ވަގުތީ ސިޔާސީ ފައިދާ ހޯދުމަށް ރިލްވާންގެ މައްސަލައިގައި ނާޖާއިޒް ފައިދާ ނުނެގުމަށް ރިލްވާންގެ އާއިލާއިން ސިޔާސީ ފަރާތްތަކަށް ގޮވާލައިފިއެވެ. ރިލްވާން ވަގަށް ނެގިތާ 4 އަހަރު މިއަދު ވުމާ ދިމާކޮށް ރިލްވާންގެ އާއިލާގެ ފަރާތުން ފާތިމަތު ޝެހެނާޒު އަދި މޫސާ ރިލްވާން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ރިލްވާންގެ މައްސަލާގައި ތަހްޤީޤީ އިދާރާތަކުން ވަނީ އޭނާއަށް ވީގޮތެއް އާއިލާއާ ހިއްސާކުރުމަށް ނުކުޅެދިފައި ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއްޔެ ރިލްވާން ވަނީ " ޝައްކެތްވެސް ނެތި މަރުވެފައި " ކަމަށް ވިދާޅުވި ވިދާޅުވުން އަޑުއެހީ ރުޅިވެރިކަމާއި ހިތާމަޔާއެކު ކަމަށް މި ނޫސްބަޔާނުގައިވެއެވެ. ރައީސް ޔާމީން އިއްޔެ މަޑަވެލީގައި އޮތް ރަސްމިއްޔާތުގައި ރިލްވާން ވަނީ މަރުވެފައިކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ފަރެސްމާތޮޑާ ގައި އޮތް ރަސްމިއްޔާތުގައި ވަނީ އެކަމަށް މަޢާފަށް އެދިވަޑައިގެންފައެވެ. އިރާދަކުރެއްވިއްޔާ ރިލްވާން މަރުނުވާނެކަމަށާއި އޭނާ ހޯދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޑަވެލީގައި ދެއްކެވި ވާހަކަފުޅުން ރިލްވާން މަރުވީތޯ ނޫންތޯ ނުނިންމާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރިލްވާންގެ އާއިލާގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ރިލްވާން ގެއްލުވާލުމުގެ މައްސަލަ އާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން، ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް ސުވާލުކުރަންޖެހޭނެކަމަށެވެ. އަދި މިކަން ހިނގާދިޔަ ގޮތް ފޮރުވައި ، އިންސާފަށް ހުރަސްއެޅުމުގައި ބައިވެރިވެފައިވާ ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ ދައުރު ރައްޔިތުންގެ މަޖިލީހުން ބަލާފާސްކުރުމަށް ގޮވާލާ ގޮވާލުން ވަނީ މި ބަޔާނުގައިވެސް ތަކުރާރުކޮށްފައެވެ. އަދި ރައީސް ޔާމީނާއި މިނިސްޓަރުންނަށް މިމައްސަލައާއި ބެހޭގޮތުން އެނގިވަޑައިގެންނަވާ ހުރިހާ މައުލޫމާތެއް އާއިލާއާއި ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ. 4 އަހަރު ވަންދެން އާއިލާއިން ކުރިމަތިކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދެއްވުމަށް ނުކުޅެދިފައިވީ ސަބަބު ވިދާޅުވެ ދެއްވުމަށް ވަނީ އެދިފައެވެ.
" ދެ އަހަރު ވަންދެން ފުލުހުން ވަނީ 8 އޮގަސްޓް 2014 ގައި 02:00 އެހާކަށްހާއިރު ހެކިވެރިން ރިޕޯޓްކުރި ރަހީނުކުރުމާއި ރިލްވާން ގަދަކަމުން ގެއްލުވާލުމާއި ގުޅުމެއް ނެތްކަމުން ބުނަމުންނެވެ. އެދުވަސްތަކުގެ ތެރޭގައި މައްސަލާގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް ވަނީ ފުރުވައިދީފައެވެ. މީގެއިތުރުން މައްސަލަ ސާބިތުކުރުމަށްޓަކައި ބޭނުންވާ މުހިންމު ހެއްކާއި ޤަރީނާވަނީ ގަޑުބަޑުކޮށް ގެއްލުވާލާފައެވެ. " މި ބަޔާނުގައި ރިލްވާންގެ އާއިލާއިން ބުނެފައިވެއެވެ.
ރިލްވާން ގެއްލުވާލިތާ 4 އަހަރު ވާން ހަފްތާއެއް ވުމުގެ ކުރިން ޖިނާޢީ ކޯޓުންވަނީ އޭނާ ގަދަކަމުން ގެއްލުވާލިކަމުގެ ޝަރީޢަތުގައި ދައުވާކުރި ދެމީހުންނަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި ދޫކޮށްލާފައިކަމުގައި މިބަޔާނުގައި ވެއެވެ. " ފުލުހުންގެ ތަހްޤީޤުގައި ވެފައިވާ އިހުމާލު ދެއްކުމަށްޓަކައި ހިންގި ޝަރީޢަތާއި، ރައީސް ޔާމީން އާއި އަދީބުގެ ބަސްމަގަށް ބެލުމުން އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ އެންމެ ކުޑަ މިނުން ދައުލަތުގެ ފަރާތުން މިކަމުގައި ބައިވެރިވެފައިވާ މިންވަރު ހާމަވެގެންދާކަމެވެ. " ބަޔާނުގައި ވެއެވެ.
އިންސާފުވެރި ދެފުށް ފެންނަ ނަޒާހަތްތެރި ތަހްޤީޤެއް ހިންގުމަށް ތަކުރާރުކޮށް ގޮވާލުމުންވެސް އެކަމަށް ފުލުހުން ވަނީ ބީރުކަންފަތެއް ދީފައިކަމުގައި އާއިލާއިން ވަނީ ބުނެފައެވެ. އަވަހަށް ހިންގަންޖެހޭ ތަހްޤީޤެއް އެކަށީގެންވާ ސަބަބެއް ނެތި ދިގުދައްމާލާފައިވާކަމަށް މިބަޔާނުގައި ވެއެވެ. އަދި ރިލްވާން ގެއްލުވާލާފައިވާތީ އެކަމާގުޅޭ މައުލޫމާތު ހޯދުމަށް އެވާހަކަ އާންމުކުރުމަށް އެދުމުން އެކަމަށް އިންކާރުކޮށް، ތަހްޤީޤު ހިނގާގޮތުގެ މައުލޫމާތު ހިއްސާކުރުމަށް އާއިލާއިން އެދުމުން އެކަމަށް ޖަވާބުދާރީ ވުމަށް ފުލުހުން ފަރުވާކުޑަކޮށްފައިވާކަމަށް އާއިލާގެ ފަރާތުން ނެރެފައިވާ މި ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
މިނިވަންނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި ފަހުން މިއަދަށް 4 އަހަރު ވެގެންދާއިރު މިއަދާ ހަމައަށްވެސް އޭނާ އަށް ވީގޮތެއް އަދި ވަނީ ނޭންގިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް