަށް މަދުވަމުންދާ ކަމުގެ ކަންބޮޑުވުން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް