މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުންތަކެއް މީހެއްގެ ގައިގާ ތަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވުމާއެކު ފެންމަތިވި މައްސަލައާއި ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑްކޮށް އެ ފުލުހުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ތަހްގީގާއި ގުޅިގެން ހަތް މުވައްޒަފަކު މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައި ކަމަށެވެ. މީގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައިވެސް މި މައްސަލަ ބައްލަވައިދެއްވުމަށް އެދި ދަންނަވާފައި ކަމަށާއި އަދި މި މައްސަލައިގާ ޖިނާއީ ތަހްގީގެއް ހިންގުމަށް މިހާރުވެސް ވަނީ ހާއްސަ ޓީމެއް އެކުލަވާލާ އެ މަސައްކަތް ހަވާލުކުރެވިފައި ކަމުގައިވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
"މި އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުން ޑޮކްޓަރަށް ދައްކައި އެމީހުންނަށް ފަރުވާދީފައިވެއެވެ. ނަމަވެސް މި އޮޕަރޭޝަންގައި ފުލުހުން ކޮށްފައިވާ އަނިޔާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ މި ހާދިސާއާއި ގުޅުންހުރި ފޮޓޯތަކެއް ނޫންކަމުގައި ދަންނަވަމެވެ." ފުލުހުން ބުނެފައިވެއެވެ.
އެދެމީހުން ޑޮކްޓަރަށް ދައްކައި ފަރުވާދީފައިވާކަމަށް ބުނެފައިވާއިރު މީގެ ކުރިން އެނގިފައިވަނީ ފުލުހުން އަނިޔާކުރީ ހަމަ އެކަނި އެކަކަށް (ވީޑިއޯއިން ފެންނަ މީހާއަށް) ކަމެވެ. ނަމަވެސް ފުލުހުންގެ ބަޔާނުގައި ދެމީހަކަށް ފަރުވާދިންކަމަށް ބުނެފައިވުމުން ދެމީހުންނަށްވެސް ފުލުހުން އަނިޔާކުރިކަމާއިމެދު ސުވާލު އުފެދެއެވެ.
މި ސްޓޭޓްމަންޓާއިމެދު ރަސްމީ ބަހެއް ހޯދާލުމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރަށް ގުޅާލުމުން ވިދާޅުވީ ދެވަނަ މީހާއަށް އަނިޔާވީކަމެއް ނުވަތަ ކުރީކަމެއް ސާފުވާނީ ތަހުގީގުން ކަމަށެވެ.
"ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި މިނިވަން މުއައްސަސާތަކުން މި މައްސަލަ ތަހްގީގުކުރަމުން ދަނިކޮށް، އެ އަމަލުތައް ހިންގީ ވަކި ބައެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯޖަހާ، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ ބިރުދައްކަމުންދާތީ، ސައްހަ ނޫން މައުލޫމާތު މިފަދަ ގޮތްގޮތަށް ދައުރު ނުކުރެއްވުމަށް މި ސާވިސްއިން އިލްތިމާސް ކުރަމެވެ" ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ރޭ ކަންތައް ހިނގާދިޔަގޮތްވެސް ފުލުހުންގެ ނޫސްބަޔާނުގައި ހާމަކޮށްފައިވެއެވެ. އެގޮތުން އެ ގެ ބަލާ ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމާއި، އެ ގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމާއި އެގެއިން ފިލަން އުޅުނު 28 އަހަރުގެ ދިވެހި ފިރިހެނަކު މަގުމަތިން ހައްޔަރު ކުރި ކަމާއި އެގެއިން 461 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނުކަންވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ފުލުހުންގެ ފަރާތުން، ފުލުހުންގެ 'ކޯޑް އޮފް އެތިކްސް' އާއި 'ކޯޑް އޮފް ކޮންޑަކްޓް' އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ. މިގޮތުން، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅު ކުރުމަށްޓަކައި މި ސާވިސްގެ ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިންވެސް ގިނަގުނަ މަސައްކަތްތައް ދަނީ ރާވާ ހިންގަމުން ކަމަށާއި އަދި ދިވެހިރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންދާނެކަމުގެ ޔަގީންކަންވެސް އަރުވާކަމުގައިވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް