ރިލްވާނު ގެއްލުވާލިތާ 4 އަހަރު ވުމާއި ގުޅިގެން ހިނގާލުމެއް ބާއްވައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލިތާ 4 އަހަރު ވުމާއި ގުޅިގެން ހިނގާލުމެއް ބާއްވައިފިއެވެ. ރިލްވާންގެ އާއިލާއާއި ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވި މި ހިނގާލުން ކުރިޔަ...

08 Aug 2018 | 14:30

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލިތާ 4 އަހަރު ވުމާއި ގުޅިގެން ހިނގާލުމެއް ބާއްވައިފިއެވެ. ރިލްވާންގެ އާއިލާއާއި ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވި މި ހިނގާލުން ކުރިޔަށް ގެންގޮސްފައިވަނީ މަޖީދީމަގާއި ޗާންދަނީ މަގާ ގުޅޭ ކަންމަތިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށެވެ.

މި ހިނގާލުމުގައި ބައިވެރިންވަނީ ރިލްވާން ކޮބައިތޯ އާއި އިންސާފު ހޯދައިދިނުމަށް އެދި އަޑު އުފުލާފައެވެ. އަދި މިމައްސަލާގައި ޒިންމާދާރު ވާން ޖެހޭ ފަރާތްތަކާއި ސުވާލުކުރުމަށް ގޮވާލާފައެވެ. ރިލްވާންގެ މައްސަލައިގައި ހިންގާފައިވާ ތަޙްޤީޤު ފުރިހަމަ ނޫންކަމަށާއި ތަހްޤީޤު ފުރިހަމަ ކުރުމަށް ހިނގާލުމުގެ ބައިވެރިން ވަނީ ގޮވާލާފައެވެ. ހިނގާލުން ނިންމާލުމަށްފަހު ހިނގާލުމުގެ ބައިވެރިން ވަނީ އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. އެގޮތުން ރިލްވާނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި ކުރާނެކަމަށާއި ކިތަންމެ ދުވަހެއް ވިޔަސް މިމަސައްކަތުގައި ދެމިތިބޭނެކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. ރިލްވާން ގެއްލުވާލި މައްސަލާގައި އެކި ފަރާތްތަކުން ވެފައިވާ އިހުމާލުތައް ފާހަގަކޮށް މިމައްސަލައިގައި ފުރިހަމަ ތަޙްޤީޤެއް ހިންގަންޖެހޭ ކަމަށް ވަނީ ވާހަކަދެއްކި މީހުން ފާހަގަކޮށްފައެވެ.

ރިލްވާން ގެއްލުވާލިތާ 4 އަހަރު މިއަދު ވެގެންގޮސްފައިވާއިރު ރިލްވާނަށް ވީގޮތެއް ކަމާބެހޭ އެއްވެސް އިދާރާއަކަށް އަދި ބުނެދެވިފައެއް ނުވެއެވެ. މީގެ ހަފްތާއެއް ހާ ކުރިން ކްރިމިނަލް ކޯޓުންވަނީ ރިލްވާން ގެއްލުވާލި މައްސަލާގައި ދައުވާ ކޮށްފައިވާ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ބުނެ ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި މިމައްސަލަ ތަހްޤީޤުކުރުމުގައި ފުލުހުން އިހުމާލުވެފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ. ހުކުމުގައި ބުނެފައިވަނީ، ތަހުގީގުގައި ކޮންމެހެން ދޫކޮށްލައިގެން ނުވާނެ އުސޫލުތަކަށް މި މައްސަލާގައި ފުލުހުން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ. އެހެންވެ މި މައްސަލައިގައި ދައުވާ އުފުލި އާލިފާއި ނޫރައްދީންގެ މައްޗަށް ސާބިތު ކުރެވޭނެ އެކަށީގެންވާ މިންވަރަށް ހެއްކެއް ނެތް ކަމަށް ކަނޑައަޅައި ޓެރަރިޒަމްގެ މައްސަލައިން އެ ދެ މީހުން ވަނީ ސަލާމަތްކޮށްދީފަ އެވެ.

ރިލްވާނަށް ވީނުވީއެއް ނޭންގި ގެއްލިފައިވާއިރު ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައިވަނީ ރިލްވާން މަރުވެފައި ވާކަމުގައެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ވަނީ އެކަމަށް މަޢާފަށް އެދިވަޑައިގެން އިރާދަކުރެއްވިއްޔާ ރިލްވާން މަރުނުވާނެކަމަށާއި ހޯދޭނެކަމަށް ވިދާޅުވެފައެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ރިލްވާންގެ އާއިލާއިން އަންނަނީ ހާމަކަން ބޮޑު ތަހްޤީޤެއް ކުރުމަށް ގޮވާލަމުންނެވެ. އަދި މިކަމުގައި އިހުމާލުވެފައިވާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ކަންކަން ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އަންނަނީ އެދެމުންނެވެ. ނަމަވެސް މިހާތަނަށް އާއިރު މިއިން އެއްވެސް ކަމަކަށް ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން އިޖާބަ ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް