މަގޫދޫ ތިޖޫރި ފަޅާލި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ފ. މަގޫދޫ ކައުންސިލު އިދާރާގެ ތިޖޫރި ފަޅާލި މައްސަލައިގާ ހައްޔަރުކުރި ނުވަ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ނުވަ މީހުން...

08 Jul 2019 | 11:03

ފ. މަގޫދޫ ކައުންސިލު އިދާރާގެ ތިޖޫރި ފަޅާލި މައްސަލައިގާ ހައްޔަރުކުރި ނުވަ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ނުވަ މީހުންގެ ބަންދުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހު، ކޯޓުން އިތުރުކޮށްދީފައިވާކަމަށެވެ.

"ބައެއް މީހުންނަށް 8 ދުވަސް ބައެއް މީހުންނަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދިނީ" މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރު އެ ކައުންސިލުގެ ތިޖޫރި ފަޅާލީ އެ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑަކަށް އިން މީހާ ބަނުމަށްފަހު އެ އިދާރާގެ ދޮރުވެސް ހަލާކުކޮށްލައިގެންނެވެ.

ޖެހިގެން އައި ދުވަހު އެމީހުން ހައްޔަރުކޮށްފައިވަނީ ދޯންޏަކާއި ޑިންގީއެއްގައި ދަތުރުކުރަނިކޮށެވެ. އޭގެ ތެރޭގައި 23 އަހަރާއި 38 އަހަރާއި ދެމެދުގެ ނުވަ މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އޭގެ ތެރެއިން އެކަކީ އެ ރަށަށް ނިސްބަތްވާ މީހެކެވެ. އަދި އެއީ ކައުންސިލުގެ ކޮންމެވެސް މެމްބަރަކާއި އާއިލީ ގޮތުންވެސް ގުޅުން އޮންނަ މީހެކެވެ. މީގެ އިތުރުން، ސަލްޓަން ޕާކުގައި ބޮން ގޮއްވާލި ހާދިސާގައި ހައްޔަރުކޮށް ހުކުމްކޮށް ހުކުމް ތަންފީޒުކޮށްފައިވާ މީހަކުވެސް އެ ނުވަ މީހުންގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް