ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މިއަދު އިތުރު ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު އެ ބޭފުޅަކީ ހުސެއިން ނަސީރެވެ. ރަނިންމޭޓެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ޝެއިޚް ނަސްރުﷲ މުސްތަފާ އެވެ.
ހަމަ ގައިމުވެސް މިއަދު ހަވީރާއި ހަމައަށްވެސް ދުވަހުގެ ނޫސްވެރިންނަށްވެސް ހުސެއިން ނަސީރަކީ ކޮން ބޭފުޅެއްކަން އެނގިފައެއް ނުވެ އެވެ.
ނަމަވެސް މިހާރު ބައެއް މައުލޫމާތުތައް ލިބިފައިވާއިރު ނަސީރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކެމްޕޭނު ފައްޓަވާފައި އެވެ. ރައްޔިތުންގެ ބާރު ރައްޔިތުންނަށް މި ސްލޮގަންގެ ދަށުން ނަސީރު ކެމްޕޭނު ކުރައްވަމުން އަންނައިރު ޓްވިޓާ އެކައުންޓަކާއި ފޭސްބުކް ޕޭޖެއް ހައްދަވާފައި ވެ އެވެ. އަދި ޖުލައި މަހުގެ 17 އިން ފެށިގެން ރިޔާސީ އިންތިހާބުގެ ވާހަކަ ކޮންމެވެސް ވަރަކަށް ދައްކަވާފައި ވެ އެވެ.
އެގޮތުން ނަސީރު ޕްރޮމޯޓް ކުރުމަށް ނުވަތަ ކެމްޕޭނު ކުރެއްވުމަށް ހަދާފައިވާ ޓްވިޓާ އެކައުންޓެއްގައި ޖުލައި 2018ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ އަދި ޕާޓީތަކަށް ނިސްބަތްވާ އަދި ދިވެހި ރައްޔިތުންނާއެކު ގައުމު ހިންގާނެ ފެންވަރުގެ ރިޔާސީ ކެނޑިޑޭޓް (ދިވެހި ރައްޔިތުންގެ ކެނޑިޑޭޓް) އަންނަނީ ކަމަށެވެ.
އެއަށްފަހު ޖުލައި 22 ގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަޅުގަނޑުމެން ބޭނުންވަނީ ފައިސާއަށް ލޯބިނުކުރާ، އެކަމަކު އަދުލު އިންސާފަށް ލޯބިކުރާ، މަޝްހޫރުވުމަށް ލޯބި ނުކުރާ، އެކަމަކު އިންސާނިއްޔަތަށް ލޯބިކުރާ އިސްވާރެއް ކަމަށެވެ. އަދި އޮގަސްޓް ތިނެއްގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިވަގުތު ގައުމު އޮތް ހާލަތުން، އެންމެ ފުރިހަމަގޮތުގައި މަސައްކަތް ކުރެވޭނީ އެއްވެސް ސިޔާސީ ޕާޓިއަކަށް ނިސްބަތްނުވާ ބޭފުޅަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއާއި ހަވާލުވެގެން ކަމަށެވެ.
އެއަށްފަހު ނަސީރު ތައާރަފްކޮށް މިއަދުގެ ވަގުތެއްގައި ނަސީރުގެ ފޮޓޯފުޅަކާއެކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގައުމު އެދި ގޮވަނީ ތަފާތު ބޮޑު ބަދަލަކަށް ކަމަށާއި އަޅުގަނޑުމެންގެ މިނިވަން ކެނޑިޑޭޓަކީ ހުސެއިން ނަސީރު ކަމަށެވެ. އަދި މިއަދު "އަޅުގަނޑުމެންގެ މިނިވަން ކެނޑިޑޭޓް" ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި 1800 ސޮޔާއެކު ފޯމުވަނީ އީސީއަށް ހުށަހަޅުއްވާފައި ކަމަށާއި ސޮއި ދެއްވި ހުރިހާ ފަރާތަކަށް ރައްޔިތުންގެ ކެނޑިޑޭޓް ޝުކުރު އަދާކުރެއްވި ކަމުގައި ޓްވީޓް ކޮށްފައި ވެ އެވެ.
ނަމަވެސް އަދިވެސް ނަސީރާއި ބެހޭ މާ ގިނަ މައުލޫމާތެއް އަޅުގަނޑުމެންގެ ނިއުސް ރޫމަށް ތިލަވާގޮތެއް ނުވެ އެވެ. ކިޔުންތެރިންނަށް އެނގިލައްވާނަމަ ހިއްސާކޮށްލަދެއްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް