އިދިކޮޅު ކޯލިޝަންގެ ވެރިކަމުގައި ފަނޑިޔާރު ގެތަކަށް ސިޔާސީ ނުފޫޒު އެއްވެސް ގޮތަކަށް ނުފޯރުވާނެކަމަށް އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ވިދާޅުވެއްޖެއެވެ. ލ.ގަމުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ފަނޑިޔާރު ގެތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ދޭނެކަމުގައެވެ.
މިއަދުގެ ހާލަތު އޮތީ އެގޮތަށް ނޫންކަމަށާއި އެތައް ޖަރީމާއެއް ހިންގާފައިވާ މީހުން މިނިވަންކަމާއެކު އުޅެމުންދާކަމަށް އިބޫ ވިދާޅުވިއެވެ. ފަނޑިޔާރުގެތަކާއި ކޯޓުތައް އިސްލާހުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން މިހާރު އުފެދިފައިވާ ގޮތް ބަދަލުކުރަން ޖެހޭކަމަށް އިބޫ ވިދާޅުވިއެވެ. " ސިޔާސީ ބޭނުމަށްޓަކައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ފަނޑިޔާރު ގެތަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަން މެދުވެރިކޮށްގެން ބާރު ފޯރުވަމުންދާކަން އެއީ އަޅުގަނޑުމެންނަށް ފެންނަން އޮތް ހަޤީޤަތެއް. ކޯޓަކަށް ފަނޑިޔާރަކު ލިޔަސް ޕްރޮމޯޝަނެއް ދިނަސް،ވަކިކުރިޔަސް މިކަންކަން ކުރަމުން މިދަނީ ސިޔާސީ ފައިދާއަށް ޓަކައި. އެނޫން އެއްވެސް ސަބަބެއް އޮވެގެންނެއް ނޫން. " އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ޖޭއެސްސީ އެކުލަވާލާއިރު ކޮމިޝަންގައި ފަނޑިޔާރުން ނުތިއްބަވާނެކަމަށެވެ. ފަނޑިޔާރުން ފަނޑިޔާރުންގެ މައްޗަށް ގޮތް ކިޔާބައެއްގެ ގޮތުގައި ޖޭއެސްސީ އެކުލަވާ ނުލާނެކަމަށާއި މިއީ ގުޅިފައިވާ ކޯލިޝަނުން އެކުލަވާލާފައިވާ މެނިފެސްޓޯގައި މިހާރުވެސް އެއްބަސް ވެފައިވާ ކަމެއް ކަމަށް އިބޫ ވިދާޅުވިއެވެ.
" ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވަކި މުއްދަތަކަށް އެކުލަވާލާ ކޮމިޝަނަކަށް ހަދާ ތިން އަހަރުން ތިން އަހަރުން ބަދަލުކުރާ ކޮމިޝަނެއްގެ ގޮތުގައި ޖޭއެސްސީ އެކުލަވާލާނަން. " އިބޫ ވިދާޅުވިއެވެ.
ރާއްޖޭގައި ޤާބިލް ފަނޑިޔާރު އެބަތިއްބެވި ކަމަށާއި އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެފަރާތްތަކަށް ކޯޓުތަކުގައި ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު ހޯދައިދޭނެކަމަށް އިބޫ ވިދާޅުވިއެވެ. ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޢަދުލު އިންސާފު ޤާއިމުވެފައި ނެތުންކަމަށް އިބޫ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް