ޖިނާއީ އިޖުރާއާތުގެ ޤާނޫނު ގެ 211 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދަށް މިއަދު ޢަމަލުކުރަން ފަށަައިފިއެވެ. މި ޤަވާއިދު ޝާޢިއުކޮށްފައިވަނީ އިއްޔެެއެވެ.
ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވިގެންވާ މި ގަވާއިދުގައި، ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި، ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ އެއްގޮތް އުސޫލުތައް ހިމެނެއެވެ. އަދި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައްޔާއި، ކަފާލާތުގެ ދަށުން ދޫކުރުމާއި، ކޯޓު އަމުރު ނެރުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އެއްގޮތް އުޞޫލުތަކާއި، ހޭބިއަސް ކޯޕަސް އަމުރު ނެރެމާގުޅޭ އުޞޫލުތައް ހިމެނެއެވެ. އޭގެ އިތުރުން، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތަކާގުޅިގެން ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ފަދަ އުސޫލުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް ޢަމަލުކުރަން ފެށިނަމަވެސް، ޖުވެނައިލް ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 04 ގައި ބަޔާންކޮށްފައިވާ، ޤާނޫނުގައި ކުޑަކުދިންކަމުގައި ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުކަމުގައިވާތީ، ޤާނޫނުން، އެ ކޯޓުގެ ޠަބީޢަތުން އެ ކޯޓަށް ޚާއްޞަކުރެވިފައިވާ، ޝަރީޢަތްކުރުމާ ގުޅޭ އެންމެހައި އިޖުރާއަތުތައް އެ ޤާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް ވަނީ އިސްތިސްނާ ލިބިދީފައެވެ. އަދި ހަމައެހެންމެ، ޑްރަގް ކޯޓަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކި ޚާއްޞަ އިޖުރާއަތުތަކެއް ޚާއްޞަވެގެންވާ ކޯޓެއްކަމުގައިވާތީ، ޤާނޫނުން، އެ ކޯޓުގެ ޠަބީޢަތުން އެކޯޓަށް ޚާއްޞަކުރެވިފައިވާ، ޝަރީޢަތްކުރުމާ ގުޅޭ އެންމެހައި އިޖުރާއަތުތައް އެ ޤާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް ވެސް ވަނީ އިސްތިސްނާ ލިބިދީފައެވެ.
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގައި، އެ ޤާނޫނަށް ޢަމަލުކުރަންފެށުމާއެކު، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރަމުންދިޔަ ޖިނާއީ އިޖުރާއާތުގެ ޢާންމު އުސޫލުތައް އުވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އުވިގެންދާ އުސޫލުތަކުގެ ތެރޭގައި ތިރީގައިވާ އުސޫލުތައް ހިމެނޭނެކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
- ޝަރީޢަތްކުރުމާބެހޭ ގަވާއިދު 6.0 އާއި 6.1 ގައި ހިމެނޭ ޖިނާއީ އިޖުރާއާތުގެ ޢާންމު އުސޫލުތައް
- މީހުން ދިރިއުޅޭ ތަންތަން ބަލާފާސްކުރުމަށް ތަޙްޤީޤުކުރާ ފަރާތުން ވަނުމުގެ ހުއްދަދިނުމުގައި ކޯޓުން ޢަމަލުކުރާނެގޮތުގެ ގަވާއިދު
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު
- ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ގަވާއިދު
- ޖިނާއީ ކުށުގެ މައްސަލަތައް އަވަސްނިޔާއިން ނިންމުމާބެހޭ ގަވާއިދު
- ކަފާލާތުގައި ދޫކުރުމުގެ ގަވާއިދު
ޖިނާއީ އިޖުރާއާތުގެ ޤާނޫނު ގެ 211 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް