ރިލްވާން ގެއްލުނު މައްސަލަ ތަހުޤީގުކުރާ ކޮމެޓީ ސިއްރުކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ މައްސަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ މިއަދު ސިއްރުކޮށް...

08 Jul 2019 | 13:04

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ މައްސަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ މިއަދު ސިއްރުކޮށްފި އެވެ.

އެ ކޮޮމެޓީގެ ބައްދަލުވުން މިއަދު ބާއްވާފައިވަނީ މިއަދު މެންދުރުފަހު 2 ޖެހިއިރުއެވެ. ރިލްވާން ގެއްލުނު މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރާ ކަމަށް ކުރަމުން ދިޔަ ތުހުމަތުތައް ބަލައި ކަމާބެހޭ ފަރާތްތައް ޒިންމާދާރުކުރުވަން އެ ކޮމިޓީން މަސައްކަތް ފަށާފައި ވަނިކޮށް، ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ މަޖިލީހަށް ރިޕޯޓެއްވެސް ހުށަހަޅައިފަ އެވެ.

އޮގަސްޓު، 2014 ގައި ރިލްވާން ކިޑްނެޕްކުރުމުގެ ދައުވާ އުފުލީ، ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ކުރި ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވި އެވެ. އެއީ ކޯޓުގެ ހުކުމުގައިވާ ގޮތުން ފުލުހުން ތަހުގީގު ފުރިހަމަ ނުކޮށް އޮތުމުންނެވެ.

އެ ދައުވާ ސާބިތުވި ނަމަ އާލިފާއި ނޫރައްދީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެއެވެ.

ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވައިލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުވައިލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް