ނުހަނު ލޯބިވާ ބައިވެރިޔާއަށް!
ކަލާޔާ ދުރުގައި އަހަރެން ހޭދަ މިކުރާ ވަގުތުތަކަކީ ފަސޭހަ ވަގުތު ތަކެއް ނޫނެވެ. މިހިތުން ތިބާގެ ތަސްވީރު ފިލާދާ ވަގުތެއް ނާދެއެވެ. ކަލާމަތިން ހަނދާންވާވަރު ބުނެދޭންވެސް އުނދަގުލެވެ. ކަލާގެ ތިޔަ އަތުތެރޭ އިނގިލިތައް މަހާލާ އަތުގައި ހިފާލުމަށް އަބަދުމެ ހިތް އެދެއެވެ. ނިދާ ހޭލާގޮތަށް ފޯނަށް ބަލާލެވެެެއެވެ. ބާއްޖަވެރި ހެނދުނެއްގެ މެސެޖެއް އޮންނާނެ ކަމަށެވެ.
ލޯބިވާއެވެ. އަހަރެންނަށް އުފާވެރި ކަމެއް ލިބުނަސް، ހިތާމަވެރިކަމެއް ވިޔަސް އެންމެ ފުރަތަމަ ހިއްސާ ކުރާމިީހަކީ ތިޔައީއެވެ. ކަލާ ތިޔަވަނީ ދުރަކު ކަމަކަށް ނުދެކެމެވެ. އެ އިހްސާސް ހިއްސާ ކޮށްލަން ބޭނުންވަނީ ހަމަ އެންމެ ފޯންކޯލެކެވެ. އެކަމަކު އެދެނީ ބައްދާލާ ތިމޭގައި ބޯއަޅާލައިގެން ހުރެ ހިއްސާކޮށްލުމަށެވެ.
ލޯބިވާއެވެ. އަބަދުވެސް ޔަޤީން ކުރާށެވެ. އަހަރެން ކަލާޔަށް ވަފާތެރި ވާނަމެވެ. ގަބޫލް ކުރަމެވެ. ކިތަންމެ ގުޅުމެއް ވަނީ މިގޮތައް ދެތާދެމީހުން އުޅެން ޖެހުމުން ކޮންމެސް އެކަކު ބޭވަފާތެރިވެ ނިމުމުގެ ސިއްކަޖެހިފައެވެ. އެހެނަސް މިގުޅުން އަހަރެންގެ ސަބަބުން އެހެން ނުވާނެކަމުގެ ޔަޤީންކަންދެމެވެ.
އޭމަގޭ ލޯބިވާއެވެ. ފޯނަށް ކުއްލިޔަކަށް މެސެޖެއް އަޔަސް އުންމީދު ކުރެވެނީ އެއީ ކަލާގެ މެސެޖެއް ކަމުގައެވެ. ފޯންކޯލެއް އަޔަސް މެޔެވެ. ޤަބޫލް ކުރަމެވެ. ކަލާގެ ވަޒީފާގެ ގޮތުން އަހަރެން ބޭނުންވާ ވަރަށް ނުގުޅިދާނެއެވެ. އެވަރަށް އަހަރެންނަށް ވަގުތު ނުދެވިދާނެއެވެ. އެކަމަކު މުޅިދުވަސް ނިންމާލާ ނިދުމުގެ ކުރިން އަހަރެންނަށް ވަގުތުކޮޅެއް ދޭށެވެ. އެދުވަސް ހިނގާދިޔަގޮތާއި ދިމާވި މަޖާ ކަންކަން ކިޔާ ސަކަރާތް ޖަހާލެވުމުން އުފާވެއެވެ. އެއީ އަހަރެން މުޅި ދުވަހު ހަތަރުދަމު ކުރާ އިންތިޒާރެކެވެ.
ﷲ އަށް ޓަކައި އިންތިހާއަށް ލޯބިވަމެވެ. ވަރަށް މިސްވެއެވެ.
-ކަލާގެ ވަފާތެރި ބައިވެރިޔާ????-
އާއެކެވެ. ދުރުގައި ހުރި ބައިވެރިޔާއަށް ފޮނުވާފައިވާ ނުހަނު ލޯބިވެތި ސިޓީއެކެވެ.
ހަޤީޤަތަކީ ދެލޯބިވެރިޔަކު ދުރުގައި ތިބެން ޖެހުމަކީ އެހާ ފަސޭހަ ހާލަތެއް ނޫނެވެ. ނަމަވެސް ޔަޤީން ކުރާށެވެ. ލޯބިވާ ބައިވެރިޔާ އާއި ދުރު ހިސާބެއްގައި ހުރެ އެ ގުޅުން ކުރިއަށް ގެންދާ ކަމުގައި ވަނީނަމަ، ޝައްކެއްވެސް ނެތް ގޮތުގައި އެ ދެމީހުންގެ ގުޅުން ވަރަށްވެސް ވަރުގަދަ ވާނެއެވެ. ދުރުގައި ހުރެ ދެ ބައިވެރިން އެމީހުންގެ ގުޅުން ކުރިއަށް ގެންދާނަމަ، އާދައިގެ ލޯބިވެރިން އުޅޭ ގޮތާއި ވަރަށް ތަފާތުވާނެއެވެ.
އެކަކު އަނެކަކަށް ފެންނާނީ ހާލަކުން ފަހަރަކުއެވެ. ނުވަތަ ވީޑިއޯ ކޯލަކުންނެވެ. އެކަނިވާ ވަގުތުތަކުގައި ވެސް ހުންނަން ޖެހޭނީ ލޯބިވެރިޔާ އާއި ދިމާވާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. ރަހުމަތްތެރިން އެމީހުންގެ ބައިވެރިންނާއި އެކު ހިނގާލަން ގޮސް މަޖާކޮށް ހަދާ އިރުގައި ތިބާ ހުންނަން ޖެހޭނީ އެ މަންޒަރު ބަލާށެވެ. ގާތުގައި ހުރެގެން ގުޅުން ކުރިއަށް ގެންދަން މަސައްކަތް ކުރާ ވަރަށް ވުރެ ދެގުނަ މަސައްކަތް ދުރުގައި ތިބޭނަމަ ކުރަން ޖެހެއެވެ. މިފަދަ ގޮތަކަށް ދުރު ލޯބީގެ ގުޅުމެއް ބޭއްވޭނީ ބައިވެރިޔާ އަށް ހަޤީޤަތުގައި ވަރަށް ބޮޑަށް އިތުބާރު ކޮށްގެންނެވެ. މާޔޫސްވެ، ދެމީހުންގެ ގުޅުން ހީނަރުވާ ދަނޑިވަޅުތަކުގައިވެސް އެހެން މީހަކާއި ގާތް ނުވެ ހުރެވިގެންނެވެ. މިގޮތަށް ކަންތައް ކުރާނަމަ، އެ ދެމީހުންގެ ގުޅުން އާދައިގެ މީހުންގެ ގުޅުމަށް ވުރެ ވަރުގަދަ ވާނެއެވެ.
މިހެންވާން ޖެހެނީ ދުރުގައި ތިބެ ދިމާވާ ހުރިހާ ހުރަސްތަކެއް ކަޑައްތު ކުރާ ލޯބިވެރީން އެއްތަންވާ ހިނދު އެމީހުންގެ ގުޅުން އިތުރަށް ބަދަހި ވާތީއެވެ. އެ ދެމީހުންގެ ދެމެދަށް އިތުރު މީހަކު ވަންނަން ފުރުސަތެއް ނުލިބޭތީއެވެ. ލޯބިވެރިޔާގެ އުފާވެރިކަމާއި މެދު ވިސްނާ މީހަކާއި އެކު އުޅެވޭނަމަ ހަނދާން ކުރާށެވެ. ކިތަންމެ ދުރުގައި ހުއްޓަސް އެ ގުޅުން ހީނަރެއް ނުވާނެއެވެ. ދުވަހެއް ދުވަހަކަށް ދާނީ ބަދަހި ވަމުންނެވެ????
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް