ތިޔަބޭފުޅުން ޗުއްޓީއަށް، އަޅުގަނޑުމެން ޑިއުޓީއަށް

މިއަދު ސޯޝަލް މީޑިއާ އިން އެންމެ ގިނައިން ފެނުނީ "ތިޔަބޭފުޅުން ޗުއްޓީއަށް، އަޅުގަނޑުމެން ޑިއުޓީއަށް" މިހެން ޖަހައިފައިވާ ޕޯސްޓެކެވެ. އަޟްހާ ޢީދާއި ދިމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދ...

08 Aug 2019 | 07:46

މިއަދު ސޯޝަލް މީޑިއާ އިން އެންމެ ގިނައިން ފެނުނީ "ތިޔަބޭފުޅުން ޗުއްޓީއަށް، އަޅުގަނޑުމެން ޑިއުޓީއަށް" މިހެން ޖަހައިފައިވާ ޕޯސްޓެކެވެ. އަޟްހާ ޢީދާއި ދިމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާނެ ކަންތައްތައް އެކިމީހުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ހަފްތާއެއްގެ ޗުއްޓީ ލިބޭއިރު، މި ޢީދުގައި ދާނީ ކޮންތަނަކަށްތޯ މަސްދުވަސް ކުރިން ގިނަ މީހުން ވަނީ ކަނޑައަޅައިފައެވެ. އެމީހުންނަށް ޢީދު ޗުއްޓީ އަކީ އުފާވެރި އަދި މަޖާ ޗުއްޓީ އަކަށް ވެގެންދާނެ އެވެ.

ނަމަވެސް މި އުފަލުގައި ބައިވެރި ނުވެވޭ މީހުންގެ އިހުސާސަކީ "ތިޔަބޭފުޅުން ޗުއްޓީއަށް، އަޅުގަނޑުމެން ޑިއުޓީއަށް" މިއެވެ. ސައުވީސް ގަޑިއިރު ރެޔާ ދުވާލު އަޅުގަނޑުމެންގެ ޚިދުމަތުގައި އުޅޭ މީހުންނަށް، ޢީދު ޗުއްޓީގެ ގޮތުގައި މަސްދުވަސް ދިންކަމުގައި ވިޔަސް ޗުއްޓީ އެއް ނުވާނެއެވެ.

އަޅުގަނޑުމެންގެ ޚިދުމަތުގައި ރެޔާއި ދުވާލު މަސައްކަތް ކުރާ ފުލުހުންނާއި ސިފައިންނަކަށް ޗުއްޓީ އެއް ނޫނެވެ. ޑޮކްޓަރުންނާއި ނަރުހުންނަކަށް ޗުއްޓީ އެއް ނޫނެވެ. އެއާޕޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކަށް ޗުއްޓީއެއް ނޫނެވެ. އެތައްބަޔަކު އެކި ތަންތަނަށް ފުރަން ދާއިރު އެ މަންޒަރުތައް ބަލަން އެ މުވައްޒަފުންނަށް ކެތްނުވާނެކަން ޔަގީނެވެ. ވެމްކޯގެ މުވައްޒަފުންނަކަށް ޗުއްޓީއެއް ނޫނެވެ. އެބޭފުޅުން ޗުއްޓީއަށް ހިނގައްޖެ ނަމަ މަގުތައް ސާފުކުރާނެ ބައެއް ނުތިބޭނެއެވެ. ނޫސްވެރިންނާއި މީޑިއާތަކުގެ މުވައްޒަފުންނަކަށް ޗުއްޓީ އެއް ނޫނެވެ. އެބޭފުޅުން ޗުއްޓީއަށް ހިނގައްޖެ ނަމަ ޢީދުތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަކޮށް ޢީދު ފާހަގަކުރާ ޚަބަރުތަކާއި، މިނޫންވެސް އެހެނިހެން ޚަބަރުތައް ގެނެސްދޭނީ ކޮންބައެއް ހެއްޔެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންނަކަށް ވެސް ޗުއްޓީ އެއް ނޫނެވެ.

މިނޫނަސް ޗުއްޓީ ނުލިބޭ އެތައް ބަޔަކު އުޅޭނެއެވެ. އަޅުގަނޑުމެންގެ ހައްޤުގައި އެބޭފުޅުން އެވާ ޤުރުބާނީ އަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ.

މާދަމާއިން ފެށިގެން ޗުއްޓީ ފެށޭއިރު މިއަދު ވެސް ގިނަ ބަޔަކު މާލެއިން ފުރަމުން އެބަ ދެއެވެ. ހޮނިހިރު ދުވަހުގެ ރޭއާ ހިސާބަށް މާލެތެރެ އެކީ ހިމޭންވާނެ ކަން ކަށަވަރެވެ. މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 11 ވީ އާދީއްތަ ދުވަހެވެ.

ޢީދުގައި ޗުއްޓީ އަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވަރަށް އުފާވެރި އަދި މަޖާ ޢީދަކަށް އެދެމެވެ. އަޅުގަނޑުމެންގެ އިޙުސާސްތައް އޮއްބައިލަމުން ޑިއުޓީ ކުރާނަމަވެ.

އެންމެހާ ބޭފުޅުންނަށް ޢީދު މުބާރިކް!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް