ރިލްވާނާ ގުޅޭގޮތުން ރައީސް ޔާމީން ދައްކަވަނީ ކަންބޮޑުވާ ވާހަކަތަކެއް – އިބޫ

މީގެހަތަރު އަހަރުކުރިން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާނާ ގުޅޭގޮތުން ރައީސް ޔާމީން ދައްކަވަނީ ކަންބޮޑުވާ ވާހަކަތަކެއްކަމުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާ...

07 Aug 2018 | 19:49

މީގެހަތަރު އަހަރުކުރިން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާނާ ގުޅޭގޮތުން ރައީސް ޔާމީން ދައްކަވަނީ ކަންބޮޑުވާ ވާހަކަތަކެއްކަމުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ވިދާޅުވެއްޖެއެވެ. ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ މިގޮތަށް ވިދާޅުވީ ރައީސް ޔާމީން މިހާރު ގއ އަދި ގދ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރިލްވާންގެ މައްސަލާގައި ދެ ރަށުގައި ދެގޮތަށް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

ގދ މަޑަވެލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިލްވާން ނިޔާވެފައިވާކަމަށާއި ޝައްކެތްވެސް ނެތްކަމަށެވެ. އަދި އެއީ ވަރަށް ހިތާމަ ހުރިކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ފަހުން ފަރެސްމާތޮޑާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ރިލްވާނާ ގުޅޭގޮތުން މަޑަވެލީގައި ދެއްކެވި ވާހަކަތަކަށް މަޢާފަށް އެދިވަޑައިގެންފައެވެ. އިރާދަކުރެއްވިއްޔާ ރިލްވާން މަރުނުވާނެކަމަށާއި އޭނާ ހޯދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޑަވެލީގައި ދެއްކެވި ވާހަކަފުޅުން ރިލްވާން މަރުވީތޯ ނޫންތޯ ނުނިންމާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މިއީ މަޖަލަކަށް ޖޯކަކަށް ހަދައިގެން ދައްކާވަރުގެ ވާހަކައެއް ނޫންކަމުގައެވެ.  ރިލްވާން އާއިލާ އާއި ރިލްވާންގެ މަންމަ ކަރުނައަޅަމުން އެދަނީ ރިލްވާނަށް ވީގޮތެއް ނޭންގިގެންކަމުގައި އިބޫ ވިދާޅުވިއެވެ. " މިހެން ކަން އޮތް އިރު ރާއްޖޭގެ ވެރިޔަކަށް ހުންނެވި ބޭފުޅަކު މަޖަލަށް ހަދައިގެން މިވާހަކަ ދައްކަމުން މިދަނީ. އަޅުގަނޑު ހިތަށް އަރާ އެމަނިކުފާނަށް އޭގެން އުފާލިބެނީބާއޭ ބަޔަކަށް އަނިޔާލިބުނީމާ. މިއީ ވަރަށް އިހާނެތިކޮށް އެމަނިކުފާނު ކުރައްވާކަމެއް. " އިބޫ ވިދާޅުވިއެވެ.

އިބޫ ވަނީ މީގެކުރިންވެސް ވިދާޅުވަމުން ގެންދެވި ފަދައިން މިފަދަ މައްސަލަތައް ހާމަކަން ބޮޑުގޮތެއްގައި ބަލައި ތަޙްޤީޤުކޮށް ، ދެފުށް ފެންނަ ގޮތަކަށް ބަލައި ހަޤީޤަތް އޮޅުން ފިލުވައިދޭނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އެދުވަހުން ރައީސް ޔާމީން އެކަމަށް ޖަވާބު ދާރީވެވަޑައިގެންނަވަން ޖެހޭނެކަމަށް އިބޫ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް