ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ކޮސްޓަރިކާ އަންހެނަކާއި 42 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ. އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ 16:26 ހާއިރުއެވެ. އަދި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ރޭ 22:35 ހާއިރުއެވެ.
ފުލުހުން ވިދާޅުވީ، މި ދެ މީހުންގެ ތެރެއިން 35 އަހަރުގެ ކޮސްޓަރިކާ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ދޯހާއިން ރާއްޖެ އައި ވަގުތު، ފްލައިޓުން ފޭބިތަނާ އެވެ. މި އަންހެން މީހާގެ ލަގެޖް ސްކޭން ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެމުން ކަސްޓަމްސް އިން ވަނީ މިމީހާގެ ލަގެޖް ޗެކްކޮށްފައެވެ. މި އަންހެން މީހާގެ ދަބަހުން މަސްތުވާތަކެތި ހުރި ބޮޑު ހަތަރު ރަބަރު ގަނޑާއި މަސްތުވާތަކެތި ހުރި ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެތަކެތީގެ ވަގުތީ ބަރުދަން 2 ކިލޯއަށްވުރެ ބަރެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، 42 އަހަރުގެ ސިންގަޕޫރު މީހާ ހައްޔަރުކޮށްފައިވަނީ މިމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން، ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިންނެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް