ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ މެމްބަޝިޕް އިތުރު ކުރުމަށް "ޑީއާރުޕީ ރަން ޒަމާނަކަށް" މި ނަމުގައި ހާއްސަ ހަރަކާތެއް މިއަދު ކުރިއަށްދާނެ ކަމުގައި އެ ޕާޓީން ބުނެފިއެވެ.
މީޑިއާއަށް މައުލޫމާތު ދިނުމަށް ރޭގައި އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނަހުލާ އަލީ ވިދާޅުވީ މި ހަރަކާތަކީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި ހަރަކާތް ކުރިއަށްދާނީ މިއަދު މާލޭގައި، ވިލިމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ހުސް ސަރަހައްދުގައި ކަމަށެވެ. ހަރަކާތް ކުރިއަށްދާނީ ހަވީރު 04:00 އިން 05:00 އަށް ކަމުގައިވެސް ނަހުލާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ސައިކަލު ބުރެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޑީއާރުޕީއަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޑީއާރުޕީގެ ލީޑަޝިޕާ ހަވާލުވެވަޑައިގެން އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުން ވަނީ މެކުހަށް ޖަހާފައެވެ. ސިޔާސީ ދާއިރާގެ ވަރުގަދަ ބޭބޭފުޅުންވެސް އަންނަނީ އެ ޕާޓީއާއި ގުޅެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް