ކަރަލަކީ ރާއްޖޭގައި ދަނޑުވެރިކަންކުރާ ހުރިހާ ރަށްތަކެއްގައިވެސް ހައްދާ އެންމެނަށްވެސް ވަރަށް ކަމުދާ މޭވާއެކެވެ. ހަމަ އެހެންމެ ރޯދަ މަސް އައިއްސި ނަމަ ގޭގެ ސުފުރާމަތިން ނުގެއްލޭ މި މޭވާއަކީ އޭގައި ސިއްހީ ގޮތުންވެސް އެތަކެއް ފައިދާތަކެއް އޭގައި އެކުލެވިގެންވާ، ހަމަ އެހެންމެ އޭގައި 92 އިންސައްތަ ފެން އެކުލެވިގެންވާ މޭވާއެކެވެ.
ކަރާއިން ލިބިދޭ ސިއްޙީ ބައެއް ފައިދާތައް:
ސްޓްރޯކްޖެހުމުން ރައްކާތެރިކޮށްދިނުން : ކަރާ އަކީ ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށްދީ، ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ އެއްޗެކެވެ. ހޫނު ގައުމުތަކުގައި އުޅޭ މީހުން ހޫނު މޫސުމުގެ ދުވަސްވަރު، ކޮންމެ ދުވަހަކު މެންދުރުފަހު، ކަރާ ކައިއުޅެއެވެ. އެއީ ހޫނުގެ ސަބަބުން ސްޓްރޯކްޖެހުން މެދުވެރިވިޔަ ނުދިނުމަށްޓަކައެވެ.
ހަކުރު ބަލި : ހަކުރު ބަލީގެ މީހުންނަކީ ކެއުމުގައި ވަރަށް ބަލައިގެން އުޅެންޖެހޭ ބައެކެވެ. އެގޮތުން ކެއުމުގައި ހަކަތައާއި ކެލޮރީ މަދު، ހަކުރު މަދު ކެއުމެއް ޚިޔާރުކުރަން ޖެހެއެވެ. އަދި ރަގަޅަށް ނުކެވޭތީ މިފަދަ މީހުން އަބަދުވެސް ބަނޑުހައިވެގެން އުޅޭކަމުގެ ޝަކުވާ ކުރެއެވެ. މިފަދަ މީހުންނަށް ކަރާ އަކީ ރަގަޅު ކެއުމެކެވެ. ފޮނި ރަހަލާ ނަމަވެސް، ކަރާއިން ލިބޭނީ ވަރަށް މަދު މިންވަރެއްގެ ކެލޮރީ އެކެވެ. އަދި މީގެ އިތުރުން ކަރާގައި ހިމެނޭ ވިޓަމިންތަކާއި ޕޮޓޭސިއަމް އަދި މެގްނީޒިއަމް ފަދަ މައުދަންތަކަކީ އިންސިއުލިންގެ މަސައްކަތް ރަަގަޅުކޮށް، ލޭގައި ހަކުރުގެ މިންވަރު ދަށްކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ކަރާގައި ހިމެނޭ އާރޖިން އަކީ ވެސް އިންސިއުލިންގެ ސަބަބުން ހަކުރުގެ މިންވަރަށް އަސަރުކުރުމަށް ބާރުފޯރުވާ މާއްދާ އެކެވެ.
ހިތުގެ ފަރުވާ : ކަރާ ގައި ކެރޮޓިނޮއިޑް އެއްކަމުގައިވާ "ލައިކޯޕީން"(Lycopene) ހުރެއެވެ. މިއީ ހިތުގެ މަސައްކަތް ރަގަޅުކޮށްދޭ މާއްދާ އެކެވެ. ކަރާގައި ހިމެނޭ ބީޓާ ކެރޮޓީން އަކީ އެންޓި އޮކްސިޑެންޓަކަށްވުމުން އުމުރުން ދުވަސްވުން ލަސްކޮށޮް ދެއެވެ. އަދި އުމުރުން ދުވަސްވުމުން ދިމާވާ ހިތުގެ މައްސަލަތަކުން ދުރުވެއެވެ. ކެރޮޓިނޮއިޑް، ވިޓަމިން ސީ، އަދި ޕޮޓޭސިއަމް ގުޅިގެން ލޭގެ ސަރުބީގެ މިންވަރު ދަށްކޮށް، ހިތަށް ރައްކާތެރިކަން ހޯދައިދެއެވެ.
ސަރުބީގެ މިންވަރު ދަށްކުރުން : ކަރަލަކީ ލޭހޮޅީގެ ފާރުގައި ސަރުބީ ތަތްވެ ހަރުލުމުން މިންޖުކޮށް، ރަގަޅު ސަރުބީގެ މިންވަރު މަތިކޮށް، ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. މިއީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
ލޭމައްޗަށްދިއުން : ކަރާގައި ޕޮޓޭސިއަމް ހުންނަ ފަދައިން މެގްނީޒިއަމް ވެސް ހުރެއެވެ. މިދެމާއްދާ އަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ބޭނުންތެރި ދެމާއްދާ އެވެ. ކަރާގައި ހިމެނޭ ކެރޮޓިނޮއިޑްގެ ސަބަބުން، ލޭހޮޅީގެ ފާރު ހަރުވެ، ހަލާކުވުން ކުޑަކޮށް ދެއެވެ. މިއީ ލޭގެ ޕްރެޝަރު ދަށްވާނެ ކަމެކެވެ. އެހެނީ ލޭހޮޅީގެ ފާރު ހަރުވެ، ލޭހޮޅި ބެދި، ލޭހޮޅީގެ ތެރޭގައި ޕްރެޝަރާއި އެކު ލޭދައުރުވުމަކީ ލޭމައްޗަށްދިއުމުގެ މައިގަނޑު އެއް ސަބަބެވެ.
ހާރޓް އެޓޭކް : ފޮލިކް އެސިޑް އަދި އެހެނިހެން ވިޓަމިންތައް ހުރުމަކީ ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.
ކެންސަރުން ރައްކާތެރިވުން : ކަރަލަކީ ލައިކޯޕީންގެ ތަބީޢީ މަޞްދަރެކެވެ. ލައިކޯޕީން އަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ބާރާއި، އެއިން ޞިއްޙަތަށް ކުރާ ފައިދާގެ ސަބަބުން ވަރަށް މުހިއްމު މާއްދާއަކަށް އަބަދުވެސް އޮންނަނީ ވެފައެވެ. ލައިކޯޕީން އަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ލައިކޯޕީން ކާނާއާއެކު ގިނައިން ހަށިގަނޑަށް ލިބުމަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. އެހެން ދިރާސާއެއްގައި އިރުޝާދު ދީފައިވަނީ ލައިކޯޕީން ހިމެނޭ މޭވާ އާއި ތަރުކާރީ ބޭނުންކުރުމަކީ ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިކޮށްދީފާނެ ކަމެއްކަމަށެވެ. މީގެ އިތުރުން ކަރަލުގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން ވެސް ކެންސަރާއި ހަނގުރާމަކޮށް ކެންސަރުން ރައްކާތެރިކޮށް ދެއެވެ. އެގޮތުން ކެންސަރު ޖައްސަނިވި ފްރީރެޑިކަލްތައް ހަލާކުކޮށް ނެތިކޮށްލާ މިންވަރަށް ކަރަލުގައި އެންޓި އޮކްސިޑެންޓް ހުރެއެވެ.
ހަކަތަ އުފެއްދުން : ކަރަލުގައި ވަރަށް ގިނައިން ވިޓަމިން ބީގެ ބާވަތްތައް ހުރެއެވެ. މިއީ ހަށިގަނޑުގައި ހަކަތަ އުފެއްދުމުގައި ޒިންމާވާ ވިޓަމިންތަކެކެވެ. މީގެ މާނައަކީ ކަރާ ކާނަމަ، ހަކަތައާއި ބާރު ހަށިގަނޑަށް ފޯރުކޮށްދޭ ކަމެވެ. މީގެ އިތުރުން މެގްނީޒިއަމް އަދި ޕޮޓޭސިއަމް ފަދަ ބޭނުންތެރި މާއްދާތައް ކަރަލުން ހަށިގަނޑަށް ލިބެއެވެ. ކަސްރަތު ކުރުމުގެ ކުރިން ބާރު ޖައްސާ ބުއިމެއް ބޯލުމުގެ ބަދަލުގައި އެގަނޑީގައި ކަރާ ބޭނުން ކުރެވިދާނެ އެވެ. ކަރަލުގައި ފެން ގިނައިން ހުރުމަކީ ހަށިގަނޑުގައި ފެނުގެ ނިސްބަތް އެބޭނުންކުރުމުން ރަގަޅުކޮށްދޭ ކަމެކެވެ.
އަރިދަފުސް ރޯގާ ޖެހުން ދުރުވުން : ކަރަލުގައި ވިޓަމިން ސީ ހިމެނެއެވެ. މިއީ ދިފާޢީ ބާރު ރަގަޅުކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ވިޓަމިން ސީ ލިބޭ ކާނާ ބޭނުންކުރާނަމަ، އަރިދަފުސްރޯގާ ފަދަ ބަލިތައް ޖެހުން ދުރުކޮށްދީ، ބަލިޖެހުނު ނަމަވެސް ވަރަށް އަވަހަށް ރަގަޅުވާގޮތް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް