މިނިވަން ނޫހުގެ ނޫޫސްވެރިޔާ، އަހްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނުތާ މިއަދާއި ހަމައަށް 5 އަހަރުވެފައި ވީއިރުވެސް، އަދިވެސް އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ހޯދިފައި ނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ރިޟްވާނުްގެ ޢާއިލާއިން ނޫސް ބަޔާނެއް ނެރެފިއެވެ.
އެގޮތުން ވީނުވީއެއް ނޭނގި ރިޟްވާން ގެއްލުނުތާ 5 އަހަރު ފުރުނުއިރުވެސް، ރިޟްވާނަށް ވީގޮތެއް މިހާތަނަށްވެސް އެނގިފައި ނުވުމާއި، މި މައްސަލައިގާ ދިވެހި ދައުލަތުން އިހުމާލުވެފައި ވާތީ އެކަމާއި އާއިލާއިން ހިތާމަކުރާކަމަށް ވަނީ ބުނެފައެވެ. އަދި 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމަށްފަހު، ރައީސް ސޯލިހް، މަރުތައް ތަހުޤީގުކުރުމަށް ކޮމިޝަނެއް ހެދި ހިސާބުން އިތުރު އުންމީދެއް ލިބުނުކަމަށާއި، އެހެނަސް އަދިވެސް މިދަނީ އިންސާފަށް އިންތިޒާރު ކުރަމުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ރިޟްވާން ވަގަށްނެގުމުގެ މައްސަލައިގާ ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައި، ރާއްޖެއިން ފިލައިގެން ދިއުމަށް މަގުފަހިކޮށްދިން ކަމަށް ތުހުމަތުކުރެވޭ ފަނޑިޔާރުންވެސް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވުމާއި، ރިޟްވާނުގެ މައްސަލައިގައި ތުހުމަތު ކުރެވުނު އިތުރު މީހުންވެސް ފުރައިގެން ގޮސްފައިވުމަކީ، އިންސާފު ޤާއިމް ކުރުމަށް އެކަށީގެންވާ މަސައްކަތްކުރުމަށް ދައުލަތް "ފެއިލް" ވެފައި ވުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މީގެއިތުރުން މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، އެމައްސަލަ ތަހުޤީޤު ކުރުމުގައި އިހުމާލުވި ފުލުހުންނާއި، ފުލުހުންގެ ޝަކުވާ ބަލައި، ފިޔަވަޅު އެޅުމަށް އިންކާރުކުރި އޭރުގެ ޕޮލިސް އިންޓެގްރިޓީ / ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުންނާއި، ރިޟްވާން ވަގަށްނެގުމުގެ މައްސަލައިގައި ތުހުމަތު ކުރެވުނު މީހުން މިނިވަން ކޮށްދިން ފަނޑިޔާރާއި، މިއެންމެންގެ މައްސަލަތައް ޤާނޫނާއި ޤަވާއިދުގެ ދަށުން ތަޙްޤީޤުކޮށް، އިންސާފު ޤާއިމްކޮށްދިނުމަށް އެދި އާއިލާއިން ވަނީ ގޮވާލާފައެވެ.
ރިޟްވާން ގެއްލިފައި ވަނީ 8 އޮގަސްޓް 2014 ގައެވެ. ރިޟްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިނަމަވެސް އޭނާ ގެއްލުވާލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
ރިޟްވާން ގެއްލުވާލިތާ 5 އަހަރު އަދި ޔާމީން ވަރަށް ރަހުމު ކުޑަކޮށް މަރާލިތާ 3 އަހަރުވެފައިވާއިރު މި ދެ ނޫސްވެރިނަށް އަދި މިހާތަށް އިންސާފެއްނުލިބެއެވެ. އާއިލާގެ ހިތްތަކަށް ފިނިކަމެއް ލިބޭވަރަކަށް ތަހުގީގަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް